09 ޖޫން 2019
ލިޒްބަން (ޖޫން 9) - ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް މިރޭ ނުކުންނައިރު ނެދަލެންޑްސްގެ ޑިފެންސަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހުއްޓުވޭނެ ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
ލިޒްބަން (ޖޫން 9) - ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް މިރޭ ނުކުންނައިރު ނެދަލެންޑްސްގެ ޑިފެންސަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހުއްޓުވޭނެ ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި ރޮނާލްޑޯ އަލުން ގައުމީ ޓީމާ ގުޅުނީ މިދިޔަ މާޗް މަހު އެވެ. ރޮނާލްޑޯ ނުލައި ޕޯޗުގަލް އިން ނޭޝަންސް ލީގުގެ ސެމީން ފުރުސަތު ހޯދިއިރު، ސެމީގައި ސްވިޒަލެންޑް އަތުން 3-1 އިން މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ނެދަލެންޑްސް އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ފަހު މުބާރާތެއްގެ ފައިނަލުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދީ މި މުބާރާތުގެ ސެމީގައި އިންގްލެންޑްގެ މައްޗަށް 3-1 އިން ކުރިހޯދައިގެންނެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކޫމަން ހަވާލުވި ފަހުން ނެދަލެންޑްސް އިން އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެ ގޮތުން ޔުއެފާ އިން މުޅިން އަލަށް ތައާރަފްކުރި ނޭޝަންސް ލީގުގެ ސެމީން ނެދަލެންޑްސް ފުރުސަތު ހޯދީ އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ޓީމު ކަމަށްވާ ޖަރުމަނާއި ފްރާންސްގެ މައްޗަށް ކުރިހޯދައިފަ އެވެ.
ނެދަލެންޑްސްގެ އެންމެ ބޮޑު އެއް ހިތްވަރަކީ އެ ޓީމުގެ ޑިފެންސް ލައިނެވެ. އެ ޓީމުގެ ކެޕްޓަނަކީ ލިވަޕޫލާ އެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. ދެން ހުރީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ އުއްމީދީ އެއް ޑިފެންޑަރު އަޔަކްސްގެ މަތައިސް ޑި ލީޓް އެވެ. ކޫމަން ބުނީ އެ ދެ ކުޅުންތެރިންގެ ކިބައިގައި ރޮނާލްޑޯ ހުއްޓުވޭނެ ފެންވަރު އެބަހުރި ކަމަށެވެ.
"މީގެ ކުރިން ވެސް ނެދަލެންޑްސްގެ ޑިފެންސުން ވަނީ ވަރުގަދަ ކުޅުންތެރިން ހުއްޓުވުމުގައި ކާމިޔާބު ހޯދާފައި. އެހެންވީމަ ރޮނާލްޑޯ ނުހުއްޓުވެންވީ ސަބަބެއް ވެސް ނެތް. އެކަމަކު ގަބޫލު ކުރަން ވެސް ޖެހޭނެ ބައެއް ފަހަރު ރޮނާލްޑޯ ހުއްޓުވުމަކީ ފަސޭހަކަމެއް ވެސް ނޫންކަން،" ކުރިން ބާސެލޯނާ އަށް ކުޅުނު ކޫމަން ބުންޏެވެ.
ސެމީ ފައިނަލުގައި އިންގްލެންޑް އަތުން މޮޅުވި މެޗަށް ފަހު ވެން ޑައިކް ބުނީ ޕޯޗުގަލް އަކީ ހަމައެކަނި ރޮނާލްޑޯގެ މައްޗަށް ބަރޯސާވެފައި އޮތް ޓީމެއް ނޫން ކަމާށާއި ދެން ތިބި ކުޅުންތެރިންނަށް ވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ.
ޕޯޗުގަލްގެ ފަރިތަކުރުންތަކުގެ ތެރެއިން ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ
މި ފަހަރުގެ މުބާރާތުގެ ސެމީން ރޮނާލްޑޯ އަށް ޖާގަ ދިނުމުން ބައެއް ފާޑުކިއުންތައް ޕޯޗުގަލްގެ ފެޑެރޭޝަނަށް އަމާޒުވި ނަމަވެސް ރޮނާލްޑޯ ވަނީ އެ ނިންމުން ރަނގަޅުކަން ސާބިތުކޮށްދީފަ އެވެ.
"މީގެ އޮތީ ރަނގަޅަށް ތައްޔާރުވުން. އަހަރެންގެ އުމުރުން 34 އަހަރު ވިޔަސް އަހަރެން މެޗުތަކަށް ތައްޔާރުވާގޮތް މީގެ ތަފާތަކީ. އަހަރެން ގަޔާވެގެން ކުރާ މަސައްކަތް. އެންމެ މުހިއްމު ކަމަކީ އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަމާ އެކު ކުރިއަށް ދިއުން. އެ ވިސްނުމަށް ބަލާއިރު އަހަރެންގެ ފަރާތުން ގައުމީ ޓީމަށް ކޮށްދެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި،" ރޮނާލްޑޯ ބުންޏެވެ.
ގައުމީ ޓީމާ އެކު ރޮނާލްޑޯ އެންމެ ފުރަތަމަ ނުކުތީ އެ ގައުމުގައި 2004 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށެވެ. އެ ފަހަރު ފައިނަލުގައި ގްރީސް އަތުން ޕޯޗުގަލް ވަނީ ބަލިވެފަ އެވެ. ރޮނާލްޑޯ ގައުމީ ޓީމާ އެކު މިހާތަނަށް ކާމިޔާބުކުރީ 2016 ވަނަ އަހަރުގެ ޔޫރޯ އެވެ. ރޮނާލްޑޯގެ މި ފަހަރުގެ އަމާޒަކީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ނޭޝަންސް ލީގުގެ އެންމެ ފުރަތަމަ ޗެމްޕިއަނަކަށްވުމުގެ ޝަރަފް ހޯދުމެވެ.
ނޭޝަންސް ލީގުގެ ތިން ވަނަ ހޮވާ މެޗުގައި މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އިންގްލެންޑް ބައްދަލުކުރާނީ ސްވިޒަލެންޑާ އެވެ. ފައިނަލް މެޗުގައި ޕޯޗުގަލް އާއި ނެދަލެންޑްސް ވާދަކުރާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ. މިދިޔަ އަހަރު މާޗް މަހު ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ނެދަލެންޑްސް ވަނީ 3-0 އިން މޮޅުވެފަ އެވެ.
ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ
ރޮނާލްޑޯ ކެރިއަރުގައި 900 ގޯލު ހަމަކޮށްފި!
ބެލްޖިއަމް ބަލިކޮށް ނެދަލެންޑްސް ފައިނަލް ބުރަށް
ރޮނާލްޑޯ ގައުމީ ޓީމަށް 100 ގޯލު ހަމަކޮށްފި
ޔުއެފާ ނޭޝަންސް ލީގު ޕޯޗުގަލް ކާމިޔާބުކޮށްފި
ރޮނާލްޑޯގެ ހެޓްރިކުން ޕޯޗުގަލް ފައިނަލަށް
"ޕޯޗުގަލް ބަރޯސާވަނީ ރޮނާލްޑޯ އަށް އެކަންޏެއް ނޫން"
ނޭޝަންސް ލީގުގައި ރޮނާލްޑޯ ގައުމީ ޓީމަށް ކުޅޭނެ
ފްރާންސާއި ޕޯޗުގަލް މޮޅުވިއިރު، ނެދަލެންޑްސް ބަލިވެއްޖެ
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް