Roadha Mihaaru
ރައީސް ދަރިވަރުންނަށް: ޖަޒީރާވަންތަކަން އާލާކޮށްދީ!

ރައީސް ދަރިވަރުންނަށް: ޖަޒީރާވަންތަކަން އާލާކޮށް، ގައުމު ތަރައްގީ ކުރަން ދަސްކުރޭ!

09 ޖުލައި 2019

ރާއްޖޭގެ ޖަޒީރާވަންތަކަން ދިރުވައި، ގައުމު ތަރައްގީކުރަން ދަންނަ ބައެއް ކަމަށް ވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކިޔަވާ ކުދިންގެ ކިބައިން މިރޭ އެދިވަޑައިގަންނަވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ޖަޒީރާވަންތަކަން ދިރުވައި، ގައުމު ތަރައްގީކުރަން ދަންނަ ބައެއް ކަމަށް ވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކިޔަވާ ކުދިންގެ ކިބައިން މިރޭ އެދިވަޑައިގަންނަވައިފި އެވެ.

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 އަށް ހޮވުނު ދަރިވަރުން އިއުލާން ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ގައުމު ބިނާ ކުރުމުގައި ޒުވާނުންގެ ތައުލީމީ ގާބިލްކަމާއި ހުނަރުވެރިިކަމުގެ ބޭނުން ހިފޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމު ބޭނުން ވަނީ ޖަޒީރާވަންތަކަން ދިރުވައި ތަރައްގީކުރަން ދަންނަ ދަރިވަރުންނެވެ.

ރައީސް ދެން އެދިވަޑައިގަތީ ތައުލީމް ހާސިލް ކުރުމަށް ކޮންމެ ގައުމަކަށް ދަރިވަރުން ދަތުރު ކުރިޔަސް، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން އުފަންވާ ކޮންމެ ކުއްޖަކީ ވެސް، ދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތު ވެފައިވާ ދަރިވަރުންނަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

"މިއަދު ތިބި މަގާމަށް އާދެވުނީ ކުދިން ހިފެހެއްޓި އުސޫލާ ހަމަތަކުގެ މަތިންކަން ހަނދާންކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ދިވެހި ދަރިވަރުންނަކީ އިލްމު ހޯދުމުގައި ވަރަށް ހުޝިޔާރު އަދި ވިސްނުމުގެ ގާބިލްކަން ވެސް ނުހަނު މަތީ ދަރަޖައަށް ލިބިފައިވާ ބައެއް ކަމަށެވެ. އަދި ﷲގެ ވާގިފުޅާ އެކު، ދަރިވަރުން ހޯދާ އިލްމާއި ހުނަރުތަކުން މި ގައުމަށް ފާގަތި ކަމާއި ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވި އެވެ. "އެއީ އެތައް ގޮތަކުން ބަލާއިރު ވަރަށް ހިތްވަރު ގަދަ ކުދިން ކޮޅެއް. އަދި މި ރާއްޖޭގެ ކުރިމަގުގެ ތަރައްގީ އާއި ކުރިއެރުމާ ވެސް، ވަރަށް ބޮޑަށް ގުޅިފައިވާ ޒުވާނުން ކޮޅެއް،" ރައީސް ވިދާޅުވި އެވެ.

ތައުލީމީ ހަޔާތުގައި ދަރިވަރުންނަށް އަންނާނެ އެންމެ މުހިއްމު ދުވަސްވަރަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބޭރުގެ ޔުނިވަސިޓީއެއްގައި މަތީ ތައުލީމު ހާސިލް ކުރާ ދުވަސްވަރެވެ. އެކަމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ އެއީ އެކި ގައުމުތަކުގެ ތަފާތު ސަގާފަތްތަކުގެ ރަހުމަތްތެރިންނާ އެކުވެރިކަން އުފެދި ހިޔާލު ބަދަލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އޭގެ ސަބަބުން، އެހެން ގައުމުތަކުގެ ސަގާފަތާއި އާދަކާދަތަކުން ދަރިވަރުންގެ ވިސްނުން ތާޒާވާނެ ކަމަށާއި އޭގެ ފައިދާ ރާއްޖެ އަށް ވެސް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބޭނުންވަނީ ސުލްހަވެރިކަމާ އެކު ދިރިއުޅޭ އޯގާވެރި މުޖުތަމައެއް ބިނާކުރުން. ތިޔަ ޒުވާނުން ހާސިލް ކުރާ ތައުލީމުން ވެސް އެންމެ އެދެވޭ ގޮތުގައި ފައިދާ ކުރާނީ ވެސް މި ދެންނެވި ގޮތަށް ޒުވާނުން ވެގެން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އިޖްތިމާއީ ހަމަޖެހުމަކީ، އިގްތިސޯދު ހަރުދަނާވުމުގެ ބިންގާ ކަމަށް ވާއިރު، ގާނޫނުތަކާއި ގަވައިދުތަކަށް ބޯލެނބުމަކީ ގައުމަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އަދި މި ގައުމަށް އެންމެ ބޭނުންވާ އާ އީޖާދުތަކާއި އާ އުފެއްދުންތައް ލިބިގެން ނޫނީ، ތައުލީމަށް ކުރާ ހޭދައިގެ ފޮނި މީރުކަމެއް އެންމެ ބޭނުންވާ މިންވަރަށް ހާސިލް ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންވެ، ދަރިވަރުން މިހާރުން ފެށިގެން ގަދައަޅައި މަސައްކަތް ކުރަންވީ ރާއްޖެ އަށް ބޭނުން ޖެހިފައިވާ ދާއިރާތަކުން އުފެއްދުންތެރި އާ ގޮތްތައް އީޖާދުކުރަން ތައްޔާރުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "މިއީ ގައުމުގެ ތަރައްގީއަށްޓަކައި ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މަތީ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި ވެސް ވަރަށް ގިނަ ދަރިވަރުން ވަނީ ދުނިޔޭގެ ފެންވަރުގެ ވަނަތައް ހާސިލްކޮށްފަ އެވެ. ރައީސް އެކަން ފާހަގަ ކުރެއްވީ ގައުމަށް ލިބުނު ފަހުރެއްގެ ގޮތުގަ އެވެ