15 ޖުލައި 2019
ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" އާއި މާ ކަނޑުގައި "ކަންނެލި ޖަގަހަތައް" ގާއިމްކުރަން ގޮވާލާ ގަރާރުތަކެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.
ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" އާއި މާ ކަނޑުގައި "ކަންނެލި ޖަގަހަތައް" ގާއިމްކުރަން ގޮވާލާ ގަރާރުތަކެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.
މަސްވެރިންނަށް ފަހިވާ ގޮތަށް މަޖިލިހަށް ހުށަހެޅި ގަރާރުތަކުގެ ތެރޭގައި މަސް ފެކްޓަރީތައް ގާއިމްކުރަން ގޮވާލުމުގެ އިތުރުން ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތައް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމްތައް ހެދުމާއި އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރުމާ ބެހޭ ގަރާރެއް ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ބޭރު ބޯޓުފަހަރު އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމުގެ ހުއްދަ ދިނުމާ ގުޅޭ ގަރާރަކާއި ބޭރުގެ މަސް ބޯޓުފަހަރު ދިވެހި މަސް ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާ ވެސް ގަރާރެއް ހުށަހެޅި އެވެ.
ބަހުސް ފެށުމުގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަސްވެރިކަމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ފަސް ގަރާރުގައި މުޅިން ވެސް ހިމެނެނީ މަސްވެރިކަމުގެ ބިލަށް ހުށަހަޅާ އިސްލާހުތައް ކަމަށެވެ. އެއީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގެ ތެރޭގައި ވެފައިވާ ވައުދުތަކާ އެއްގޮތަށް ހުށަހަޅާ ކަންތައްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ހުށަހެޅުއްވި މި ގަރާރުގައިވާ ގޮތުން މަސްވެރިކަމަކީ އިގްތިސާދުގެ މުހިންމު ސިނާއަތަކަށް ވާ އިރު، އެ ސިނާއަތް ފުޅާކޮށް އެ މަސައްކަތުގެ ސީދާ ނަފާ ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދައިދޭން ޖެހޭ ކަމަށެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދީ ދިވެހި އުފެއްދުންތެރިކަން އިތުރުކުރުމަކީ ސަރުކާރާއި އެމްޑީޕީގެ ވައުދެއް ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
ގަރާރުގައި އެދުނީ ރަށްރަށުގައި ގާއިމްކުރާ މަސް ބަންދުކުރާ ޕްލާންޓުތަކުގައި ބޭނުން ކުރާނެ ވަސީލަތްތައް ކަނޑައަޅައި އެތަންތަން ގާއިމްކުރަން ކައުންސިލްތަކުން ބިން ދޫކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށެވެ. އަދި އެ ވިޔަފާރީގައި ރަށު ކައުންސިލާއި ސިޓީ ކައުންސިލަށް ބައިވެރިވެވޭނެ އުސޫލުތައް ހަދައި، މަސްވެރިން އަތުން މަސް ގަނެ، ޕްރޮސެސް ކުރާނެ ޕްލާންޓްތައް ތަރައްގީކޮށް ހިންގަން ފުރުސަތު ހުޅުވާލަން ވެސް ގަރާރުގައިވެ އެވެ.
ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި އެ ގަރާރުގައި ވަނީ އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަމުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން އާންމުވެފައިވާތީ އެކަމުގެ ސަބަބުން ކަންނެލީގެ ސްޓޮކް މަދުވަމުން ދާ ކަމަށެވެ.
ކަންނެލީގެ ސްޓޮކް މަދުވެ ރާއްޖޭގެ އިގްތިސާދަށާއި މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންވަމުންދާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
އެހެންވެ ގަރާރުގައި އެދިފައި ވަނީ މަސްވެރިކަމުގައި ރާއްޖެ އިން ގެންގުޅޭ އުސޫލުތައް ކުރިއަރުވާ އެ އުސޫލުތަކާ ހިލާފަށް އިންޑިއާގެ ކަނޑުގައި ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރުމަށެވެ.
ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމާއި ބޭރު ކަނޑުގައި މަސްވެރިކަން ކުރާ މަސްވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަން އޮފްޝޯ ޕްލެޓެފޯމްތަކެއް ގާއިމުކޮށްދިނުމަށް ގޮވާލި ގަރާރު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ.
އެ ގަރާރުގައި ބުނަނީ ރަށްރަށާ ދުރަށް ދުއްވައިގެން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އެ ސަރަހައްދުތަކުގައި އޮފްޝޯ ޕްލެޓް ފޯމުތަކެއް ނޫނީ "ކަންނެލި ޖަގަހަތަކެއް" ގާއިމުކޮށްދިނުމަށެވެ.
ޖަގަހަތަކުގައި އައިސް އާއި ތެޔޮ އަދި މަސްވެރިކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިއްޖެ ނަމަ އެނބުރި ރަށަށް ދާން ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑުތަން ކުޑަވާނެ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
ދިވެހި މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގެ މަގްސަދުގައި ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައިސް، ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމުގެ ހުއްދަ ދޭން ބާރުއަޅާ ގަރާރު ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދެވެ.
އެ ގަރާރުގައި އެދިފައި ވަނީ ދިވެހި މަސްވެރިން އަތުން މަސް ގަތުމަށް ހަތަރު ފަރާތަކާ އެކު ވެފައިވާ އެއްބަސްވުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބާތިލް ކުރުމަށެވެ. އަދި އޭގެ ބަދަލުގައި ބޭރުގެ ބޯޓުފަހަރު ރާއްޖެ ސަރަހައްދަށް ވަދެ، މަސް ގަތުމާ ގުޅޭ ދިރާސާއެއް ހަދައި އެފަދަ ފަރާތްތަކަށް ހުއްދަ ދޭން އެދިފައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް މަސް ގަނެވޭނެ ގޮތްތައް ބަލައި އެ ފަރާތްތަކަށް ވެސް މަސް ގަނެވޭނެ މަގު ފޯރުކޮށްދޭން ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.
ރާއްޖޭން ބޭރުގެ މަސްބޯޓްތަކުން ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރުން މަނާކުރަން ގޮވާލާ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އެ ގަރާރަށް ބަހުސް ހިނގަމުން ދިޔަ ވަގުތު، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް މަޖިލިހުގައި އިންނެވި އެވެ.
މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!
މަސްވެރިކަމުގެ މަނާ ބާވަތް ކަނޑައަޅައި ޖޫރިމަނާ ކުރަނީ
މަސްވެރިކަމުގެ ބިލް މަޖިލިހުން ފާސްކޮށްފި
ކަންނެލި ޖަގަހަތަކާ މެދު އިލްޔާސްގެ އުންމީދީ ވިސްނުން!
އެމްޑީޕީގެ ހުށަހެޅުން: މަސް ދޯނިތައް ލަންކާ އަށް
އަޅަންވީ ކަންނެލި ޖަގަހައެއް ނޫން، ފެކްޓަރީ: ތޯރިގް
ލޭނު މަސްވެރިކަން ތައާރަފްކޮށް، ތަމްރީނު ދެނީ
ލޭނު މަސްވެރިކަމާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރު
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!
ލޭނު އެޅުމުން ގެއްލުންވާނެ: ނަޝީދު