Roadha Mihaaru
ސަލްމާނާ ހެދި އަކްޝޭގެ ފޭނުން ރުޅިގަދަވެއްޖެ

"ސޫރިޔާވަންޝީ" ގެ ތާރީހު ބަދަލު ކުރުމުން އަކްޝޭ ކުމާރުގެ ފޭނުން ރުޅިގަދަވެއްޖެ

17 ޖޫން 2019

ސަލްމާން ހާންގެ ފިލްމު "އިންޝާﷲ" އަށް ވުރެ މާ ކުރިން އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައި ވަނިކޮށް، ސަލްމާނާ ހެދި އެ ފިލްމު ފަސްކުރުމުން އަކްޝޭގެ ފޭނުން ރުޅި ގަދަވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ހާންގެ ފިލްމު "އިންޝާﷲ" އަށް ވުރެ މާ ކުރިން އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައި ވަނިކޮށް، ސަލްމާނާ ހެދި އެ ފިލްމު ފަސްކުރުމުން އަކްޝޭގެ ފޭނުން ރުޅި ގަދަވެއްޖެ އެވެ.

އަކްޝޭގެ ބައެއް ފޭނުން ވަނީ މި މައްސަލާގައި ޑައިރެކްޓަރު ރޯހިތު ޝެޓީގެ އިތުރުން ސަލްމާނަށް ވެސް ބަހުގެ ހަމާލަތައް ފޮނުވައިފަ އެވެ. ހާއްސަކޮށް ރޯހިތަށެވެ. ބައެއް ފޭނުން ބުނީ އަކްޝޭގެ ފިލްމަކަށް އޭނާގެ އެއްވެސް ބާރެއް ނެތްކަން މިހާރު އެނގިއްޖެ ކަމަށާއި ހުރިހާ ނިންމުމެއް ނިންމަނީ ރޯހިތު ކަމަށެވެ. ބައެއް މީހުން ބުނީ ރޯހިތު އެކަން ކުރީ ސަލްމާން ދެކެ ބިރުން ކަމަށެވެ.

އަދި "ސޫރިޔާވަންޝީ" ގެ ތާރީހު ބަދަލު ކުރިކަން ސަލްމާން ހިއްސާ ކުރި ޓްވީޓްގައި ރޯހިތު ކޮއްކޮއެއްގެ ގޮތުގައި ސިފަކޮށްފައި، އަކްޝޭގެ އެއްވެސް ވާހަކައެއް އޭގައި ހިއްސާ ނުކުރުމަކީ ސަލްމާންގެ ދެފުށްކެހެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ބައެއް ފޭނުން ބުންޏެވެ.

ފޭނުންގެ ރުޅި ގަދަވުމުން އަކްޝޭ ކުރި ޓްވީޓެއްގައި ވަނީ ރުޅި މައިތިރިކޮށް "ސޫރިޔާވަންޝީ" ރިލީޒް ކުރާ ތާރީހު ބަދަލު ކުރުމަކީ ރަނގަޅަކަށް ކުރި ކަމެއްގެ ގޮތުގައި ދުށުމަށް އެދިފަ އެވެ. އަދި ތާރީހު ބަދަލު ކުރަން ޖެހުމަކީ އޭނާ އަށް ވެސް މައްސަލައެއް ނޫން ކަމަށް ބުންޏެވެ.

އަކްޝޭ އާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅޭ "ސޫރިޔާވަންޝީ" ރިލީޒް ކުރަން މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް 27 ގަ އެވެ. އެގޮތަށް ނިންމިކަން އިއުލާން ކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ކުރިން "ސޫރިޔާވަންޝީ" ރިލީޒް ކުރަން ނިންމި ދުވަސް ކަމަށްވާ އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ "އިންޝާﷲ" އަކީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކުރާ ފިލްމެކެވެ. ސަލްމާނާ އެކު އެ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ އާލިއާ ބަޓެވެ.

ސަލްމާނަކީ އަބަދު ވެސް ފިތުރު އީދު އަމިއްލަކޮށްގެން އުޅޭ އެކްޓަރެކެވެ. މިހާރު ސިނަމާތަކުގައި ދައްކާ އޭނާގެ އެންމެ ފަހުގެ ފިލްމު "ބާރަތު" އަކީ ވެސް މިދިޔަ ފިތުރު އީދުގައި ރިލީޒް ކުރި ފިލްމެކެވެ.