Roadha Mihaaru
ލަވައެއް ކޮޕީ ކުރުމުން ކޭޓީ ބޮޑު ބަދަލެއް ދޭން ޖެހިއްޖެ

ލަވައެއް ކޮޕީ ކުރިކަން ސާބިތުވެ، ކޭޓީ ޕެރީ ބޮޑު ބަދަލެއް ދޭން ޖެހިއްޖެ

03 އޯގަސްޓް 2019

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ މީގެ ހަ އަހަރު ކުރިން ނެރުނު ލަވަ "ޑާކް ހޯސް" އަކީ ކޮޕީކޮށްގެން ހަދާފައިވާ ލަވައެއް ކަމަށް ބުނެ ކުރި ދައުވާ ސާބިތުވެ، ބޮޑު ބަދަލެއް ދޭން ޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ މީގެ ހަ އަހަރު ކުރިން ނެރުނު ލަވަ "ޑާކް ހޯސް" އަކީ ކޮޕީކޮށްގެން ހަދާފައިވާ ލަވައެއް ކަމަށް ބުނެ ކުރި ދައުވާ ސާބިތުވެ، ބޮޑު ބަދަލެއް ދޭން ޖެހިއްޖެ އެވެ.

ލަވައިގެ މައްސަލާގައި ކޭޓީ އަށް ދައުވާ ކުރީ ފްލޭމްގެ ނަމުން މަޝްހޫރު ރެޕް އާޓިސްޓް މާކަސް ގްރޭ އެވެ. އޭނާ ދައުވާ ކުރީ ކޭޓީ 2013 ގައި ނެރުނު "ޑާކް ހޯސް" އަކީ "ޖޯއިފުލް ނޮއިސް" ގެ ނަމުގައި 2008 ގައި ނެރުނު ލަވައިގެ މިއުޒިކްގެ ބައިތައް ކޮފީކޮށްގެން ނެރެފައިވާ ލަވައެއް ކަމަށް ބުނެ އެވެ. އަދި ކޭޓީ ލަވަ ކޮޕީކުރީ ކޮޕީރައިޓްގެ ގާނޫނާ ހިލާފަށް ކަމަށް ވެސް ބުންޏެވެ.

ދައުވާއާ ގުޅިގެން ބުރާސްފަތި ދުވަހު ލޮސް އެންޖެލިސްގެ ކޯޓުން އިއްވި ހުކުމުގައި ބުނީ ބަދަލެއްގެ ގޮތުގައި ފްލޭމަށް ކޭޓީގެ "ޑާކް ހޯސް" ގެ ޓީމުން 2.8 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ލަވައިން ކޭޓީ ހޯދި ފައިދާގެ 22.5 ޕަސެންޓަކީ "ޖޯއިފުލް ނޮއިސް" ލަވަ ކޮޕީގެ ހިއްސާއާ އެކު ހޯދި ފައިދާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލަ ބެލި ނުވަ ފަނޑިޔާރުންގެ ބެންޗްގައި ހިމެނޭ ކެތުރީން އެލިޒަބަތު ހަޑްސަން ވިދާޅުވީ "ޑާކް ހޯސް" ލަވައިން ކޭޓީ އަށް ޖުމްލަ 2.5 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާ ކަމަށާއި ލަވަ ކޮޕީ ކުރިކަން ފަނޑިޔާރުންގެ ބެންޗުން ވެސް އިއްތިފާގުވާ ކަމަށެވެެ.

ކޯޓް ހުކުމާ ގުޅޭ ގޮތުން މި އަހަރުގެ ކުރީކޮޅު އެކްޓަރު އޮލެންޑޯ ބްލޫމްއާ އެންގޭޖްވި ކޭޓީ، 34، ގެ ވަކީލުންގެ ޓީމުން ބުނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން އެޑް ޝީރަން ވެސް ލަވައެއް ކޮޕީ ކުރި މައްސަލައެއްގައި 20 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ޖެހުނެވެ. މިދިޔަ އަހަރު ޓޭލާ ސްވިފްޓާއި މައިލީ ސައިރަސް އަށް ވެސް ލަވަތަކެއް ކޮޕީ ކުރި ކަމަށް ބުނެ ދައިވާކޮށްފައިވެ އެވެ. އެކަމަކު އެ މީހުންގެ މައްޗަށް އެކަން ސާބިތެއް ނުވެ އެވެ.