Roadha Mihaaru
ރެއާލަށް އަދި ކުޅެވޭނެކަމަށް އުއްމީދުކުރަން: ރޮނާލްޑޯ

ރެއާލަށް އަދި ކުޅެވޭނެކަމަށް އުއްމީދުކުރަން: ރޮނާލްޑޯ

30 ޖުލައި 2019

މެޑްރިޑް (ޖުލައި 30) - ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން އަދި އެއް ފަހަރު ރެއާލް މެޑްރިޑަށް ކުޅެލުމަކީ އުއްމީދެއް ކަމަށް އެ ޓީމު ދޫކޮށް މިދިޔަ އަހަރު އިޓަލީގެ ޔުވެންޓަސް އަށް ސޮއިކުރި މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޖުލައި 30) - ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން އަދި އެއް ފަހަރު ރެއާލް މެޑްރިޑަށް ކުޅެލުމަކީ އުއްމީދެއް ކަމަށް އެ ޓީމު ދޫކޮށް މިދިޔަ އަހަރު އިޓަލީގެ ޔުވެންޓަސް އަށް ސޮއިކުރި މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މި ސީޒަނުގައި ޖުމްލަ 117 މިލިއަން ޔޫރޯގެ އަގަކަށް ޔުވެންޓަސްއާ ގުޅި ރޮނާލްޑޯ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް ރެކޯޑެއް ގާއިމުކޮށްފަ އެވެ. އެއީ އިންގްލިޝް ޕްރިމިއާ ލީގާއި ސްޕެނިޝް ލަ ލީގާ އަދި އިޓާލިއަން ސެރިއާ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފެވެ.

ރެއާލުގައި ރޮނާލްޑޯ ހޯދި ގިނަ ކާމިޔާބީތަކާ ގުޅިގެން ރޭ އޭނާ އަށް ވަނީ ސްޕެއިނު ފުޓްބޯޅައިގެ އެވޯޑެއް ކަމަށްވާ މާސާ ލެޖެންޑް އެވޯޑް ދީފަ އެވެ. އެ ހަފުލާގައި ރޮނާލްޑޯ ބުނީ ރެއާލް ދޫކޮށްލުމަކީ އޭނާ ހިތާމައާ އެކު ނިންމި ނިންމުމެއް ކަމަށެވެ.

"ރެއާލް ދޫކޮށްލިއިރު އަހަރެން ދެރަވި. ޔުނައިޓެޑް ދޫކޮށްލުން ވެސް އުނދަގޫވި. އެކަމަކު މެޑްރިޑްގައި އަހަރެންގެ ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަވެފައި އަހަރެންނަށް ދަރިން ލިބުނީ ވެސް އޭރު ކަމަށްވާތީ އެ ހުރިހާ ކަމަކަށް ބަލާއިރު މެޑްރިޑް ހާއްސަ،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ މާސާ އެވޯޑު އޭނާ އަށް ވަރަށް ހާއްސަ ކަމަށާއި އޭގެ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ.

"މި އެވޯޑް އަހަރެންގެ ޓްރޮފީ މިއުޒިއަމްގައި އިންނާނީ ވަރަށް ހާއްސަކޮށް. އަހަރެން ވަރަށް ފަހުރުވެރިވޭ ސްޕެއިނުގެ މި ކަހަލަ އެވޯޑެއް ލިބުނީމަ. އެއީ އަހަރެން ރެއާލުގައި ހޯދި ކާމިޔާބީތައް ވެސް ވަރަށް ހާއްސަ. އަލުން ރެއާލަށް އެނބުރި އައުމަކީ ވެސް އުއްމީދެއް،" ރޮނާލްޑޯ ބުންޏެވެ.

ޔުވެންޓަސް އިން އުމުރުން 34 އަހަރުގެ ރޮނާލްޑޯގެ ސޮއި ހޯދި އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ރޮނާލްޑޯ ބުނީ ކައިރި މުސްތަގުބަލެއްގައި ޔުވެންޓަސް އަށް އެކަން ހާސިލްކުރެވޭނެ ކަމަށެވެ.

"އަހަންނަށް ވެސް ނޭނގޭ ވަކި އިރެއް ބުނަން. ޔަގީނުން ވެސް އެނގެނީ ޔުވެންޓަސް އޮތީ ޗެމްޕިއަންސް ލީގުގެ ކާމިޔާބީއަކާ ވަރަށް ގާތުގައިކަން." މިދިޔަ މަހު ޕޯޗުގަލްއާ އެކު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި ރޮނާލްޑޯ ބުންޏެވެ.

ޔުވެންޓަސް އަށް ކުރިއަށް އޮތް ސީޒަނުގައި އިރުޝާދުދޭނީ މިދިޔަ އަހަރު ޗެލްސީގެ ކޯޗަކަށް ހުރި އިޓަލީގެ މައުރީޒިއޯ ސާރީ އެވެ. ޗެލްސީއާ އެކު ހޭދަކުރި ހަމައެކަނި ސީޒަނުގައި ސާރީ ވަނީ އެ ޓީމަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. މިއީ ކޯޗިން ކެރިއަރުގައި އޭނާގެ ފުރަތަމަ ތަށްޓެވެ.