Roadha Mihaaru
ހަނގުރާމަ ނިމުނުތާ 10 އަހަރު: ޒަޚަމްތައް އެގޮތުގައި

ލަންކާގެ ހަނގުރާމަ ނިމުނުތާ 10 އަހަރު: އަދިވެސް އެތައް ބަޔަކު ގެއްލިފައި

18 މެއި 2019

ކޮލަމްބޯ (މެއި 18) - އީސްޓާ ބޮމުގެ ހަމަލާ އިން ގައުމު އަރައިނުގަނެ އުޅެނިކޮށް ސްރީ ލަންކާގައި މިއަދު ދަނީ ތަމަޅަ ޓައިގަރުންނާ އެކު ކުރި ދިގު ހަނގުރާމަ ނިމުނުތާ 10 އަހަރު ފުރުން ފާހަގަ ކުރަމުންނެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މެއި 18) - އީސްޓާ ބޮމުގެ ހަމަލާ އިން ގައުމު އަރައިނުގަނެ އުޅެނިކޮށް ސްރީ ލަންކާގައި މިއަދު ދަނީ ތަމަޅަ ޓައިގަރުންނާ އެކު ކުރި ދިގު ހަނގުރާމަ ނިމުނުތާ 10 އަހަރު ފުރުން ފާހަގަ ކުރަމުންނެވެ.

ލޭއޮހޮރުންވުން ބޮޑުވި 37 އަހަރުގެ ހަނގުރާމައިގައި 100،000 މީހުން ވަނީ މަރުވެފަ އެވެ.

ހަނގުރާމަ ނިމުނުތާ 10 އަހަރު ފުރުން ފާހަގަކުރަމުންދާ އިރު ލަންކާގައި އަޣުލަބިއްޔަތު ނެތް ތަމަޅައިން ދިރިއުޅޭ އުތުރުގެ ހިސާބުތަކުގައި މިއަދު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ހަނގުރާމަ ނިމުމުން ކޮލަމްބޯގައި ފާހަގަ ކުރާނީ އާދިއްތަ ދުވަހު އެވެ.

ލަންކާގެ ހަނގުރާމަ ކުރިއަށް ދިޔަ ދުވަސްވަރު، އޮކްޓޯބަރު 15، 1987 ގައި އިންޑިއާ ސިފައިންގެ ފައުޖެއް ޖަފްނާގައި ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާގެ ހަނގުރާމަ ކުރިއަށް ދިޔަ ދުވަސްވަރު، އޮކްޓޯބަރު 15، 1987 ގައި އިންޑިއާ ސިފައިންގެ ފައުޖެއް ޖަފްނާގައި ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

މެއި 18، 2009 ގައި ލަންކާ ސިފައިން މުއްލައިތިވޫގައި ވަނީ ޓައިގަރުންގެ ލީޑަރު ވެލުޕިއްލައި ޕްރަބާރަކަން މަރާލުމަށް ފަހު ހަނގުރާމަ ނިމުމަކަށް ގެނެސްފަ އެވެ. އޭރު ޓައިގަރުންގެ ބާރުގެ ދަށުގައި ހުރި ހުރިހާ ސަރަހައްދުތަކެއް ސަރުކާރު ސިފައިން ވަނީ ހިފައިފަ އެވެ. އޭގެ ފަހުން ލަންކާގެ އޭރުގެ ރައީސް މަހިންދާ ރާޖަޕަކްސާ ވަނީ، އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވުމާއި ސިޔާސީ މީހުންނާއި އާއްމުން މަރަމުން ދިޔަ ހަނގުރާމަ ނިމުނުކަން އިއުލާން ކުރައްވައިފަ އެވެ.

އެކަމަކު ހަނގުރާމައިގައި ހުވަފަތްވި މީހުންނާއި ގެއްލުން ލިބުނު މީހުންނަށް ކުރަން ޖެހިފައި ވަނީ އުނދަގޫ އިހްސާސްތަކެކެވެ. ހަނގުރާމަ ނިމުނުއިރު ވަނީ 20،000 މީހުން ގެއްލިފަ އެވެ. އޭގެ ތެރޭގައި ސަރުކާރު ސިފައިންގެ 5،000 މީހުން ވެސް ހިމެނެ އެވެ.

ހަނގުރާމައިގައި ގެއްލުނު ބައެއް މީހުންގެ ފޮޓޯ ލަންކާގެ އުތުރުގެ މުއްލައިތިވޫގައި އިއްޔެ ދައްކާލަނީ. --ފޮޓޯ:އޭއެފްޕީ

ހަނގުރާމައިގައި ގެއްލުނު ބައެއް މީހުންގެ ފޮޓޯ ލަންކާގެ އުތުރުގެ މުއްލައިތިވޫގައި އިއްޔެ ދައްކާލަނީ. --ފޮޓޯ:އޭއެފްޕީ

އަނަންދަރަސަން ނަގަކައްނީ، 61، އަދިވެސް ދަނީ އޭނާގެ ފިރިހެން ދަރިފުޅު އަތިންދަވަދާސް ހޯދަމުންނެވެ.

