Roadha Mihaaru
ވަޒީފާ ނެތި، މައިންބަފައިންގެ އެހީގައި އުޅޭ ޒުވާނުން!

ވަޒީފާ ނެތި، މައިންބަފައިންގެ އެހީގައި އުޅޭ ޒުވާނުން!

22 ޖުލައި 2019

ރާއްޖޭގެ އާބާދީ ފަސް ލައްކައަށް އަރައިފި އެވެ. ޒުވާނުންގެ އާބާދީ މަތިވެ، މަސައްކަތް ކުރާ މީހުންގެ އަދަދު އިތުރު ވެއްޖެ އެވެ. ދިވެހިންގެ ގިނަ މަސައްކަތުގައި ބިދޭސީން ހިފައި، އެ މީހުންގެ އާބާދީ ވެސް ހީނުކުރާ މިންވަރަށް މައްޗަށް ހިނގައްޖެ އެވެ. އެކަމަކު އެންމެ ބޮޑު އެއް މައްސަލަ އަދިވެސް އޮތީ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ އާބާދީ ފަސް ލައްކައަށް އަރައިފި އެވެ. ޒުވާނުންގެ އާބާދީ މަތިވެ، މަސައްކަތް ކުރާ މީހުންގެ އަދަދު އިތުރު ވެއްޖެ އެވެ. ދިވެހިންގެ ގިނަ މަސައްކަތުގައި ބިދޭސީން ހިފައި، އެ މީހުންގެ އާބާދީ ވެސް ހީނުކުރާ މިންވަރަށް މައްޗަށް ހިނގައްޖެ އެވެ. އެކަމަކު އެންމެ ބޮޑު އެއް މައްސަލަ އަދިވެސް އޮތީ އެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ. ރާއްޖޭގެ މަސައްކަތް ކުރާ އުމުރުގެ އާބާދީ ބޮޑުވުމާ އެކުގައި ވެސް، އަދިވެސް މައިންބަފައިންގެ އެހީގައި ދިރިއުޅޭ ޒުވާނުންގެ ނިސްބަތް މަތިވުމެވެ. ރާއްޖެ ހޯދާ ތަރައްގީގައި، ލިބޭ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު ތިބުމެވެ. ރައީސް އެކަން ފާހަގަކުރެއްވީ އިގްތިސޯދަށް ލޮޅުން އަރާނެ ކަމެއްގެ ގޮތުގަ އެވެ.

ސިވިލް ސާވަންޓުންތަކެއް ވެލާނާގޭ ބިލްޑިން ކައިރީގައި - ފޮޓޯ: ނިޝާން އަލީ/މިހާރު

ސިވިލް ސާވަންޓުންތަކެއް ވެލާނާގޭ ބިލްޑިން ކައިރީގައި - ފޮޓޯ: ނިޝާން އަލީ/މިހާރު

"ވަޒީފާއަށް ދިޔުމުގެ ބޭނުމެއް ނެތް"

އާއިލާއާ އެކު އުފަން ރަށުގައި ދިރިއުޅޭ އުމުރުން 23 އަހަރުގެ މުހައްމަދު ފަރީދު (އަސްލު ނަމެއް ނޫން) އޭލެވެލް ނިންމުމަށް ފަހު ދެ ވަޒީފާއަކަށް ދިޔަ އެވެ. ސަރުކާރު އޮފީހެއްގެ އިތުރުން، އަމިއްލަ ކުންފުންޏެއްގައި ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އެއިން އެއްވެސް ތަނެއްގައި އޭނާ ހަރުލާ ގޮތް ނުވީ، ޝައުގުވެރިކަން ނެތުމުންނެވެ. ތިން ވަނަ ފަހަރަށް ވަޒީފާއަކަށް ކުރިމަތިނުލީ އޭގެ މާ ބޮޑު ބޭނުމެއް އޮތް ކަމަށް ނުދެކޭތީ އެވެ.

"ވަޒީފާ އަދާކުރުން އަދި އަހަންނަށް އެހާ މުހިއްމެއް ނޫން. އަމިއްލަ މާ ބޮޑު ހަރަދުތަކެއް ހުރީކީ ނޫން. ދެން ކޮންމެހެން އެއްޗެއް ގަންނަން ބޭނުން ވެއްޖެ ނަމަ މަންމަމެން އެބަ ގަނެދޭ. އެހެންވެ، ގޭގައި މަޑުކޮށްލައިގެން ހުރީ،" ފަރީދު ބުންޏެވެ.

"އެކަމަކު ހިތްހަމަޖެހޭ ކަހަލަ ޖޮބެއް ލިބިއްޖެ ނަމަ ނުދާނަމެކޭ ނޫން."

