Roadha Mihaaru
ލަންކާ ބުޑިސްޓަކު އައްޑޫގައި އިސްލާމްވެއްޖެ

ސްރީ ލަންކާ ބުޑިސްޓަކު އައްޑޫގައި އިސްލާމްވެއްޖެ

14 މެއި 2019

އައްޑޫގައި މަސައްކަތް ކުރާ ސްރީ ލަންކާ ފިރިހެނަކު މިއަދު އިސްލާމް ދީން ގަބޫލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި މަސައްކަތް ކުރާ ސްރީ ލަންކާ ފިރިހެނަކު މިއަދު އިސްލާމް ދީން ގަބޫލުކޮށްފި އެވެ.

ފޭދޫ ގަރާޖެއްގައި މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ވަޒީފާ އަދާ ކުރަމުން އަންނަ މަހޭޝް، 38، އިސްލާމް ދިން ގަބޫލުކުރީ މިއަދު އަސްރު ނަމާދަށް ފަހު ފޭދޫ މަސްޖިދުލް ނަސްރުގަ އެވެ. އޭނާ އަށް ޝަހާދަތުގެ ދެ ކަލިމަ ލައިދެއްވީ ޝެއިހް މުހައްމަދު އަނީލެވެ.

މަހޭޝް ބުނީ އިސްލާމްވީ އަމިއްލަ އަށް ބޭނުންވެގެން ކަމަށާއި އެއީ ލަންކާގައި ދިރިއުޅޭ އޭނާގެ އަންހެނުން ވެސް ބޭނުންވާ ގޮތް ކަމަށެވެ. އިސްލާމްވުމަށް ފަހު، މަހޭޝް އަށް ކިޔާނެ ނަމެއް އަދި ނުނިންމަ އެވެ. އެކަމަކު އޭނާ ބުނީ އަންހެނުން ރީތި ނަމެއް ދޭނެ ކަމަށެވެ.

އައްޑު އަށް ދިއުމުގެ ކުރިން މަހޭޝް ވަނީ 8 އަހަރު ވަންދެން މާލޭގައި ވެސް މަސައްކަތްކޮށްފަ އެވެ.

ލަންކާގެ ބުޑިސްޓަކު އައްޑޫގައި އިސްލާމްވެފައި މި ވަނީ މިދިޔަ މަހުގެ ތެރޭގައި ލަންކާގައި އަމިއްލަ އަށް މަރުވެގެން ބަޔަކު ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގައި، މިސްކިތްތަކާއި ފިހާރަ ފަދަ ތަންތަނަށް ގެއްލުން ވެސް ދެމުންދާ ވަގުތެއްގަ އެވެ.

މިކަމާ ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.