Roadha Mihaaru
އިންޓެލްގެ މޯޑެމް ޗިޕް ޑިވިޒަން އެޕަލް އިން ގަންނަނީ

އަމިއްލަ މޯޑެމް އުފެއްދުމަށް އިންޓެލްގެ މޯޑެމް ޗިޕް ޑިވިޒަން އެޕަލް އިން ގަންނަނީ

28 ޖުލައި 2019

އެޕަލްގެ ޑިވައިސްތަކުގައި، އެހެން ކުންފުންޏަކުން އުފައްދާ ބައިތައް، ހިމެނުމަކީ އެޕަލް ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ބަޔަކަށް ކަމުނުކިޔައި، ޑިވައިސްތައް އުފެއްދޭ ފެންވަރުގެ ކުންފުންނަކަށް ވާން އެޕަލް އެދޭތާ ޒަމާންތަކެއް ވަނީ ފާއިތުވެފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލްގެ ޑިވައިސްތަކުގައި، އެހެން ކުންފުންޏަކުން އުފައްދާ ބައިތައް، ހިމެނުމަކީ އެޕަލް ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ބަޔަކަށް ކަމުނުކިޔައި، ޑިވައިސްތައް އުފެއްދޭ ފެންވަރުގެ ކުންފުންނަކަށް ވާން އެޕަލް އެދޭތާ ޒަމާންތަކެއް ވަނީ ފާއިތުވެފަ އެވެ.

އިންޓެލްގެ މޯޑެމް ޗިޕް ޑިވިޒަން ގަތުމަށް އެޕަލް ޝައުގުވެރިވާ ވާހަކަ، ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކުރުމާ ގުޅިގެން، މި މައުލޫ އަށް ޓެކްނޮލޮޖީ ޚަބަރުތައް ދަނީ ފަތުރަމުންނެވެ. މިއީ ޚަރަދު ބޮޑު މުއާމަލާތެކެވެ. އެހެން ނަމަވެސް، އަމިއްލަ އަށް ފުއްދުންތެރިވުމަށް މި އަށް ވުރެ ކުރު މަގެއް އެޕަލްއަކަށް ނެތެވެ. މިއީ އެޕަލުން ކުރި ބުއްދިވެރި ފިކުރެކެވެ.

ސްމާޓްފޯންތައް 5ޖީ ފެންވަރަށް ކުރިއަރައިގެން އައި ނަމަވެސް، އައިފޯނުތަކަށް 5ޖީ މޯޑެމް އުފަައްދައިދޭނެ ބަޔަކު ހަމަނުޖެހި ދުވަސްތަކެއް ވަނީ ފާއިތުވެފަ އެވެ. އެޕަލް ބޭނުންވާ ފެންވަރަށް 5ޖީ މޯޑެމް އުފައްދައިދޭނެ ބަޔަކު ނުލިބިއްޖެ ނަމަ، 5ޖީ ރޭހުން އެޕަލް ބާކީވެދާނެ ކަމަށް ހީކުރެވުނު ދުވަސްތަކެއް ވެސް ހިނގައްޖެ އެވެ. މިކަން މެދުވެރިވި ސަބަބަކީ، ކުއަލްކޮމްއާ އެކު އޮތް ގުޅުން އެޕަލް އިން ކަނޑާލުމެވެ.

އެޕަލް އިން އެއިރު ބުނީ ކުއަލްކޮމްގެ މޯޑެމްތައް ދެން ދުވަހަކު ވެސް ބޭނުންނުކުރާނެ ކަމަށެވެ. އެޕަލް އިން އިންޓެލް އިޚުތިޔާރުކުރީ މި ގޮތުގައި ދެމި އޮތުމަށެވެ. އެހެން ނަމަވެސް، ވާދަވެރިން 5ޖީ ރޭހަށް ނިކުމެ ފޯރިނަގަމުން ދާއިރު، އެޕަލް އަދި ވެސް އުޅެނީ ކަންފުޅެއް ނުވެގެންނެވެ.

އިންޓެލްއާ އެކު ކުރި މަސައްކަތް ކޮޅެއްގައި ނުޖެހި ދިގުލައިގެން ދަނިކޮށް، ހާލަތު ބަދަލުވެ، އެޕަލް އިން އަނެއްކާ ވެސް ކުއަލްކޮމްއާ އެކު ގުޅުން ބަދަހިކުރި އެވެ. އަދި 5ޖީ އައިފޯނުތަކުގައި ކުއަލްކޮމްގެ މޯޑެމްތައް ހިމަނާ ގޮތަށް މަސްލަހަތުވި އެވެ.

އެޕަލް އިން ބޭނުންވާ ފެންވަރަށް 5ޖީ މޯޑެމް އުފެއްދޭ ފެންވަރު އިންޓެލްގައި ނެތް ނަމަވެސް، އިންޓެލްގެ މޯޑެމް ޗިޕް ޑިވިޒަން ގަތުަމަށް އެޕަލުން ދަނީ މަޝްވަރާކުރަމުންނެވެ. އެޕަލް އިން މި ޑިވިޒަން ގަތުމަށް ފަހު، އުފައްދާ މޯޑެމްތަައް އެޕަލްގެ އަމިއްލަ ނަމަށް ބަދަލުކުރާނެ އެވެ. އައިފޯނުތަކުގައި ބޭނުންކުރާ ގްރެފިކްސް ޗިޕްތައް ފަދައިން، 5ޖީ މޯޑެމްތައް ވެސް ދެން ވާނީ އެޕަލްގެ ފިކުރީ މުދަލަށެވެ.