Roadha Mihaaru
"ކޫލީ ނަމްބަރު 1" ހަދަން ނިންމީ ދެ ހިޔާލެއްގައި ހުރެ: ޑޭވިޑް

"ކޫލީ ނަމްބަރު 1" އަލުން ހަދަން ނިންމީ ދެ ހިޔާލެއްގައި ހުރެ: ޑޭވިޑް

06 ޖުލައި 2019

މީގެ 24 އަހަރު ކުރިން ގެނެސް ދިން ކާމިޔާބު ފިލްމު "ކޫލީ ނަމްބަރު 1" އަލުން ހަދަން ނިންމީ ދެ ހިޔާލެއްގައި ހުރެ ކަމަށް ޑައިރެކްޓަރު ޑޭވިޑް ދަވަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 24 އަހަރު ކުރިން ގެނެސް ދިން ކާމިޔާބު ފިލްމު "ކޫލީ ނަމްބަރު 1" އަލުން ހަދަން ނިންމީ ދެ ހިޔާލެއްގައި ހުރެ ކަމަށް ޑައިރެކްޓަރު ޑޭވިޑް ދަވަން ބުނެފި އެވެ.

ގޯވިންދާ އާއި ކަރިޝްމާ ކަޕޫރް 1995 ގައި ކުޅުނު ރޮމޭންޓިކް ކޮމެޑީ އަސްލަކަށް ބަލައިގެން ހަމަ އެ ނަމުގައި ހަދާ ދެ ވަނަ ފިލްމުގެ މަސައްކަތް އަންނަ މަހު ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ މަހުގެ 5 ގައި ފިލްމުގެ ޝޫޓިން ބެންކޮކްގައި ފަށާނެ އެވެ.

މި ފަހަރު ފިލްމުގެ ލީޑް ރޯލް ކުޅެނީ ޑޭވިޑްގެ ދަރިފުޅު ވަރުން ދަވަން އާއި ސާރާ އަލީ ހާނެވެ. އަދި ބަތަލާ ޑިޝާ ޕަޓްނީ އަށް ވެސް ފިލްމުގެ ރޯލެއް ހުށަހަޅާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ފިލްމާ ބެހޭ ގޮތުން ޑޭވިޑް ބުނީ "ކޫލީ ނަމްބަރު 1" އަލުން ހަދާނެތޯ އޭނާ ހައެއްކަ މަސް ވަންދެން ވިސްނި ކަމަށެވެ.

"އެ ފިލްމު ހެދުމުގެ ހިޔާލުތަކެއް އައިމަ އަހަރެން ވަރަށް ބޮޑަށް އެއަށް ވަދެވިގެން އިނދެ ފިލްމު ބެލިން. ދެން ހިތަށް އެރި މި ފިލްމު އަލުން ހެދުން ރަނގަޅުވާނެ ބާއޭ ނޫންތޯ،" ކާމިޔާބު އެތައް ފިލްމެއް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

ޑޭވިޑް ބުނީ އަލުން ފިލްމު ހަދަން ނިންމީ އޮރިޖިނަލް ފިލްމުގެ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީއާ އެ ވާހަކަ ހިއްސާ ކުރުމުން އޭނާ ވެސް އެކަމަށް ހިތްވަރު ދިންލެއް ބޮޑު ކަމުން ކަމަށެވެ.

"އެއާ އެކު އޮރިޖިނަލް ފިލްމުގެ ސްކްރީންޕްލޭ ލިޔުނު ރޫމީ ޖެފްރީއާ ބައްދަލުކޮށް އަހަރު ދުވަސް ވަންދެން ސްކްރިޕްޓްގެ މަސައްކަތް ކުރެވުނު. އަދި ފިލްމުގެ ޑައިލޮގްތައް ފަރުހާދު ސަމްޖީއާ ހަވާލު ކުރެވުނު،" ނަމްބަރުގެ ނަމުގައި ގިނަ ފިލްމުތަކެއް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "އަހަރެން ބުނާނީ ކުރީގެ ފިލްމަށް ވުރެ އެތައް ގުނަ މަޖާ ފިލްމަކަށް އާ ފިލްމު ވާނޭ."

ޑޭވިޑް ބުނީ "ކޫލީ ނަމްބަރު 1" އަލުން ހަދާ އިރު، މިއީ މުޅިން އާ ފިލްމަކަށް ވާނެ ކަމަށެވެ. އެގޮތުން ކުރީގެ ފިލްމާ އަޅާކިޔޭ ވަރުގެ ތަފާތު ކަމެއް ހުންނާނެ ކަމަށް ބުންޏެވެ. އެކަމަކު އޮރިޖިނަލްގެ މައިގަނޑު އަސްލު ނުގެއްލޭނެ ކަމަށް ބުންޏެވެ.

"ކޫލީ ނަމްބަރު 1" ގައި ކިޔައި ދެނީ މުއްސަނދި އާއިލާއެއްގެ އަންހެން ދަރިއަކު ކައިވެނި ކުރާނެ މީހަކު ހޯދަން އާއިލާ އިން ހަވާލު ކުރާ މީހަކާ ދޭތެރޭ އަންހެން ކުއްޖާގެ އާއިލާ އިން ކަންކުރާ ގޮތުން އެކަމާ ހިތްހަމަނުޖެހިގެން، ރޭލު ސްޓޭޝަނުގައި ލަގެޖް އުފުލަން އުޅޭ އާދައިގެ ކޫލީއަކު، ހައްދައިގެން އޭނާއަކީ މުއްސަނދި އާއިލާގެ ދަރިއެއްގެ ގޮތުގައި ކައިވެނި ކުރުވަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެވެ.

"ކޫލީ ނަމްބަރު 1" ގެ އާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ 1 ގަ އެވެ. މި ފިލްމަކީ ވަރުން، ބައްޕަ ޑޭވިޑާ އެކު މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ.

އެ ދެ މީހުން އެންމެ ފަހުން އެކީގައި ގެނެސް ދިން ފިލްމަކީ 2017 ގެ "ޖުޅުވާ 2" އެވެ. އެ ފިލްމަކީ ސަލްމާން ހާނާއި ކަރިޝްމާ އަދި ރާމްބާއާ އެކު ޑޭވިޑް 1997 ގައި ގެނެސް ދިން "ޖުޅުވާ" ގެ ދެވަނަ ބައެވެ.