"އޭނާ އެންމެ ފަހުން ފެނިފައި ވަނީ ލަންކާ ސިފައިންނާ އެކު ހުއްޓާ. އޭގެ ފަހުން އޭނާ ނުފެނޭ،" މުއްލައިތިވޫގައި އޭއެފްޕީ އަށް އޭނާ ބުންޏެވެ.

ހަނގުރާމައިގައި ދެ ދަރިން ގެއްލިފައިވާ އުމުރުން 65 އަހަރުގެ ނާގަރާޖާ ސުރެޝައްމާ ވަނީ ހަނގުރާމައިގެ ފަހު ދުވަސްވަރުގެ ބިރުވެރިކަމުގެ ހަނދާންތައް އާކޮށްފަ އެވެ.

"އަހަރެމެން އެންމެން އެއްކޮށް ދިޔައީ. އަހަރެންގެ ފިރިހެން ދަރިފުޅު ދިޔައީ އެހެން މަގަމުން. އޭގެ ފަހުން އޭނާ ނުފެނޭ،" ސުރެޝައްމާ ބުންޏެވެ. "އެ މީހުން ދުނިޔޭގައި ނެތްކަން ވެސް އެންމެން ކުޑަމިނުން ބުނެދޭން ވެއްޖެ މިހާރު."

"ދަރިފުޅު މަރާލީތަ؟ ނޫނީ ވަޅުލީތަ؟" އޭނާ ސުވާލު ކުރި އެވެ.

ހަނގުރާމައިގެ ފަހު ދުވަސްވަރު އަނިޔާވެރި

ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި އާއްމުންގެ 40،000 މީހުން މެރި ކަމަށް ލަންކާ ސިފައިންގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ލަންކާގެ ވޭތުވެދިޔަ ސަރުކާރުތަކުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހު ތެރޭ އެތައް ބައިވަރު ކައްވަޅެއް ވަނީ ފެނިފަ އެވެ. އޭގެ ތެރޭން ކޮން ބައެއްކަން ދެނެގަނެފައި ވަނީ މަދު މީހެކެވެ.

ހަނގުރާމަ ނިމުނުތާ 10 އަހަރު ފުރުން ފާހަގަކުރަން މުއްލައިތިވޫގައި ތަމަޅައިން މިއަދު ބޭއްވި ހަފުލާއެއްގައި އަންހެނަކު ހިތާމަފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހަނގުރާމަ ނިމުނުތާ 10 އަހަރު ފުރުން ފާހަގަކުރަން މުއްލައިތިވޫގައި ތަމަޅައިން މިއަދު ބޭއްވި ހަފުލާއެއްގައި އަންހެނަކު ހިތާމަފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕް (އައިސީޖީ) ގެ ފަހުގެ ރިޕޯޓެއްގައި ބުނެފައި ވަނީ ލަންކާގެ އާ ސަރުކާރުން ކުރަން ބުނި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ފެއިލްވެފައިވާ ކަމަށެވެ.

"ލަންކާގެ އުތުރާއި އިރުމަތީގައި ދިރިއުޅެމުންދާ މީހުންނަށް އަދިވެސް ހަނގުރާމައެއް ނުނިމޭ،" ރިޕޯޓުގައި ބުނެފައިވެ އެވެ.

ޓެރަރިޒަމްގެ ބިރު

ލަންކާގެ 2.5 މިލިއަން މީހުންގެ ތަމަޅަ އާބާދީގެ ތަދުތައް އަދިވެސް ފިލައިގެން ނުދިޔަ ނަމަވެސް ހަނގުރާމަ ނިމުމުން އެ މީހުންނަށް އުއްމީދުތަކެއް ކުރެވުނެވެ. ގައުމުގައި ސުލްހަ ގާއިމް ކުރުމުން ޓޫރިޒަމާއި އިގްތިސާދު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރި އެވެ. އެކަމަކު އެޕްރީލް 21 ވަނަ ދުވަހު ތިން ފައްޅިއަކާއި ތިން ހޮޓަލެއްގައި އަމިއްލަ އަށް މަރުވެގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބިރުތައް ވަނީ ބޮޑުވެފަ އެވެ. އެ ހަމަލާގައި ވަނީ 258 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި 45 ބިދޭސީއަކު ހިމެނެ އެވެ.

ލަންކާގައި އެޕްރީލް 21 ގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާގައި އެޕްރީލް 21 ގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ހަމަލާ ދިނީ ލަންކާގައި ދިރިއުޅޭ، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިފައިވާ ނުވަ މީހެކެވެ. އީސްޓާ ބޮމުގެ ހަމަލާ އަށް ފަހު ލަންކާގައި ދަނީ މުސްލިމުންނާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ. މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތަކަށް ދަނީ ހަމަލާ ދެމުންނެވެ. މިހާތަނަށް އެކަކު ވަނީ މަރާލައިފަ އެވެ.