Roadha Mihaaru
ޝައިމް ފޮރުވި ބަޔަކަށް ފިޔަވަޅު އަޅާނަން: ޕޮލިސް

ޝައިމް ފޮރުވި ބަޔަކަށް ފިޔަވަޅު އަޅާނަން: ޕޮލިސް

02 ޖުލައި 2019

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު ނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު ނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ޝައިމް ފިލައިގެން އުޅުނު މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަން ތަހުގީގު ކުރާއިރު ބަޔަކު އޭނާ ފޮރުވައިގެން ގެންގުޅުނުކަން ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް، 14، ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ. އަދި އެ ކުއްޖާ ހޯދަން ފުލުހުން އާންމުކޮށް އިއުލާންކުރީ މިދިޔަ މަހުގެ 20 ގަ އެވެ. އެ އަށް ފަހުން ތިން ގެއެއް ބަލާ ފާސްކޮށްފައި ވެ އެވެ.

ކޯޓު އަމުރެއްގެ ދަށުން ގަދަބާރުން ވަދެގެން ފުލުހުން އިއްޔެ މެންދުރު ދޭއް ޖަހާކަން ހާއިރު ޝައިމް ހޯދީ މާލޭގެ ގެއަކުންނެވެ. ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނާތީ ވަގުތީ ގޮތުން އޭނާ ހުރީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގަ އެވެ.

އެ ކުއްޖާ ގެއްލުނު މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެފައި ވަނީ ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުންކަން ގަބޫލުކުރައްވާ ކަމަށެވެ. ކުށުގެ ވެށީގައި އުޅެނިކޮށް އެ ކުއްޖާ މިދިޔަަ މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށެވެ. އާއިލާ އިން ވެސް ޝައިމްއާ ހަވާލުވާން ދެކޮޅު ހެދިއިރު، ބެލެނިވެރިން ވެސް އޭނާ ގޭގައި ބަހައްޓަން އެއްބަސް ނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.