Roadha Mihaaru
ހައި ކޯޓަށް ގިނައިން ކުރިމަތިލީ ސިވިލް ކޯޓުގެ ގާޒީން

ހައި ކޯޓަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ގިނައީ ސިވިލް ކޯޓުގެ ގާޒީން

08 ސެޕްޓެމްބަރ 2016

ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލާން ދެ ވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި އަށް ބޭފުޅުންގެ ތެރޭގައި ގިނައީ ސިވިލް ކޯޓު ގާޒީން ކަން އެނގިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލާން ދެ ވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި އަށް ބޭފުޅުންގެ ތެރޭގައި ގިނައީ ސިވިލް ކޯޓު ގާޒީން ކަން އެނގިއްޖެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހު ހުޅުވާލުމުން އެންމެ ފުރަތަމަ އެ ދެ މަގާމަށް ކުރިމަތިލީ އެންމެ ދެ ބޭފުޅުންނެވެ. ދެވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލުމުން އަށް ބޭފުޅަކު ކުރިމަތިލެއްވި ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުންޏަސް އެ ބޭފުޅުންގެ ނަންތައް އެ ކޮމިޝަނުން އަދި އާންމެއް ނުކުރެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ ސިވިލް ކޯޓުގެ ގާޒީންނެވެ. އެއީ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ގާޒީ މުހައްމަދު ހަލީމް އަދި ގާޒީ ހަސަން ފަހީމެވެ.

ދެން ކުރިމަތިލެއްވީ ހދ. ވައިރަކަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒާއި ބ. ހިތާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އުއްމުކުލްސުމް އަބޫބަކުރާއި މ. ސަބްރާތު، އަބްދުﷲ ޒުހައިރާއި ސ. ހިތަދޫ ރުފައިދާ މަންޒިލް، އަބްދުﷲ ފާރޫގު އިބްރާހިމާއި މ. ލިލީޒް، މިންނާ ނާފިޒެވެ.

ހައި ކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ދެ ބޭފުޅުން ކަނޑައަޅާނީ އިންޓަވިއުކުރުމަށް ފަހު ލިބޭ މާކްސްއަށް ބަލައި، ކޮމިޝަންގެ ޖަލްސާގައި ވޯޓު ނަގައިގެންނެވެ. ކޮމިޝަންގައި ވޯޓަށް އަހާނީ އެންމެ މަތިން މާކްސް ލިބޭ ބޭފުޅުންނަށް އިސްކަންދޭ އުސޫލުންނެވެ.

ހައި ކޯޓުގެ ބެންޗުން ދެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އައްބާސް ޝަރީފް ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމުންނެވެ.