Roadha Mihaaru
ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

ކިރްގިސްތާން އަތުން ރާއްޖެ ބަލިވެއްޖެ، ސެމީގެ ފުރުސަތު ނުގެއްލޭ

20 އޯގަސްޓް 2019

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިރޭ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ. އެކަމަކު ދެ ވަނަ މެޗުން މާދަމާ، މުބާރާތް ބާއްވާ ގައުމު ނޭޕާލް އަތުން މޮޅުވެގެން ރާއްޖެ އަށް ސެމީ ފައިނަލަށް ދެވޭނެ އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިރޭ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ. އެކަމަކު ދެ ވަނަ މެޗުން މާދަމާ، މުބާރާތް ބާއްވާ ގައުމު ނޭޕާލް އަތުން މޮޅުވެގެން ރާއްޖެ އަށް ސެމީ ފައިނަލަށް ދެވޭނެ އެވެ.

މިއަދުގެ މޮޅާ އެކު، އެންމެ ފަހުގެ ޗެމްޕިއަން ކިރްގިސްތާން ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުން އިއްޔެ ނޭޕާލް އަތުން މޮޅުވެފަ އެވެ. ތިން ޓީމު ވާދަކުރާ ގްރޫޕް އޭ ގެ އެއް ވަނަ ކިރްގިސްތާން ހޯދީ ހަ ޕޮއިންޓާ އެކު އެވެ. މާދަމާ ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމެއް ސެމީ އަށް ދާނެ އެވެ.

ނޭޕާލުގެ ޓްރިބުވާން އާމީ ކްލަބްގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 25-15، 26-24 އަދި 25-19 އިންނެވެ.

ފުރަތަމަ ސެޓުގައި ކިރްގިސްތާނުން މެޗު ފަށައިގެން ލީޑު ދެމެހެއްޓި އެވެ. ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓްގައި ތިން ޕޮއިންޓުގެ ލީޑެއްގައި އޮތްއިރު، ދެ ވަނަ ޓެކްނިކަލް ޓައިމް އައުޓްގައި އެ ލީޑު ހަ ޕޮއިންޓަށް ފުޅާކުރި އެވެ. ރާއްޖެ ޓީމަށް ނޭޕާލުގެ އެޓޭކްތައް ހުއްޓުވުމުގައި އުނދަގޫތަކެއް ދިމާވި މި ސެޓު ކިރްގިސްތާނުން ގެންދިޔައީ 25-15 އިންނެވެ.

ރާއްޖެ އަށް މި މެޗު ގެއްލުމުގައި އެންމެ ބޮޑު މައްސަލަތަކެއް ދިމާވީ ދެ ވަނަ ސެޓުގަ އެވެ. މި ސެޓުގެ ބޮޑުބައިގައި ރާއްޖެ ބޮޑު ލީޑެއްގައި އޮތެވެ. އެކަމަކު ކުރިން ވެސް ދިމާވި މައްސަލަ މި މެޗުގައި ވެސް ތަކުރާރުވެ، ސެޓު ނުނިންމުމުގެ ނަތީޖާ އަކަށްވީ ކިރްގިސްތާނުން ފުރުސަތުގެ ބޭނުންހިފައި ސެޓު ނިންމުމެވެ.

ދެ ވަނަ ސެޓު ފަށައިގެން ރާއްޖެ ލީޑުގައި އޮވެ ކުޅެމުންދިޔައިރު، މި ސެޓުގެ ކުރީކޮޅުގައި ރާއްޖޭގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) ވަނީ މޮޅު ދެ ބޯޅައެއް ކިރްގިސްތާން ކޮޅަށް ވައްޓާލައިފަ އެވެ. އަދި މި ސެޓުގައި ރާއްޖޭން ދެ ޓެކްނިކަލް ޓައިމްއައުޓުގައި ވެސް ލީޑުގައި އޮތްއިރު، ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހޯލުގައި ތިބި ނޭޕާލުގެ ސަޕޯޓަރުން ވެސް ދިޔައީ ދިވެހި ކުޅުންތެރިންނަށް ސަޕޯޓްކުރަމުންނެވެ. އެއީ އިއްޔެ ނޭޕާލް އަތުން ކިރްގިސްތާން މޮޅުވެފައިވާތީ އެވެ.

