Roadha Mihaaru
ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުދީ ލަސްވި: އިމްރާން

ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުދީ ލަސްވި: އިމްރާން

22 ޖޫން 2019

މާފުށީ ޖަލުގެ ދެ ގޮޅިއަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގައިދީން ނެރެ އެ މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަރުވާ ނުދީ ލަސްވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާފުށީ ޖަލުގެ ދެ ގޮޅިއަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގައިދީން ނެރެ އެ މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަރުވާ ނުދީ ލަސްވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެތަނުގެ ހާލަތު ބައްލަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި އިމްރާން ވިދާޅުވީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަ ގައިދީ އަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށެވެ. އެކަން ހިނގި ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު އެ ގައިދީންނަށް ލަސްނުކޮށް ފަރުވާ ދިނުމަށް ކަރެކްޝަނަލް ސާވިސް އަށް އެންގެވި ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިކަމުގައި އިހުމާލުވާ، ފަރުވާ ކުޑަކޮށްފައި ހުރި ހުރިހާ ކަމެއް ދެނެގަތުމަށް ފަހު ފިޔަވަޅު އަޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ގައިދީން ބައެއް ފަހަރު ހުރޭ ބައެއް ހާލަތްތައް ހިންގާފައި. ހާލަތު އުފެއްދުމަށް. އެހެންވީމަ ރަނގަޅަށް ބެލުމަށް ފަހު ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ގޮތް،"

ޖަލުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލްކުރަން ބޭނުން ކުރަން ޖެހޭ ވަރަށް ވުރެ ގިނައިން ޕެޕަ ސްޕްރޭ ބޭނުން ކުރުމާއި ބިޑި އަޅުވަން ޖެހޭ ގޮތަށް ވުރެ ބާރަށް ނުވަތަ އަޅުވަން ނުޖެހޭ ގޮތަކަށް ބިޑި އެޅުވި ކަން ފާހަގަ ކުރެއްވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ބައެއް ގައިދީންގެ ބޯ ޓްރިމަރަކުން ތުނިކޮށް ކޮށްފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ގައިދީން ޖަަލުގައި ހަމަނުޖެހުން ހިންގައިފި ނަމަ މީގެކުރިން ވެސް ބޯ ތުނިކޮށް ޓްރިމް ކުރާ ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

"ބޯ ބާލާފައެއް ނޫން ހުރީ، ބޯ ތުނިކޮށް ޓްރިމަރުން ކޮށާފައި ހުރީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެ ފޯސް އެގޮތަށް ބޭނުން ކޮށްގެންވާނެ ކަމަށް ގަބޫލެއް ނުކުރަން، އެހެން މި ދެންނެވީ އެކަންކަން އެގޮތަށް ބަލާފައި އެކަން ކުރީ ކާކު ބުނެގެންތޯ ބަލާފައި ފިޔަވަޅު އަޅާނަން،" އިމްރާން ވިދާޅުވި އެވެ.

ޖަލުގައި ހިނގި ކަންކަމާ ގުޅިގެން އެތަނުގެ ކޮމާންޑަރަކު ވަނީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ޖަލު އޮފިސަރުން ގައިދީން ގައިގައި ތަޅައިގަތީ، އެހެން ގޮޅިއަކުން އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުން ހިނގި ޒުވާބެއްގައި އޮފިސަރަކަށް ހަމަލާ ދިނުމުންނެވެ. އެ ހަމަނުޖެހުން ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އިމްރާން މިއަދު ވެސް ވިދާޅުވި އެވެ.