Roadha Mihaaru
"އިތުބާރު އެބައޮތް، މި ޓީމަށް މަދުވަނީ މެޑެއްޔެއް"

އިތުބާރު އެބައޮތް، މި ޓީމަށް މަދުވަނީ މެޑެއްޔެއް: ކޯޗު

20 އޯގަސްޓް 2019

އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ކިރްގިސްތާނާ ދެކޮޅަށް ނުކުންނައިރު މުބާރާތަށް ކަނޑައެޅި ޓާގެޓަށް ވާސިލްވުމަށް ޓީމުގައި އިތުބާރު އެބައޮތް ކަމަށާއި މިހާރު މި ޓީމަށް މަދުވަނީ މެޑެއްޔެއް ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ކިރްގިސްތާނާ ދެކޮޅަށް ނުކުންނައިރު މުބާރާތަށް ކަނޑައެޅި ޓާގެޓަށް ވާސިލްވުމަށް ޓީމުގައި އިތުބާރު އެބައޮތް ކަމަށާއި މިހާރު މި ޓީމަށް މަދުވަނީ މެޑެއްޔެއް ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުވި ކާއްޓޭގެ ކޯޗުކަމުގައި ރާއްޖެ އަށް މިހާތަނަށް އެންމެ ރަނގަޅު ކާމިޔާބެއް ލިބިފައިނެތް ނަމަވެސް ކުރިއެރުން ވަނީ ހޯދައިފަ އެވެ. މި ފަހަރުގެ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ރާއްޖޭން ތައްޔާރުވިއިރު، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވޮލީ ޓީމަށް ލަންކާއާ އެކު ތިން މެޗެއް ހަމަޖައްސައިދީފަ އެވެ. ތިން މެޗުން ލަންކާ އަތުން ބަލިވިޔަސް ލަންކާގެ ލެވަލަށް ބަލާއިރު ރާއްޖޭން ދެއްކި ކުޅުން ރަނގަޅެވެ. ވޮލީ ޓީމު ވަނީ ޖުލައި މަހު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން މިނިސްޓަރު ދެއްވި ފުރުސަތެއްގައި ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ޖަހައިފަ އެވެ.

އެންމެ ފަހުން ރާއްޖޭން ސެންޓްރަލް ޒޯނުގައި ކުޅުނުއިރު ޓީމުގައި އޭރު ނެތް މުހިއްމު ކުޅުންތެރިންކަމަށްވާ މުހައްމަދު އަހުސަން އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ވެސް މިހާރު ޓީމާ ގުޅިފައިވާއިރު، ކޯޗު ކާއްޓެ ދެކެނީ މިހާރު ޓީމުގެ ހާލަތު އޮތީ ވަރަށް ރަނގަޅަށް ކަމަށެވެ.

"ވަކި ވަކި ވެފައި ހުރި ގުނަވަންތަކެއް އެއް ހަށިގަނޑަކަށް މިހާރު މި އޮތީ ބަދަލުކުރެވިފައި. އޭގެ މާނަ އަކީ ޓީމެއްގެ ގޮތުގައި ޓީމު މިހާރު ބައްޓަން ކުރެވިފައި މި އޮތީ. ހަގީގަތުގައި އަޅުގަނޑުމެންނަށް އެހެންޏާ ނުލިބޭ ވަރަށް ފުރުސަތު ލިބިއްޖެ. މުބާރާތަައް ތައްޔާރުވާން ވެސް އެ ހުރިހާ ކަމެއް ފުދިގެން މި ތަނަށް އައިސް މި ތިބީ. އަޅުގަނޑަށް މި ވަގުތު މަދީ މެޑަލް އެކަނި. އެހެން ހުރިހާ ކަމެއް އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަރަށް ހިތްހަމަޖެހިގެން ކުރެވިފައި ހުރީ،" ކާއްޓޭ

މުބާރާތުގެ ޝެޑިއުލް ފުރަތަމަ އޮތްގޮތުން މުބާރާތް ހުޅުވާ މެޗުގައި އިއްޔެ ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭނީ ރާއްޖެ އެވެ. އެކަމަކު ފަހުން ޝެޑިއުލަށް ގެނެވުނު ބަދަލާ އެކު މިހާރު މި ގްރޫޕުގެ ފުރަތަމަ މެޗުގައި ނޭޕާލް ބައްދަލުކުރަން ޖެހުނީ ކިރްގިސްތާނާ ދެކޮޅަށެވެ. އިއްޔެ ކުޅުނު މެޗުން ނޭޕާލްގެ މައްޗަށް ކިރްގިސްތާން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

މާލޭގައި 2017 ވަނަ އަހަރު ކުޅުނު ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ އާއި ކިރްގިސްތާން ވާދަކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގައި 2017 ވަނަ އަހަރު ކުޅުނު ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ އާއި ކިރްގިސްތާން ވާދަކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރޭ ކިރްގިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅޭއިރު ރޭ ވަނީ ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތައް ބާއްވައިފަ އެވެ. ކާއްޓޭ ބުނީ ޝެޑިއުލް ބަދަލުވުމުން ކުރި ފައިދާ އަކީ ދެ ޓީމުގެ ކުޅުން ބަލައިލެވުން ކަމަށެވެ.

"ދެ ޓީމުގެ ކުޅުން ވެސް ފެނިއްޖެ. ކިރްގިސްތާން ވަރަށް ވަރުގަދަކޮށް ފެންނަނީ. ކިރްގިސްތާން ބަލިކުރެވޭނީ އަޅުގަނޑުމެން ވަރަށް ވަރުގަދަ އަށް ޖައްސައިގެން،" ކާއްޓެ ބުންޏެވެ.

ރާއްޖޭން މި މުބާރާތަށް އައީ 14 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. އެކަމަކު ފަހު ވަގުތު މުބާރާތުގެ އެންމެ އިސް ފަރާތުން ގަވާއިދު ބަދަލުކުރުމުން ރާއްޖޭން ޖެހުނީ ސްކޮޑު 12 ކުޅުންތެރިންނަށް މަދުކުރާށެވެ. ރާއްޖޭގެ ސްކޮޑުން ބާކީވި ދެ ކުޅުންތެރިންނަކީ ލިބަރޯ އަކަށް ކުޅެމުން އަންނަ ޖަވާމް އަލީގެ އިތުރުން ހުސެއިން ޔޫސުފް އެވެ،

ކާއްޓޭ ބުނީ ޓީމަށް ދެ ލިބަރޯ ލައިގެން އައީ ރަނގަޅު ޕްލޭނެއް ހަދައިގެން ކަމަށާއި އެއްގޮތަށް ކުރިއަށް ދިއުމަށް ވެސް ވަރަށް މަސައްކަތް ކުރި ކަމަށެވެ.

"އަޅުގަނޑުމެން ދެ ލިބަރޯ ބޭނުންކުރަން ވަރަށް ބޮޑަށް ތައްޔާރުވެގެން އައީ. އެކަކު ރީސީވަށް އަނެކަކު ޑިފެންސަށްލާން ވަރަށް ބޮޑަށް ސެޓުވެގެން އައީ. އެހެން ނަމަވެސް މި ކޮޅަށް އައި ފަހުން އަޅުގަނޑުމެންނަށް އެނގުނީ 12 ކުޅުންތެރިންކަން ޓީމުގައި ޖެހޭނީ. އޭގެ ކުރިން އެގިފައެއް ނެތް. މިކޮޅަށް އައިސްފައި ވެސް އަޅުގަނޑުމެން ޓެކްނިކަލް މީޓިންގައި ވަރަށް މަސައްކަތްކުރިން. އެ ބޭފުޅުން އަންގަނީ އެފްއައިވީބީގެ ރޫލްސް (ގަވާއިދު) އަށޭ ތިމަންނަމެން ފޮލޯކުރާނީ. އެކަމަކު އެފްއައިވީބީގެ ރޫލްސް (ގަވާއިދު) އަށް ފޮލޯކުރާ ކަމަށްވަންޏާ 14 ކުޅުންތެރިންނަށް ތިބެވެންޖެހޭނެ،" ކާއްޓޭ ބުންޏެވެ.

ރާއްޖޭގެ އިތުރުން ބައެއް އެހެން ގައުމުތަކަށް ވެސް ވަނީ މި ބަދަލުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި ކިރްގިސްތާން ވެސް ހިމެނެ އެވެ. ކާއްޓޭ ބުނީ ކޮންމެ ކަމެއް ދިމާވިޔަސް ޓީމުގެ ފޯކަސް އަށް ބަދަލެއް އަންނަން ބޭނުންނުވާ ކަމަށެވެ.

"މިހާރު ހުރިހާ ކުޅުންތެރިންނަށް ވެސް ވިސްނައިދީގެން މި ތިބީ. މި ދިމާވާ ހުރިހާ ކުދިކުދި ގޮންޖެހުންތަކާ ވެސް އެކުގައި މުބާރާތަށް ފޯކަސްކޮށްގެން މުބާރާތުގައި އަޅުގަނޑުމެން ކަނޑައެޅި ޓާގެޓަށް ވާސިލްވާން މިތިބީ،" ކާއްޓޭ ބުންޏެވެ،

މާލޭގައި 2017 ވަނަ އަހަރު އޮތް މުބާރާތުގެ ތަށި އުފުލާލި ކިރްގިސްތާނަކީ ފަހަަކަށް އައިސް މި މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެކެވެ. ކިރްގިސްތާނުން އެ ޓީމުގެ ދުވަސްވީ ކޯޗު އަންދްރޭ އެންކުޑިނޯފްގެ އިރުޝާދުގެ ދަށުން މި މުބާރާތުގައި ވެސް ކުޅެމުން އަންނައިރު، އެ ޓީމަކީ އެކުގައި ކުޅޭތާ އެތަކެއް އަހަރެއްވެފައި އޮތް ޓީމެކެވެ. އެ ޓީމުން އެންމެ ސަމާލުވާންޖެހޭނެ ކުޅުންތެރިއަކީ އޮނޮލްބެކް އެވެ.

ރާއްޖެ އާއި ކިރްގިސްތާން ކުޅޭ މެޗު ފަށާނީ މިއަދު މާލެ ގަނޑިން އިރުއޮއްސި 6:15 ގަ އެވެ.