Roadha Mihaaru
ހައި ކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފަށައިފި

ހައި ކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފަށައިފި

23 ޖޫން 2019

ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދަކުން އެ ކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގުމަށް ފަހު އެ ކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ވެސް ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދަކުން އެ ކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގުމަށް ފަހު އެ ކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ވެސް ފަށައިފި އެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން 2014 ގައި ވަނީ އައްޑު އާއި ހދ. ކުޅުދުއްފުށީގައި ހައި ކޯޓުގެ ދެ ގޮތްޕެއް ގާއިމުކޮށްފަ އެވެ. ގޮފިތަކަށް ހުށަހެޅޭ މައްސަލަތައް ބަލަނީ މާލެ އިން ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދުތައް ގޮސްގެންނެވެ.

ކުޅުދުއްފުށީގައި ހުންނަ އުތުރު ގޮފީގެ ޝަރީއަތްތައް އިއްޔެ ފެށީ އެ ރަށަށް ވަޑައިގަތް ތިން ފަނޑިޔާރުންގެ ވަފުދަކުންނެވެ. އެ ވަފުދުގައި ހިމެނިވައިގަންނަވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

އެ ވަފުދުން އެއް ހަފުތާގެ މުއްދަތަށް އުތުރު ގޮފީގެ މައްސަލަތައް ބަލާނެ ކަމަށް ހައި ކޯޓުން ބުންޏެވެ.

ހައި ކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފެށިއިރު، ދެކުނު ގޮތްޕަށް ވެސް މިދިޔަ ހަފުތާގައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އެހެން ވަފުދެއް ވަޑައިގެން، މައްސަލަތައް ނިންމައިފަ އެވެ. އެ ގޮފިން 26 މައްސަލައެއް މިދިޔަ ހަފުތާގައިވަނީ ނިންމައިފަ އެވެ.

ހައި ކޯޓުގެ ދެ ގޮފި ފުރަތަމަ ގާއިމް ކުރިއިރު އޮތީ ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ތިއްބަވާ ގޮތަށެވެ. އެކަމަކު އެގޮތަށް ހަމަޖެއްސުމުން މާލޭގެ ހައި ކޯޓަށް ފަނޑިޔާރުންގެ ދަތިކަން ދިމާވާން ފެށުމުން ފަހުން ސުޕްރީމް ކޯޓުން ހަމަޖެއްސީ ގޮފިތަކުގައި ފަނޑިޔާރުން ދާއިމީކޮށް ތިބުމުގެ ބަދަލުގައި ވަފުދުތައް ވަޑައިގަންނަވާ ގޮތަށެވެ.