Roadha Mihaaru
ރާއްޖެ-އީޔޫ ގުޅުން ބަދަހިކުރަން އަހަރަކު ބައްދަލުވުމެއް ބާއްވާނެ

ރާއްޖެ-އީޔޫ ގުޅުން ބަދަހިކުރަން ކޮންމެ އަހަރަކު ބައްދަލުވުމެއް ބާއްވަން އެއްބަސްވެއްޖެ

28 ޖޫން 2019

ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ދެ ފަރާތުގެ އިސް އޮފިޝަލުންގެ ބައްދަލުވުންތައް ގަވާއިދުން ކޮންމެ އަހަރަކު ބާއްވަން އެއްބަސްވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ދެ ފަރާތުގެ އިސް އޮފިޝަލުންގެ ބައްދަލުވުންތައް ގަވާއިދުން ކޮންމެ އަހަރަކު ބާއްވަން އެއްބަސްވެއްޖެ އެވެ.

އީޔޫ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމާއަތާއި ރާއްޖޭގެ އިސް އޮފިޝަލުން ކޮންމެ އަހަރަކު ބައްދަލުވުންތައް ބާއްވަން އެއްބަސްވީ، އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މަންދޫބު ފެޑެރިކާ މޮގަރިނީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައި ކުރެެއްވި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.

ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ހެޔޮވެރިކަން ކަށަަވަރުކޮށް، ގާނޫނީ ހުކޫމަތު ވަރުގަދަ ކުރުމަށް އީޔޫ އިން އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށް އެ ޖަމާއަތުން ބުނަމުން އަންނަ ބުނުން މިއަދުގެ ބައްދަލުވުމުގައި މޮގަރިނީ ތަކުރާރު ކުރެއްވި އެވެ.

ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މޮގަރިނީ އާއި ޝާހިދު އެއްބަސްވެވަޑައިގަތެވެ. ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ސަލާމަތީ ހިދުމަތްތައް އިސްލާހު ކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެއްބާރުލުން އިތުރުކުރުން ހިމެނެ އެވެ.

ޝާހިދު، ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އީޔޫގެ އިސް އެެހެން ބޭފުޅުންނާ ވެސް ބައްދަލުކުރެއްވި އެވެ. އެގޮތުން، އެ ޖަމާއަތުގެ ވިޔަފާރިއާ ބެހޭ ކޮމިޝަނަރު މެލްމްސްޓްރޮމް އާ މިދިޔަ ބުދަ ދުވަހު ބައްދަލުކުރެއްވި އެވެ.