މައްސަލަ ދިމާވަން ފެށީ ކިރްގިސްތާނުން 22-22 އެއްވަރުކުރި ހިސާބުންނެވެ. އޭގެ ފަހުން ވެސް ކައިރި ކައިރިން ދެ ބޯޅައެއް ކިރްގިސްތާނުން ރާއްޖެ ކޮޅަށް ވައްޓާލިއިރު، ކިރްގިސްތާނަށް މި ސެޓުގައި ލީޑު ލިބުނު ހަމައެކަނި ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން ސެޓު ނިންމާލި އެވެ.

ދެ ވަނަ ސެޓު އެހާ ވާދަވެރިކޮށް ގޮސް ގެއްލުމުން ތިން ވަނަ ސެޓުގައި ރާއްޖެ ފެނުނީ ވަރުބަލިކޮށެވެ. އެކަމަކު ދެ ފަހަރެއްގެ މަތިން މި ސެޓުގައި ވެސް ރާއްޖޭން ވަނީ ކިރްގިސްތާނާ އެއްވަރުކޮށްފަ އެވެ. އެކަމަކު ފަހުކޮޅުގައި ކިރްގިސްތާނުން ދެއްކި ތަފާތާ އެކު އެ ޓީމުން ތިން ވަނަ ސެޓު 25-19 އިން ގެންގޮސް މެޗުން މޮޅުވި އެވެ.

ކެޕްޓަން ހުޒަންޓެ ބުނީ ކުރިން ވެސް ބުނިގޮތަށް މައްސަަލަ ދިމާވީ ސެޓު ނިންމާލުމުގައި ކަމަށާއި ދެ ވަނަ ސެޓުގައި އެހާ ބޮޑު ލީޑެއްގައި އޮވެ ދިޔަ ގޮތުން ފަހު ސެޓުގައި ޓީމަށް ވަރުބަލިކަމުގެ މައްސަަލަތައް ދިމާވި ކަމަށެވެ. އަދި ރަނގަޅު ކުޅުމެއް ދައްކައި ބޮޑު ލީޑެއް ލިބުމުން ރާއްޖޭން ސެޓު ނިންމާލަން ދަސްކުރަންޖެހޭ ކަމަށް ބުންޏެވެ.

ރާއްޖެ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނީ ދެ ވަނަ ސެޓު ދިޔަ ގޮތުން މެޗަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި ފެނިގެންދިޔައީ ވަރަށް އާދައިގެ ގޯސްތަކެއް ހެދުނުތައް ކަމަށެވެ. އަދި މި މެޗުގައި ޖުމްލަ ގޮތެއްގައި ރަނގަޅަށް ކުޅުނު ކަމަށާއި އުއްމީދަކީ މި އަށް ވުރެ ރަނގަޅަށް މާދަމާ ނޭޕާލާ ދެކޮޅަށް ކުޅުމަށް ކަމަށް ކާއްޓޭ ބުންޏެވެ.

"ދެ ވަނަ ސެޓު ނުލިބުން އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ. ބޮޑު ލީޑެއްގައި އޮތީމަ ކުޑަކޮށް ބިރުގަނެފައި ތިބޭ ކަހަލަ އިހުސާސެއްވީ ކަންނޭނގެ ކުޅުންތެރިންނަށް އޮތީ. ޝޮޓް ޖަހައިގެން އޯކޭ. އެކަމަކު ފައިބުޑަށް ވައްޓާލި ބޯޅަތަކެއްގެ ސަބަބުން އަސްލު އެ ސެޓު ދިޔައީ،" ކާއްޓެ ބުންޏެވެ.

މުބާރާތުގެ ތަށްޓަށް ޓާގެޓްކޮށްގެން އައި ރާއްޖެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރަން މާދަމާ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 4:15 ގަ އެވެ.