މާލެއަށް އުފަން އައިޝަތު ޒީނާގެ ވިސްނުމަކީ ވެސް އެއީ އެވެ. ޑިގްރީ ފެންވަރަށް ކިޔަވައިގެން ހުރި ނަމަވެސް އޭނާ ބޭނުންވި ފަދަ ވަޒީފާއެއް ނުލިބުނެވެ. ކުރިމަތިލި ހަމައެކަނި ވަޒީފާ ހާއްސަކުރީ ސިޔާސީ މީހަކަށެވެ. ތައުލީމީ ގޮތުން އޭނާއަށް ވުރެ ދަށް އަދި ޝަރުތު ހަމަނުވާ މީހަކަށް އެ ވަޒީފާ ދިނުމަކީ ވަޒީފާ މަތިން ފޫހިވި ސަބަބެކެވެ.

"އެހެންވެ ގޭގައި މި ހުންނަނީ. އަދި ވަޒީފާއަކަށް ދިޔުމުގެ ވިސްނުމެއް ނެތް،" ޒީނާ ބުންޏެވެ.

ކުރިއަށް ދާނެ މަގު ކިޔައިދިނުން މުހިއްމު

ވަޒީފާއާ ބެހޭ މައުލޫމާތު ދިނުމަށް، ޔޫތު މިނިސްޓްރީން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފެއާއެއް ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ވަޒީފާއާ ބެހޭ މައުލޫމާތު ދިނުމަށް، ޔޫތު މިނިސްޓްރީން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފެއާއެއް ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ގޭބިސީގެ އާމްދަނީ އާއި ހަރަދު ކުރި ގޮތް ދެނެގަތުމަށް، 2016 ގައި ހެދި ދިރާސާއިން ދައްކާ ގޮތުގައި އިގްތިސޯދީ ގޮތުން ހަރަކާތްތެރިނުވާ ނުވަތަ ވަޒީފާ އަދާނުކުރާ މީހުންގެ އަދަދު 111،604 އަށް އަރަ އެވެ. މީގެ ތެރެއިން 87،000 އަށް ވުރެ ގިނަ މީހުންނަކީ ވަޒީފާއެއް ހޯދަން މަސައްކަތް ނުކުރާ ނުވަތަ ވަޒީފާ ނުލިބިގެން އުޅޭ މީހުންނެވެ.

ޒުވާނުންގެ ތެރޭގައި މަސައްކަތް ނުކުރާ އަދި ތައުލީމާއި ތަމްރީނުތަކުގައި ނޫޅޭ އާބާދީ (ނީޓް ރޭޓް) ވެސް މައްޗެވެ. ރާއްޖޭގެ ޒުވާނުންގެ ނިސްބަތް 36 ޕަސެންޓަށް އަރާއިރު، މީގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކުރާ އަދި ތައުލީމު ހާސިލް ނުކުރާ މީހުންގެ އަދަދު އުޅެނީ 29 ޕަސެންޓުގަ އެވެ. އެއީ 17 ޕަސެންޓް ފިރިހެނުންނާއި 39 ޕަސެންޓް އަންހެނުންނެވެ.

ނީޓް ރޭޓުގައި އެންމެ ގިނައީ އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ރައީސް ވިދާޅުވާ، "އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް، މައިންބަފައިންގެ މޯހިރަށް ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުން" ބޮޑަށް ފެތެނީ މި ކެޓަގަރީއަށެވެ.

ކެރިއާ ގައިޑެންސް ކައުންސިލަރެއް ކަމަށްވާ އައިޝަތު ސާދާ ވިދާޅުވި ގޮތުގައި މި ފަދަ ޒުވާނުންގެ ވިސްނުން ގިނަ ފަހަރަށް ހުންނަނީ މުސްތަގްބަލަށް ވުރެ އެ ވަގުތާ މެދު އެވެ. މައިންބަފައިންގެ ފަރާތުން ފައިސާ ލިބޭ ކަމަށް ވާ ނަމަ، ވަޒީފާ އަދާކުރުމުގެ ބޭނުމެއް އެ މީހުންގެ އޮތް ކަމަކަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ސައިކަލްގައި ދަނީ: ސަރުކާރުގައި މަސައްކަތް ކުރުމަށް ގިނަ ޒުވާނުން ބޭނުންވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ސައިކަލްގައި ދަނީ: ސަރުކާރުގައި މަސައްކަތް ކުރުމަށް ގިނަ ޒުވާނުން ބޭނުންވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު

"ބޭނުންވާ ވަޒީފާ ނުލިބިއްޖެ ނަމަ އެހާ ހިސާބުން އެ މީހުން ގިވްއަޕްކޮށްލާ. ދެން ބޭނުމެއް ނުވޭ މަސައްކަތެއް ކުރާކަށް ވެސް. މައިންބަފައިންގެ ފަރާތުން ފައިސާ ލިބި ނުވަތަ އުޅެވޭނެ ގޮތް ހުރެއްޖެ ނަމަ ވަޒީފާ އަދާކުރުމުގެ ބޭނުމެއް އޮތް ކަމަކަށް އެ މީހުން ނުދެކޭ،" އޭނާ ވިދާޅުވި އެވެ.

