ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރަން ނިންމުމާ ގުޅިގެން އެކަން ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
19 މާޗް 2019
ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރަން ނިންމުމާ ގުޅިގެން އެކަން ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ކުރާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރަން ވާނީ ރައްޔިތުންގެ މަޖިލިހުން ނިންމާ ގޮތެއްގެ މަތިންނެވެ.
އެހެންވެ، ޖިނާއީ ކުށްތައް ހުއްޓުވަން އިންޑިއާއާ އެކު އެއްބަސްވުން ގާއިމުކުރަން ފެނޭތޯ ބެލުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސިޓީފުޅެއް މަޖިލިހަށް ފޮނުއްވައިފަ އެވެ. އަދި އެ މައްސަލަ ދިރާސާ ކުރަން މަޖިލިހުގެ ރިޔާސަތުން ފޮނުވީ ގައުމީ ސަލާމަތުގެ ކޮމިޓީ އަށެވެ.
މި އެއްބަސްވުމުގައި ރާއްޖެ އަށް ސޮއި ކުރެވޭނީ މަޖިލިހުގެ މެމްބަރުންގެ ރުހުން ލިބިއްޖެ ނަމަ އެވެ.
ރައީސް އޮފީހުން ބުނީ، އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމެވެ.
އެއްބަސްވުމުގައި، ކޯޓަށް ހާޒިރުކުރުމާއި ކޯޓު އަމުރު ތަންފީޒުކުރުމާއި އެހެނިހެން ޝަރުއީ ކަންކަމުގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ބާރު އަޅާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެ، ތަހުގީގު ކުރުމާއި ޝަރީއަތްކުރުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ދެ ގައުމުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއްބަސްވުމުގެ ވަރަށް ބޮޑު ބޭނުމެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނާއި އެއްބަސްވުމުގެ މާއްދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެ އެވެ. އޭގެ ތެރޭގައި މައްސަލަ ތަހްގީގު ކުރުމާއި ޝަރީއަތް ހިންގުމާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެ އެވެ.
މިހާރު އާންމު ވެފައިވާ ކުށްކުރުމާއި އަދި ހާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ފަހިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖިނާއީ ކުށްތައް ހުއްޓުވަން އިންޑިއާއާއެކު އެއްބަސްވުމެއް ގާއިމު ކުރަން ވަޒީރުންގެ މަޖިލިހުން ނިންމިއިރު، މި ސަރުކާރުން އެންމެ ގާތް ގުޅުމެއް މިހާރު އޮތީ އިންޑިއާއާ އެވެ. އެ ގައުމަށް ރާއްޖެ އަށް އެކި ގޮތް ގޮތުން އެހީތެރިވަމުން އަންނަ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވެ އެވެ.
ރާއްޖެ-އިންޑިއާ އެއްބަސްވުމަށް މަޖިލިހުން ރުހުން ދީފި
އިންޑިއާ-ރާއްޖެ އެއްބަސްވުން ހަދަން ހެޔޮނުވާނެ: ގާސިމް
ރާއްޖެ-އިންޑިއާގެ ބޮޑު އެއްބަސްވުމެއް، ނަތީޖާއަކީ؟
ޖިނާއީ ކުށްތައް ހުއްޓުވަން އިންޑިއާގެ އެހީ ހޯދަނީ
ރާއްޖެ-އިންޑިއާ އެއްބަސްވުން: ބިރެއް ނެތް: އޭޖީ
ޗާގޮސް މައްސަލައަށް އިންޑިއާގެ ނުފޫޒެއް ނެތް: ސަރުކާރު
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އިންޑިއާއާ އެކު ބާއްވަނީ ފަޚުރުވެރި ގުޅުމެއް: އީވާ