03 އޯގަސްޓް 2019
އިންޑިއާ އިން ހިމާޔަތް ނުދޭން ނިންމައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ ގައުމުން ރޭ ދަންވަރު އަނބުރާ ރާއްޖެ ފޮނުވާލައިފި އެވެ.
އިންޑިއާ އިން ހިމާޔަތް ނުދޭން ނިންމައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ ގައުމުން ރޭ ދަންވަރު އަނބުރާ ރާއްޖެ ފޮނުވާލައިފި އެވެ.
އިންޑިއާގެ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން، އެ ގައުމަށް ދިޔަ ޓަގް ބޯޓެއްގައި ފިއްލަވަން މަސައްކަތްޕުޅު ކުރެއްވި އަދީބު ހަމަ އެ ބޯޓުގައި އަނބުރާ ރާއްޖެ އަށް ވަނީ ޑީޕޯޓު ކޮށްލައިފަ އެވެ. ކަމާ ގުޅޭ އޮފިޝަލުންނާ އެކު އޭނާ އަނބުރާ ރާއްޖެ ފޮނުވާލީ ރޭ ދަންވަރެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް، ޓަގް ބޯޓުގެ ފަޅުވެރިއަކަށް ވެގެން ފިއްލަވަން އުޅުއްވި އަދީބު، އިންޑިއާގެ ފުލުހުން ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރެވެ. އަދި ރޭ ދަންވަރު އެމަނިކުފާނު ޑީޕޯޓު ކޮށްލުމާ ހަމައަށް ވެސް ހުންނެވީ އެ ޓަގް ބޯޓުގައި ކަމަށް ވެ އެވެ. އިންޑިއާގެ ސިފައިންނާއި ކަމާ ގުޅުން ހުރި އެހެން އިދާރާތަކުގެ އޮފިޝަލުން އަދީބާ ސުވާލު ކުރީ ޓަގް ބޯޓުގަ އެވެ.
ދަ ނިއު އިންޑިއަން އެކްސްޕްރެސް އިން ބުނީ، ރާއްޖޭގެ ސަލާމަތީ ކަންކަމާ ގުޅޭ އޮފިޝަލުންނާއި އިންޑިއާގެ ސަރުކާރުގެ އޮފިޝަލުންގެ ޓީމެއް ރޭ ދަންވަރު ޓުޓިކޮރިން ބަނދަރަށް ގޮސް އަދީބާ ސުވާލު ކޮށްފައިވާ ކަމަށެވެ.
އަދީބު، އިންޑިއާ އިން އަނބުރާ ފޮނުވާލާފައިވާއިރު، އެމަނިކުފާނު ރާއްޖެ އަށް ގެނައި ކަމެއް ދިވެހި ފުލުހުން އަދިއެއް ނުބުނެ އެވެ.
އަދީބު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވީ މޮންގޯލިއާގައި ރަޖިސްޓަރީ ކޮށްފައިވާ "ވާގޯ" ކިޔާ ޓަގު ބޯޓެއްގަ އެވެ. އެއީ އިންޑިއާއިން ހިލަ ހިފައިގެން އާންމުކޮށް ރާއްޖެ އަންނަ ޓަގް ބޯޓެކެވެ. އެ ޓަގް ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނިޝިއާގެ އަށް މީހުންނެވެ. އަދީބު އެ ބޯޓުގައި ހުރިކަން ފަޅާއަރުވާލީ އިންޑިއާގެ ފަޅުވެރިޔާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
އިންޑިއާގެ ކަނޑުމަތީ ސިފައިން، އަދީބު ހިފެހެއްޓުމާ އެކު، އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުން ވަނީ އެ ގައުމުން ހިމާޔަތް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު، އަދީބު ރާއްޖެ އަށް އަނބުރާ މި ފޮނުވައިލީ އެ އެދުމަށް އިންޑިއާ އިން ބީރު ކަންފަތެއް ދިނުމަށް ފަހު އެވެ.
އަދީބު ފިއްލަވައިގެން ދަތުރުކުރެއްވި ޓަގް ބޯޓު އިންޑިއާގެ ޓުޓިކޮރިން ބަނދަރުގައި.
އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ ހިމާޔަތަށް އަދީބު އެދިވަޑައިގަތީ، ސިޔާސީ ބޭނުމެއްގައި ދައުވާ އުފުލުމުގެ ބިރު އޮތުމާއި، ދޮގު ބަޔާންތައް ދިނުމަށް ރާއްޖޭގެ ތަހުގީގީ އިދާރާތަކުން އެމަނިކުފާނަށް މަޖުބޫރު ކުރަމުންދާތީ ކަމަށެވެ. އެގޮތުން، އަދީބު ނުކުރާ ކުށްތަކަށް އެއްބަސްވުމަށް އަންގައި، ބަޔާންތަކުގައި ސޮއި ކުރަން ކަމާބެހޭ ފަރާތްތަކުން މަޖުބޫރު ކުރަމުންދާ ކަމަށާއި އެއީ އޭގެ ސަބަބުން އަދީބާއި އާއިލާ އަށް ވެސް ނުރައްކަލަށް ހުށަހެޅިދާނެ ކަމެއް ކަމަށެވެ. އެކަންކަމުން ރައްކާތެރިކަން ހޯދުމަށްޓަކައި އިންޑިއާގެ ހިމާޔަތަށް އަދީބު އެދިވަޑައިގެންނެވީ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.
ދައުލަތުގެ 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވި އަދީބު ޓަގް ބޯޓުގައި ފިއްލަވައިގެން ފުރުއްވި ކަމަށް އެނގިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެކަމަކު، ޓަގް ބޯޓުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ފޯނުން އެކި މީހުންނާ އަދީބު މުއާލަމާތް ކުރެއްވި ކަމަށް ވެ އެވެ.
އަދީބު ފިއްލެވުމުގެ އޮޕަރޭޝަން ހިންގެވި ގޮތެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމަނިކުފާނު ޕްލޭނަކީ ކަނޑުމަތީގެ ވަކި ސަރަހައްދަކުން ޓަގް ބޯޓުން ސްރީ ލަންކާގެ ބޯޓަކަށް ބަދަލުވެވަޑައިގަތުމެވެ. އެކަމަކު، ކަނޑައެޅި ވަގުތަށް ލަންކާގެ ބޯޓު ނުދިއުމުން، ވަގުތު ބޭކާރުވެ، ރޭވުން ފަނުފުލުން ދިޔައީ އެވެ. އެހެންވެ، އަދީބުގެ މަންޒިލަކީ އިންޑިއާ ކަމަކަށް ނުބެލެވެ އެވެ.
އަދީބަށް ހިމާޔަތް ނުދީ ފޮނުވާލުމުން ކަންބޮޑުވޭ:އެމްޓީޑީ
އަދީބު ހަވާލުކުރީ ރާއްޖެ ސަރަހައްދަށް ގެންގޮސްފައި!
އަދީބު ހައްޔަރުކޮށްގެން ދޫނިދު އަށް ގެންގޮސްފި
އަދީބު ފިލި މައްސަލާގައި ދިވެހި ފުލުހުން ހިމޭނުން!
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް އެބަކުރަން: ޕޮލިސް
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި
ބޭސްފަރުވާ އަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި
ފިލައިގެން ދިއުމަކީ އަޅުގަނޑުގެ އުސޫލެއް ނޫން: އަދީބު
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