Roadha Mihaaru
ފުރަތަމަ ތަށްޓާ އެކު ނަޑާލަށް ހަމަނޭވައެއް

ފުރަތަމަ ތަށްޓާ އެކު ނަޑާލަށް ހަމަނޭވައެއް

20 މެއި 2019

ރޯމް، އިޓަލީ (މެއި 20) - އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ދުނިޔޭގެ އެއް ވަނަ ނޯވަކް ޖޮކޮވިޗް ބަލިކޮށް ސްޕެއިނުގެ ތަރި ރަފައެލް ނަޑާލް މި ފަހަރުގެ ޓެނިސް ސީޒަނުގެ ފުރަތަމަ ތަށި ހާސިލްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރޯމް، އިޓަލީ (މެއި 20) - އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ދުނިޔޭގެ އެއް ވަނަ ނޯވަކް ޖޮކޮވިޗް ބަލިކޮށް ސްޕެއިނުގެ ތަރި ރަފައެލް ނަޑާލް މި ފަހަރުގެ ޓެނިސް ސީޒަނުގެ ފުރަތަމަ ތަށި ހާސިލްކޮށްފި އެވެ.

އުމުރުން 32 އަހަރުގެ ނަޑާލް ވަނީ މި އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ޖޮކޮވިޗް އަތުން ބަލިވެފަ އެވެ. އިއްޔެގެ މޮޅާ އެކު ނަޑާލް ވަނީ ޖޮކޮވިޗާ ދެކޮޅަށް މިހާތަނަށް ކުޅުނު މެޗުތަކުން ކުރިހޯދައިފަ އެވެ.

ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ނަޑާލް ނުވަ ވަނަ ފަހަރަށް އިޓާލިއަން އޯޕަން ކާމިޔާބު ކުރުމަށް ފަހު ބުނީ ކުރިއަށް އޮތް ފްރެންޗް އޯޕަންގެ ކުރިން ފޯމަކަށް އެޅުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އެންމެ ފަހުން އަހަންނަށް މި އަހަރު ތަށްޓެއް ލިބިއްޖެ. މިއީ ކުރިއަށް އޮތް ފްރެންޗް އޯޕަންގެ ކުރިން އަހަރެން އެންމެ ބޭނުންވި ކަންތައް. އަހަރެން ކުރިން ހުރި ފޯމަށް އެޅެން މި ކާމިޔާބީ މުހިއްމު ދައުރެއް އަދާކުރާނެ،" 12 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބު ކުރުމުގެ އަމާޒުގައި ހުރި ނަޑާލް ބުންޏެވެ.

ސަތާރަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ނަޑާލް ބުނީ އޭނާގެ ނަޒަރުގައި ކުރިއަށް އޮތް ފްރެންޗް އޯޕަންގެ ފޭވަރިޓަކީ ޖޮކޮވިޗް ކަމަށެވެ.

"އަހަރެން މި މެޗުން މޮޅުވި ކަމުގައިިވިޔަސް ހަގީގަތަކީ ޖޮކޮވިޗް އަދިވެސް ހުރީ ރަނގަޅު ފޯމެއްގައިކަން. އެންމެ ފަހުން ގްރޭންޑްސްލޭމް މުބާރާތްތަކަށް ބަލާއިރު ވެސް ޖޮކޮވިޗް އުޅެނީ ކުރީގައި. އަހަރެންގެ ނަޒަރުގައި ފްރެންޗް އޯޕަން ފޭވަރިޓަކީ ޖޮކޮވިޗް،" ނަޑާލް ބުންޏެވެ.

ރަނގަޅު ފޯމެއް ދަމަހައްޓަން މިހާރު ކުރަން ޖެހޭ މަސައްކަތް ގިނަވާ އެއް ސަބަބަކީ މިދިޔަ އަހަރުތަކުގައި ކުރިމަތިވި އަނިޔާގެ މައްސަލަތައް ކަމަށާއި އެއް މުބާރާތް ނިންމާލުމަށް ފަހު ދެން އޮތް މުބާރާތަށް ތައްޔާރުވުމުގައި ވަރަށް ފަރުވާތެރިވާންޖެހޭ ކަމަށް ނަޑާލް ބުންޏެވެ.

"ދުވަސްވީ ކުޅުންތެރިންނަށް ބަލާއިރު އަހަންނާއި ފެޑެރާ މި ވަގުތު އެންމެ ޓޮޕް ލެވެލްގައި މިތިބީ. ފެޑެރާ ވެސް ފިޒިކަލް ފިޓްނަސްގެ ވާހަކަ ދައްކާ ސަބަބަކީ މިހާ ދުވަސްވީމަ އެއް ލެވެލެއްގައި ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތް ގިނަވުން. މިހާރު ޕްރެޝަރަށް ވުރެން އަހަރެމެންނަށް މުހިއްމީ ފިޓްނަސް،" ނަޑާލް ބުންޏެވެ.

މި އަހަރުގެ ފްރެންޗް އޯޕަން މުބާރާތް ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.