23 އޯގަސްޓް 2019
އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޮވާ މެޗުގައި މިއަދު ހަވީރު ތުރުކުމެނިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެ ރާއްޖެ މުބާރާތުގެ ހަތަރު ވަނައިން ފުއްދާލަން ޖެހިއްޖެ އެވެ.
އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޮވާ މެޗުގައި މިއަދު ހަވީރު ތުރުކުމެނިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެ ރާއްޖެ މުބާރާތުގެ ހަތަރު ވަނައިން ފުއްދާލަން ޖެހިއްޖެ އެވެ.
ތުރުކުމެނިސްތާނުން ސެޓުތައް ގެންދިޔައީ 25-19، 25-20 އަދި 25-19 އިންނެވެ. ސެމީގައި ތުރުކުމެނިސްތާން ބަލިވީ ރާއްޖޭގެ މައްޗަށް ވެސް މި މުބާރާތުގައި ކުރިހޯދި ކިރްގިސްތާން އަތުންނެވެ. ހަތް ގައުމު ވާދަކުރި މި މުބާރާތުގައި ރާއްޖޭން މި ފަހަރު ތަށްޓަށް ޓާގެޓް ކޮށްގެން ނުކުތް ނަމަވެސް އެކަން ހާސިލްނުވިއިރު، ތިން ވަނަ ވެސް ނުލިބުނެވެ.
ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ޓީމުގެ ފަރާތުން މިއަދު ދަށް ކުޅުމެއް ފެނިގެންދިޔައިރު ޓީމު ތެރޭގައި މެޗުން މޮޅުވެ ތިން ވަނަ ހޯދަން ބޭނުންވާ ފަދަ ރޫހެއް ވެސް ނެތް ކަމަށެވެ.
"މުޅި މެޗަށް ބަލާއިރު އަޅުގަނޑަށް ދެންނެވޭނީ މެޑަލް ހޯދަން އުޅޭ ކަހަލަ ރޫހެއްގައެއް ނޫން ޓީމަށް ކުޅެވިފައި އޮތީކީ. ޓީމުގެ ކޯޓު މަތީގައި އެ އޮންނަ ފޯރި ވެސް އެއްގޮތަކަށް ވެސް ނުފެނޭ. ވާނެ ގޮތަކީ ޓީމު ތެރޭގައި (މި މެޗުގައި) ނެތް ކަމެއް ކިހިނެއް އަޅުގަނޑުމެން ނެރޭނީ،" މެޗަށް ފަހު ކާއްޓެ ބުންޏެވެ.
ނޭޕާލުގެ ޓްރިބުވާން އާމީ ކްލަބްގެ އިންޑޯ ކޯޓުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ތުރުކުމެނިސްތާނުން ފުރަތަމަ ސެޓުގެ ޓެކްނިކަލް ޓައިމްއައުޓާ ހަމައަށް ދިޔައިރު ލީޑުގައި އޮތީ 8-6 އިންނެވެ. ރާއްޖޭން ސެޓުގެ މެދަކާ ހަމައިން ދެ ފަހަރެއްގެ މަތިން އެއްވަރުކުރި އެވެ. އެއީ 13-13 އާއި 18-18 އިންނެވެ. އެކަމަކު އޭގެ ފަހުން ގިނަ ގޯސްތަކެއް ހެދިގެން ތުރުކުމެނިސްތާން ސެޓު ގެންދިޔައީ 25-19 އިންނެވެ.
ދެ ވަނަ ސެޓު ފަށައިގެން ވެސް ހަމަހަމަކޮށްދިޔަ ނަމަވެސް އަބަދުވެސް ލީޑުގައި އޮތީ ތުރުކުމެނިސްތާނެވެ. އެކަމަކު ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ރަނގަޅު ކުޅުންތަކަކާ އެކު ރާއްޖޭން ސެޓުގެ މެދުތެރެއިން އެއްވަރުކުރި އެވެ. އެކަމަކު އޭގެ ފަހުން ވެސް އަނެއްކާ ވެސް ގޯސްތަކެއް ތަކުރާރުވެ ރާއްޖެ އަށް ސެޓު ގެއްލުނީ އެވެ. މި ސެޓު ދިޔައީ 25-20 އިންނެވެ.
ރާއްޖެ އަށް ފުރަތަމަ ދެ ސެޓު ގެއްލި، ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެންނަން ފެށުމުން ކޯޗު ކާއްޓެ ވަނީ ބަދަލުގައި އެހެން ކުޅުންތެރިންތަކަކަށް ފުރުސަތުދީފަ އެވެ. އެކަމަކު އެ ކުޅުންތެރިންނަށް ވެސް މި މެޗުގެ ނަތީޖާ ބަދަލުކުރެވޭނެ ފަދަ ކުޅުމެއް ނުދެއްކުނެވެ. ތުރުކުމެނިސްތާނުން ދިޔައީ އެ އަށް ވުރެ ވަރުގަދަ ރޫހެއްގައި ކުޅެމުންނެވެ. ނަތީޖާ އަކަށްވީ މި ސެޓު 25-19 އިން ގެންގޮސް ތުރުކުމެނިސްތާން މުބާރާތުގެ ލޯ މެޑަލް ހޯދުމެވެ.
މި މެޗާ އެކު މި ފަހަރުގެ މުބާރާތް ރާއްޖެ އަށް ނިމުނުއިރު، މިއީ 16 އަހަރު ގައުމީ ޓީމަށް ކުޅުމަށް ފަހު ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޖޯޒީގައި ފެނުނު ފަހު މެޗެވެ.
ވޮލީގެ ބޮޑު ދެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި
ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ގައުމީ ވޮލީ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ
އަލަށްނެގި ޒުވާން ކުޅުންތެރިން ވޮލީގެ ފައިނަލް ސްކޮޑަށް
މަގާމުގައި ދެމިހުރެއްޖެ ނަމަ ބަދަލު ގެންނާނަން: ކާއްޓޭ
ކާމިޔާބަކުން ނިންމާލުން: އާ ފެށުމަކަށް މުހިއްމު
ސެމީން ކަޓައި ރާއްޖެ ތިން ވަނަ ހޮވާ މެޗަށް
މި ޖޯޝުގައި ކުޅެގެން ކާމިޔާބު ހޯދޭނެ: ކޯޗު
ނޭޕާލް އަތުން ބަދަލުހިފަން ރާއްޖެ އަށް ފުރުސަތެއް
ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވެއްޖެ