Roadha Mihaaru
ސަރުކާރަށް ފާޑު ކިޔައިގެން ދައުވާއެއް ނުކުރެވޭނެ: ކޯޓު

ސަރުކާރަށް ފާޑު ކިޔައިގެން ފިތުނަ އުފެއްދުމުގެ ދައުވާ ނުކުރެވޭނެ: ސުޕްރީމް ކޯޓު

06 ސެޕްޓެމްބަރ 2016

ނިއު ދިއްލީ (ސެޕްޓެމްބަރު 6) - ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ފިތުނަ އުފެއްދުމާއި އަމަން ނަގާލަން ހިތްވަރު ދިނުމުގެ ދައުވާ ކުރެވޭނެ ސަބަބެއް ނޫން ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނިއު ދިއްލީ (ސެޕްޓެމްބަރު 6) - ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ފިތުނަ އުފެއްދުމާއި އަމަން ނަގާލަން ހިތްވަރު ދިނުމުގެ ދައުވާ ކުރެވޭނެ ސަބަބެއް ނޫން ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އެގޮތަށް ބުނީ ފިތުނަ އުފެއްދުމާއި އަމަން ނަގާލަން ހިތްވަރު ދިނުމުގެ ގިނަ ދައުވާތަކެއް ގިނަ ބަޔަކާ ދެކޮޅަށް އުފުލާފައިވާތީ އެކަމަށް ފިޔަވަޅު އަޅައިދޭން އެދި އަމިއްލަ ޖަމިއްޔާއަކުން އެ ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.

ކަނޑައެޅިގެން ގާނޫނާއި ޚިލާފް ކަމަކަށް ގޮވާ ނުލާ ނަމަ، ސަރުކާރަށް ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށް 1962 ގައި އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމިޔަސް އެ ނިންމުމަށް ސަރުކާރުން އަމަލު ނުކޮށް، އެތައް ބަޔަކަށް އެފަދަ ދައުވާތައް ކުރަމުންދާ ކަމަށް ޖަމިއްޔާ އިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި މައްސަލަ ބަލާ ފަނޑިޔާރުން ބެންޗުން ބުނީ އެ ކޯޓުން 1962 ގައި ނިންމާ މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން އަމަލުކުރަންޖެހޭނެ ކަމަށެވެ. އެހެންވެ ކޮންމެހެން އެފަދަ ނިންމުމެއް އަލުން ނިންމަންޖެހޭނެ ކަމަށް ނުޖެހޭނެ ކަމަށް އެ ބެންޗުން ބުންޏެވެ.

"އަމަން ނަގާލަން ހިތްވަރު ދިނުމާއި ފިތުނަ އުފެއްދުމުގެ މައްސަލަތަކާ ގުޅިގެން މި ކޯޓުގެ ދުސްތޫރީ ބެންޗުން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް ހުރިހާ އިދާރާތަކުން ވެސް އަމަލުކުރަން ޖެހޭނެ. އެހެންވެ ކޮންމެހެން އެފަދަ އާ ނިންމުމެއް ނިންމަންޖެހޭނެ ކަމަށް ނުފެނޭ،" ބެންޗުން ބުނެފައިވެ އެވެ.

އެ ކޯޓުން ކުރިން ނިންމި މައްސަލައިގައި ބުނެފައިވަނީ ގާނޫނާއި ޚިލާފް ކަމަކަށް ގޮވާލުމެއް ނެތި، ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ކޮންމެ ވާހަކައެއް ވެސް ދެއްކޭނެ ކަމަށާއި އެ ހައްގު އެންމެންނަށް ވެސް އޮންނާނެ ކަމަށެވެ.

ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔައިގެން އިންޑިއާގައި އެތައް ބަޔަކާއި ދެކޮޅަށް ޖިނާއީ ދައުވާތައް ވަނީ އުފުލައިފަ އެވެ.

އިންޑިއާ ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ފާޑު ކިޔުމަކީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ ކަމަށް ބުނެފަ އެވެ. އެފަދަ ފާޑު ކިޔުންތައް އައުމުން އަބުރުގެ ދައުވާ ނުކޮށް، ސަރުކާރު ރަނގަޅަށް ހިންގަން އުޅެން ވެސް އެ ކޯޓުން ގޮވާލި އެވެ.