ސާދާ ވިދާޅުވި ގޮތުގައި ޒުވާނުންގެ އެ ފަދަ ވިސްނުން އުފެދެނީ ސްކޫލު ނުވަތަ ކޮލެޖުގައި އެކަށީގެންވާ ވަރަށް ކެރިއާ ގައިޑެންސް ލިބިފައި ނުވާތީ އެވެ. ސްކޫލު ނިންމުމަށް ފަހު ވަޒީފާގެ މާހައުލަށް ނުކުންނައިރު، ދެން ދާންވީ ދިމާ ގިނަ ކުދިންނަށް ނޭނގޭ ކަމަށާއި އޭގެ ސަބަބުން ވަޒީފާއަށް ދިޔުމާ މެދު ފޫހިކަމެއް އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލު ނިންމުމަށް ފަހު މި ނުކުންނަނީ ވަރަށް ތަފާތު މާހައުލަކަށް. އޯލެވެލް ނިންމާފައި ވަޒީފާ ހޯދަން ނުކުންނައިރު ކުދިންގެ ވިސްނުން ވަރަށް ސެންސިޓިވް ވާނެ. އެހެންވެ، އެ މީހުން ބޭނުންވާ ވަޒީފާ ނުލިބުން ނުވަތަ ދާނެ ވަޒީފާއެއް ނޭނގުމަކީ ވަޒީފާ އަދާކުރުމުގެ މަގްސަދާ މެދު އެ މީހުން ސުވާލު އުފައްދާނެ ކަމެއް،" ގިނަ ޒުވާނުންނަށް ދިމާވާ މި މައްސަލައާ ގުޅޭ ގޮތުން ސާދާ ވިދާޅުވި އެވެ.

އާބާދީއާ ގުޅޭ ގޮތުން އެންމެ ފަހުން ހެދި ދިރާސާއިން ދައްކާ ގޮތުގައި ވަޒީފާ އަދާނުކުރާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އޭގެ ތެރެއިން ވެސް މި ނިސްބަތް އެންމެ މަތީ އުމުރުން 15-17 އަހަރާ ދެމެދުގެ ކުދިންގެ އެވެ. ދެން އެންމެ ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. މިއީ ރާއްޖޭގެ ރިޓަޔަމެންޓް އުމުރެވެ. ވަޒީފާ އަދާނުކުރާ ލައްކައަކަށް ވުރެ ގިނަ މީހުންގެ ތެރެއިން، ގިނަ އަންހެނުން ވަޒީފާ އަދާނުކުރަނީ ގޭތެރޭގެ މަސައްކަތް ކުރަން ޖެހުމާއި ކުދިން ބަލަން ޖެހޭތީ އެވެ. ގިނަ ފިރިހެނުން ވަޒީފާ އަދާނުކުރަނީ ކިޔެވުމާއި ތަމްރީނުތަކުގައި އުޅެން ޖެހޭތީ އެވެ.

ލިބިފައިވާ ތައުލީމާ އެއްވަރުގެ ވަޒީފާއެއް ނުލިބުމާއި ދިރިއުޅޭ ރަށުގައި އަދާކުރާނެ ވަޒީފާއެއް ނެތުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.

ވަޒީފާ އަދާނުކުރާ މީހުންގެ ތެރެއިން، މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި އަދި މަސައްކަތެއް ލިބިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ބުނާ މީހުން (ޕޮޓެންޝަލް ލޭބާ ފޯސް)ގެ އަދަދު އުޅެނީ 24،000އަށް ވުރެ މަތީގަ އެވެ. މީގެ ތެރެއިން 73 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. ރަށްރަށުގައި މި ފަދަ މީހުން ގިނަ އެވެ.

މިއީ މަސައްކަތުގެ މައިދާނަށް ފަސޭހައިން ނެރެވިދާނެ ބައެކެވެ. އެކަމަކު އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑިމާންޑާ އެއްވަރަށް ވަޒީފާ އުފެދިފައި ނެތުމެވެ. ސަރުކާރުގެ ވަޒީފާއަކަށް އިއުލާންކޮށްލާއިރު، އެކަމަށް އެދި ކުރިމަތިލާ މީހުން ސަތޭކައިން ގުނާލެވެ އެވެ. އެހެންވެ، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުން ވަޒީފާ އުފެއްދުމަކީ އެއް ހައްލެވެ. އަނެއް ހައްލަކީ މައިންބަފައިންނަށް ބަރޯސާނުވެ، ވަޒީފާއެއްގައި އުޅުމުގެ އާދަ ޒުވާނުންގެ މެދުގައި އަށަގެންނެވުމެވެ.