Roadha Mihaaru
ރިލޭ އިން ލޯ މެޑަލް ހޯދައިފި، އުއްމީދެއްގެ ފެށުމެއް!

ރިލޭ އިން ލޯ މެޑަލް ހޯދައިފި، އުއްމީދެއްގެ ފެށުމެއް!

25 ޖުލައި 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތުލެޓިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރާއްޖޭގެ ރިލޭ ޓީމު ޓީމު މިއަދު ލޯ މެޑަލް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މޮރިޝަސް އިން މުހައްމަދު ހަމްދޫން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތުލެޓިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރާއްޖޭގެ ރިލޭ ޓީމު ޓީމު މިއަދު ލޯ މެޑަލް ހޯދައިފި އެވެ.

ހަސަން ސާއިދާއި އިބްރާހިމް އަޝްފާން އަލީ (އައްޕި) އާއި ސަރީސް އަހުމަދާއި ނުޖޫމް ހަސަން ހިމެނުނު ޓީމުން ރޭހުގެ ތިން ވަނަ ހޯދީ 42.48 ސިކުންތުން ދުވެގެންނެވެ. ރަން މެޑަލް ހޯދި މަޑަގަސްކަރައިން ދުވީ 41.67 ސިކުންތުންނެވެ. އަދި ރިހި މެޑަލް ހޯދި ސީޝެލްސްގެ ޓައިމިން އަކީ 42.21 ސިކުންތެވެ.

މިއީ ސާއިދު ފިޔަވައި އަނެއް ތިން ޒުވާން ދުވުންތެރިންގެ ބައިނަލްއަގްވާމީ ފުރަތަމަ މެޑެއްޔެވެ. މި ގޭމްސްގައި 2015 ގައި ވާދަކޮށް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ސާއިދު ވެސް ފެށުމަކީ ރިލޭ އިން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ހޯދި ލޯ މެޑެއްޔެވެ. އޭރު ޕާކިސްތާން ފަހަތަށް ޖައްސާލައި ރާއްޖޭން ލޯ މެޑަލް ހޯދުން ވެގެން ދިޔައީ ވަރަށް ބޮޑު ކާމިޔާބަކަށެވެ. އަދި އެއީ އެތުލެޓިކްސްގެ ބައިނަލްއަގްވާމީ ކާމިޔާބީގެ ފެށުމެވެ. އެ ފަހަރު އެ ޓީމުގެ އެންމެ ޖޫނިއާ ދުވުންތެރިޔާގެ ގޮތުގައި ހުރި ސާއިދު ފަހުން މިވަނީ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ވެސް ރިހި މެޑަލް ހޯދައިފަ އެވެ.

މިއަދުގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި ސާއިދު ދުވަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

މިއަދުގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި ސާއިދު ދުވަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

އެހެންވެ މިއަދުގެ ކާމިޔާބަކީ ނުޖޫމް، އައްޕި އަދި ސަރީސް އަށް ވަރަށް ރަނގަޅު ފެށުމެކެވެ. ސާއިދު ވެސް ބުނީ 2010 ގައި އޭނާ ޖޫނިއާ ދުވުންތެރިޔެއްގެ ގޮތުގައި ހުރެ ހޯދި ލޯ މެޑަލަށް ފަހު ފަސް އެނބުރި ނުބަލައި ކުރިއަށް ދިއުމުގެ ނަތީޖާއަކަށްވީ ސަރަހައްދުގެ މަތީ ފެންވަރުގެ ދުވުންތެރިޔަކަށް ވުން ކަމަށާއި އޭނާއާ އެކު މިއަދު ދުވި ދުވުންތެރިން ވެސް ހިނގަންވީ އެ މަގުން ކަމަށެވެ.

"މިއަދު ލިބުނު މެޑެއްޔާ އެކު އެ ކުދިން ވެސް ހުއްޓާނުލައި އިތުރަށް މަސައްކަތްކުރަންވީ. އޭރުން ސަރަހައްދުން މެޑަލް ލިބޭނެ،" ސާއިދު ބުންޏެވެ.

އިއްުޔެ 200 މީޓަރު ދުވުމުން ވެސް ލޯ މެޑަލް ހޯދި ސާއިދު ބުނީ މެލޭޝިއާގައި ހެދި ތަމްރީންތަކަށް ފަހު މި އިވެންޓުން ކާމިޔާބަކަށް ވަރަށް އުއްމީދުކުރި ކަމަށާއި އެގޮތުން އޭނާ ފިޔަވައި އަނެއް ތިން ދުވުންތެރިން އިންޑިވިޖުއަލް އިވެންޓެއްގައި ނުދުވީ ވެސް މިއަށް ފޯކަސްކުރަން ވެގެން ކަމަށެވެ.

ނުޖޫމް ބުނީ އުއްމީދުކުރީ މިއަށް ވުރެ ވެސް ރަނގަޅު ކާމިޔާބަކަށް ކަމަށާއި އެކަމަކު މި ފަހަރު ލޯ މެޑެއްޔެއް ލިބުމަކީ ވެސް ރަނގަޅު ކާމިޔާބެއްގެ ގޮތުގައި ދެކޭ ކަމަށެވެ. ސަރީސް ވެސް ބުނީ ބޭނުންވީ ރަން މެޑެއްޔަކަށް ކަމަށެވެ.

"އެކަމަކު ބްރޮންޒް މެޑަލް ލިބުނީތީ ވެސް އުފާކުރަން،"

އެތުލެޓިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން މެޑަލް ހޯދުމަށް ފަހު ރާއްޖޭގެ ދުވުންތެރިން އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

އެތުލެޓިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން މެޑަލް ހޯދުމަށް ފަހު ރާއްޖޭގެ ދުވުންތެރިން އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

އައްޕި ވަނީ އޮލިމްޕިކް ކޮމިޓީ އާއި އެތުލެޓިކްސް އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ހޯދައިދެއްވި ފުރުސަތުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.

މިއަދު ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ އަންހެން އިވެންޓުގައި ރާއްޖޭން ވާދަކޮށް ހަތަރު ވަނަ އަށެވެ. މަރިޔަމް އަލްހާ ހުސެއިން އާއި ނަޝާ ނިޒާރާއި ސާރާ މަސްއޫދު އަދި އައިޝަތު ހިމްނާ ހަސަން ދުވީ 51.60 ސިކުންތުންނެވެ. ރަން މެޑަލް ހޯދި މަޑަގަސްކަރައިން 46.63 ސިކުންތުން ދުވިއިރު ރިހި މެޑަލް ހޯދީ 47.97 ސިކުންތުން ދުވި ރިޔޫނިއަން ޓީމެވެ. އަދި ލޯ މެޑަލް ހޯދީ 48.23 ސިކުންތުން ދުވި މޮރިޝަސް އެވެ.

މިއަދު 1500 މީޓަރު ރޭހުގައި ރާއްޖޭގެ އައިމިނަތު ޖާއިޝާ ވާދަކޮށް ދިޔައީ ހަތަރު ވަނަ އަށެވެ. އޭނާގެ ޓައިމިން އަކީ 5 މިނެޓު 22.74 ސިކުންތެވެ. ރަން މެޑަލް ހޯދީ 4 މިނެޓު 58.17 ސިކުންތުން ދުވި މަޑަގަސްކަރައިގެ ބޮލިޓާނާ ރަމިއަންޑްރިސޯ އެވެ. ރިހި މެޑަލް ހޯދީ 4 މިނެޓު 59.46 ސިކުންތުން ރޭސް ނިންމި ރިޔޫނިއަންގެ އެމާ މެޓްރޯ އެވެ. އަދި ލޯ މެޑަލް ހޯދީ 5 މިނެޓު 06.61 ސިކުންތުން ދުވި މަޑަގަސްކަރައިގެ ޓެފިއަރިސޯ އަނާ އެވެ.

އެތުލެޓިކްސްގައި މާދަމާ އޮންނަ ހާފް މެރެތަންގައި ޝިފާޒް މުހައްމަދާއި އަހުމަދު ޝަރަފް ދުވާނެ އެވެ. އަދި 5000 މީޓަރު ދުވުމުގައި ހުސެއިން ފަޒީލް (ހާރޫން) ވާދަކުރާއިރު ފަހު އިވެންޓަކަށް އޮންނާނީ ހަތަރެއް ގުނަ 400 މީޓަރު ރިލޭ އެވެ.