Roadha Mihaaru
ފަރުވާއަށް މާލެއަންނަ މީހުން ގެ އަދަދު ދަށްކުރާނަން

ފަރުވާ އަށް މާލެ އަންނަ މީހުންގެ އަދަދު 50 ޕަސެންޓަށް ދަށްކުރުމަކީ އަމާޒެއް: އަމީން

30 ޖުލައި 2019

އެކި ފަރުވާތަކަށް ރަށްރަށުން މާލެ އަންނަ މީހުންގެ އަދަދު މި އަހަރު ނިމުމުގެ ކުރިން 50 ޕަސެންޓަށް ދަށްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެކި ފަރުވާތަކަށް ރަށްރަށުން މާލެ އަންނަ މީހުންގެ އަދަދު މި އަހަރު ނިމުމުގެ ކުރިން 50 ޕަސެންޓަށް ދަށްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ސިއްހީ ފަރުވާ ހޯދަން ކުރާ ތަކުލީފު ކުޑަކުރުން ކަމަށެވެ. އެކަން ހާސިލްކުރަން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރު އަތޮޅުތަކުން މީހުން ހިދުމަތް ހޯދަން މާލެއަށް ދާންޖެހޭ މިންވަރު 50 އިންސައްތައަށް ދަށްކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވަނީ 10 ސަރަހައްދަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހިދުމަތް ފުޅާކޮށް ތަރައްގީކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރިގެންދިޔައިރު އެ ތަނުން ވިގަތު ލިބެންހުރީ ރަށާއި އަތޮޅާއި އަދި އެ ސަރަހައްދަށް އެކަށޭނެ ހިދުމަތެއް ނޫން ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އެ ހޮސްޕިޓަލް ނަގާ ކޮޅަށް ޖަހައިދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި ހެލްތު މިނިސްޓަރު އަމީން (ވ-3) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ބ. އަތޮޅު ހޮސްޕިޓަލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި ހެލްތު މިނިސްޓަރު އަމީން (ވ-3) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާ އަށް އައި އިންގިލާބީ ބަދަލުގެ ސަބަބުން ޅަފަތުގައި މަރުވާ ކުދިންގެ އަދަދު 120 އިން އަށް ކުދިންނަށް ދަށްވެފައިވާއިރު ދިރި ހުންނާނެ ކަމަށް ލަފާކުރެވޭ އުމުރު ފާއިތުވި 40 އަހަރުގެ ތެރޭގައި 74 އަހަރަށް މަތިކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކާމިޔާބީއަކަށް ވިއަސް އެކަމުން ފުއްދާލެވޭކަށް ނެތްކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ކުރިމަތިލާން ޖެހުނީ މެލޭރިއާ އާއި ފައިލޭރިއާ އަދި މީސަލްސް ފަދަ ބަލިތަކަށް ކަމަށް ވިއަސް މިހާރު ކުރިމަތިލަނީ ގައިންގަޔަށް ނާރާ ބަލިތަކަށް ކަމަށެވެ. ލޭ މައްޗަށް ދިއުމާއި ހިތުގެ ބަލިތަކާއި ހަކުރު ބައްޔާއި ކެންސަރު ފަދަ ބަލިތަކާއި ކެއުމާއި ދިރިއުޅުމަށް ގެނައި އިންގިލާބީ ބަދަލުތަކުގެ ސަބަބުން ފަލަވުމާއި ހެލިފެލިވުމުގެ ދަތިކަމާއި ކުރިމަތިވުމަކީ މިހާރު ލާޒިމްވާ ކަމެއްކަމަށް ވިދާޅުވި އެވެ.

"ގައިންގަޔަށް އަރާ ބަލިތައް ނައްތާލެވުނު ގޮތަށް، ގައިންގަޔަށް ނާރާ ބަލިތައް ބަލިތައް ވެސް ކައިރި މުސްތަގުބަލެއްގައި ކޮންޓްރޯލްވެގެން ދިއުން. އަޅުގަނޑުމެން މިސްރާބު މި ހިފަނީ ހަނދާނުގެ ހަނަފަސް އޮއްސާލާފައިވާ ސިއްހީ ހިދުމަތުގެ މައިތަނބު އަލުން ނަގައި ކޮޅަށް ޖެހުމަށް. އާދެ، ޕަބްލިކް ހެލްތުގެ މައި ނިޒާމު އަލުން ނަގައި ކޮޅަށް ޖެހުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުން ހިދުމަތް ދޭން ފަށާފައިވަނީ ފަށާފައިވަނީ ފަންޑިތަވެރިކަމާއި ދިވެހި ބޭސްވެރިކަން ނޫންކަންކަމަކީ ފަރުވާއެއް ކަމަށް ބަލައިގަންނަން ދަތި ޒަމާނެއްގައި ކަމަށާއި އެ ހިދުމަތަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތާރީހުގައި ރަންއަކުރުން ފަވާލެވިގެންދާނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަގީގީ މާނައިގައި ޖަޒީރާ ދިރިއުޅުމުގެ އުފާވެރިކަން ދެވޭނީ އެ ސަރަހައްދަކުން ބޭނުންވާ ސިއްހީ ހިދުމަތް ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލިވެގެން ގޮސް ހޮސްޕިޓަލުގައި ޓަކިޖެހުމުގެ ކުރިން، ދުޅަހެޔޮކަންމަތީގައި ތިއްބައި ޕަބްލިކް ހެލްތު އެހީތެރިޔާ ގޭގެ ދޮރުގައި ޓަކި ޖެހުމާ ހިސާބަށް ދިއުމުން ނޫނީ ސިއްހީ ނިޒާމް ވަރުގަދަވީ ކަމަކަށް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.