ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް ބޮޑު ކުރަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
09 ޖުލައި 2019
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް ބޮޑު ކުރަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މީހުންނަށް 5،000ރ. އާއި 9،000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށެވެ. އެފަދަ މީހުންނަށް ގާނޫނުގައިވާ ގޮތުން މިހާރު ދެނީ 2000ރ.ގެ އިނާޔަތެކެވެ.
ބިލަށް ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ރާއްޖެ އަށް މުހިންމު އިސްލާހުތަކެއް ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި މަދު އަދަދެއްގެ ބަޔަކު ތިބި އިރު، އެމީހުންނަށް ދިމާވެފައި ހުރި ހުރިހާ ކަމެއް ދައުލަތުން ހައްލުކޮށް ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދައުލަތުން ކޮންމެހެން 7000ރ. އެއް ނޫން ދޭންވީ. 5000ރ. އެއް ނޫން ދޭންވީ. 100،000ރ. މަހަކު ދީގެން ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަން ބެލެހެއްޓެން ވާނެ،" ޖާބިރު ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކޮށްފައި، ދައުލަތަށް ލިބެން ޖެހޭ އާމްދަނީ އިތުރުކޮށްފައި ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓަން ޖެހޭ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅެމުން އަންނަ އިރު، އެމީހުން މާލެ އައިސް، ކުރަން ޖެހޭ ހަރަދުތަކުގެ ސަބަބުން މާލީ އިނާޔަތުގެ ގޮތުގައި ލިބޭ 2000ރ. އިން އެކަން ނުވާ ކަމަށެވެ. އެހެންވެ، މަޖިލިހުގެ މެމްބަރުން އެކަމަށް ރިއާޔަތްކޮށް ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"ފައިސާގެ އިނާޔަތެއް ދިނުމަށް ވުރެ ބޮޑަށް، އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެނީ މި މައްސަލަތަކަށް ދާއިމީ ހައްލެއް ނުވަތަ ލުއި ފަސޭހަ ގޮތަކަށް ކަންކަން ބައްޓަން ކުރަން،" އާދަމް ވިދާޅުވި އެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުތަކުން ތެރަޕީގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އެފަދަ މީހުންގެ އާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއް ކަމަށް ވެސް އާދަމް ވިދާޅުވި އެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިން މާލެ ގެނެސް، ސިއްހީ ފަރުވާ ދިނުމުގައި ވަރަށް ބޮޑެތި ތަކުލީފްތަކެއް މިހާރު ވެސް އުފުލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރަން ނާޒިމް ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ސަރުކާރާ މަޝްވަރާ ނުކޮށް ހުށަހެޅި ބިލަކީ މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެކެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ނާޒިމް ހުށަހެޅުއްވި އަދަދަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފައިސާ ނުދިނަސް، ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުމަކީ އެމީހުންނަށް ލިބޭނެ އުންމީދެއް ކަމަށެވެ.
"ދައުލަތުގެ ފައިސާ އެންމެ ރަނގަޅު ގޮތަށް ބޭނުން ކުރުމަކީ ދައުލަތުގެ ވެރިންގެ މައްޗަށް ވާޖިބު ކަމެއް. ލާޒިމް ކަމެއް. އެންމެ ރަނގަޅު ދިމާލަށް ހަރަދު ކުރުން،" ސަލީމް ވިދާޅުވި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެހެންވެ، އެފަދަ ކުދިންނަށް ލިބެން ޖެހޭ އިނާޔަތްތައް ބޮޑު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިލްގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކުރަން ވާނެ އެވެ. އަދި ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.
އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
ނަޝީދުގެ ފޮޓޯއާ ހެދި އާޒިމާއި ޖަމީލްގެ ކުރިމަތިލުމެއް!
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް
ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!
ސައިޓުތަކުގެ މައްސަލަ އަށް ބަހުސްކުރަން ބޭނުމެއް ނުވި
އެމްޑީޕީން ޔާމީނަށް: ތިއުޅެނީ ހަމަޖެހުން ނަގާލަން!
ކޮމިޓީތަކުގައި އިދިކޮޅުގެ އަޑު އިއްވެން ޖެހޭނެ: ޝިޔާމް
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފި