Roadha Mihaaru
ޖޭއެސްސީ އަށް ހިސާން އައްޔަންކުރަން ފާސްކޮށްފި

ޖޭއެސްސީ އަށް ހިސާން އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

29 މެއި 2019

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އައްޔަންކުރަން މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އައްޔަންކުރަން މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ރޭ ހުވާކުރި 19 ވަނަ މަޖިލިހުގެ ފަރާތުން ޖޭއެސްސީ އަށް ހިސާން ކަނޑައަޅަން މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެމްބަރުންގެ އިއްތިފާގުންނެވެ.

ހިސާން ފިޔަވައި އިތުރު ބޭފުޅެއްގެ ނަމެއް ހުށައެއް ނާޅަ އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ހިސާން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސް ކުރީ ވެސް މެމްބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ 18 ވަނަ މަޖިލިހުގައި ޖޭއެސްސީ އަށް އެންމެ ފަހުން ކަނޑައަޅާފައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.

ޖޭއެސްސީ އަށް އައްޔަންކުރަން ހިސާންގެ ނަން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެ ނަމަށް ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބެވެ.

ހިސާން އެންމެ ފުރަތަމަ އުޅުއްވީ ބަންޑާރަ ނައިބު އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގަ އެވެ. ހިސާން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސިސްޓަންޓް ސްޓޭޓް އެޓާނީ ޖެނެރަލްކަމާއި ސްޓޭޓް އެޓާނީ ޖެނެރަލްކަން ކުރައްވައިފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވަކިވެވަޑައިގެން އޭނާ ގުޅިވަޑައިގަތީ އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ އެވެ. ގާނޫނީ ދާއިރާ އިން ފަސްޓް ޑިގްރީ އާއި މާސްޓާސް ހާސިލްކުރައްވާފައިިވާ ހިސާން ވަނީ އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީގެ މަގާމު ފުރުއްވައިފަ އެވެ. އޭނާ ފާހަގަކުރެވެނީ އިންސާނީ ހައްގުތައް ހިމާޔަތްކުރައްވަން އެންމެ ބޮޑަށް މަސައްކަތްކުރައްވާ ވަކީލުންގެ ތެރޭގަ އެވެ.

ހިސާންގެ ނަން މަޖިލިހުން ފާސް ކުރިއިރު، އެ ޕާޓީން މަޖިލިހަށް އެކުލަވައިލި "އެޖެންޑާ 19" ގައި ހިމެނޭ އެންމެ މުހިންމު އެއް ބައި ކަމުގައިވާ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހިމެނި ސިޔާސަތަކީ ހިސާންގެ ބޮޑު އެއްބާރުލެއްވުމަކާ އެކީގައި ތައްޔާރު ކުރި ސިޔާސަތެކެވެ.

އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ފަދަ ސިޔާސީ ބޭފުޅުންގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ދިފާއުގައި ވެސް ކޯޓުތަކުގައި ވަކާލާތު ކުރެއްވި އެވެ

ޖޭއެސްސީގައި 10 މެމްބަރަކު ހިމެނޭއިރު، މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިއްބަވަނީ ތިން ބޭފުޅެކެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.

ދެން ތިއްބަވާނީ ހިސާންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަބްދުﷲ އަރީފާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ މުހައްމަދު އީސާފުޅާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަބްދުލް ރައޫފު އިބްރާހީމާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި އަބްދުލް ހަންނާން އަހުމަދާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަސްތޫރު ހުސްނީ އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ ލަތީފާ ގާސިމެވެ.