Roadha Mihaaru
ނައިޖީރިއާގައި ޖަނާޒާއަކަށް ހަމަލާދީ 65 މަރު

ނައިޖީރިއާގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް ބަޑިޖަހައި 65 މީހުން މަރާލައިފި

29 ޖުލައި 2019

އަބޫޖާ (ޖުލައި 29) - ނައިޖީރިއާގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް ބޯކޯ ހަރާމަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ގްރޫޕަކުން ބަޑިން ހަމަލާދީ 65 މީހުން މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަބޫޖާ (ޖުލައި 29) - ނައިޖީރިއާގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް ބޯކޯ ހަރާމަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ގްރޫޕަކުން ބަޑިން ހަމަލާދީ 65 މީހުން މަރާލައިފި އެވެ.

އިރު އުތުރުގެ ބޯނޯ ސްޓޭޓުގައި ޖަނާޒާގެ ކަންތައް ކުރިއަށް ދަނިކޮށް ހަނގުރާމަވެރިން އެ ތަނަށް ދިޔައީ ސައިކަލާއި ވޭނުގަ އެވެ. ހަމަލާ ދިނުމާ އެކު އެތައް ބަޔަކު ވަގުތުން މަރުވި އެވެ. އަދި އަނެއް ބަޔަކު މަރުވީ ހަނގުރާމަވެރިން ފަހަތުން ދުވަނިކޮށެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު ބުލަމާ ވިދާޅުވީ އެއީ އެ އަވަށުން މީގެ ދެ ހަފުތާ ކުރިން ބޯކޯ ހަރާމް ޖަމާއަތުގެ 11 މީހުން މަރާލުމުން އޭގެ ބަދަލު ހިފަން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވަނީ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ. އަދި ހަމަލާ ދިން މީހުން ހޯދަން އެއްގަމާއި ވައިގެ ސިފައިންނަށް ވަނީ އަންގަވައިފަ އެވެ.

ބޯކޯ ހަރާމުން ހަމަލާ ދިނުމުން މަރުވި މީހެއްގެ ޖަނާޒާ ބޭއްވުމަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ބޯކޯ ހަރާމުން ހަމަލާ ދިނުމުން މަރުވި މީހެއްގެ ޖަނާޒާ ބޭއްވުމަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ނައިޖީރިއާގައި ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހު ތެރޭ ހިންގި ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު މަރުވެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. ބޯކޯ ހަރާމުން ދަނީ ނައިޖީރިއާގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންނެވެ. އަދި އެ ޖަމާއަތުން ބުނެފައި ވަނީ ބޭނުން ވަނީ އިސްލާމީ ދައުލަތެއް ގާއިމް ކުރަން ކަމަށެވެ.

ބޯކޯ ހަރާމުން ހަރަކާތްތެރި ވަނީ ހަމައެކަނި ނައިޖީރިއާގައެއް ނޫނެވެ. އެ ޖަމާއަތުގެ ހަނގުރާމަވެރިން އަވަށްޓެެރި ގައުމުތައް ކަމަށްވާ ޗާޑް، ނައިޖަ އަދި ކެމަރޫންގައި ވެސް ހަރަކާތްތެރިވެ އެވެ.

ބޯކޯ ހަރާމުން ވަނީ ނައިޖީރިއާގެ ބޯނޯ ސްޓޭޓުގެ ޗިބޫކް ޓައުނުގެ ސްކޫލަކުން 2014 ވަނަ އަހަރު 300 އަންހެން ކުދިން ވަގަށް ނަގައިފަ އެވެ. ހުޅަނގުގެ ތައުލީމު ދިނުމަށް ބޯކޯ ހަރާމުން ދެކޮޅު ހަދަ އެވެ. ބޯކޯ ހަރާމަކީ އެންމެ ނުރައްކާ ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް އިން 2015 ވަނަ އަހަރު ވަނީ ކަނޑައަޅައިފަ އެވެ.