Roadha Mihaaru
ޗާކޯލް ދަތްއުނގުޅާ ބޭސް ރައްކާތެރިއެއް ނޫން

ޗާކޯލް ދަތްއުނގުޅާ ބޭސް ރައްކާތެރިއެއް ނޫން

13 މެއި 2019

ދަތް ހުދުކޮށްދޭ އެއްޗެއްގެ ގޮތުގައި، ޗާކޯލް އެކުލެވޭ ދަތް އުނގުޅާ ބޭސް ޕްރޮމޯޓްކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަތް ހުދުކޮށްދޭ އެއްޗެއްގެ ގޮތުގައި، ޗާކޯލް އެކުލެވޭ ދަތް އުނގުޅާ ބޭސް ޕްރޮމޯޓްކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ބްރިޓިޝް ޑެންޓަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނި ގޮތުގައި ޗާކޯލް އެކުލެވޭ ދަތް އުނގުޅާ ބޭސް، ދަތް ހުދުކޮށްދޭ އެއްޗެއްގެ ގޮތުގައި ޕްރޮމޯޓް ކުރަނީ ވިޔަފާރީގެ މަންފާތަކަށެވެ. އޭގެ ބަދަލުގައި އެ ވައްތަރުގެ ދަތް އުނގުޅާ ބޭހުން ދަތްތައް ފަނިކައި، ދަތްތައް ބަލިކަށިކޮށްލާ ކަމަށް ބުންޏެވެ.

ޗާކޯލް އެކުލެވޭ ދަތް އުނގުޅާ ބޭސް ތައްޔާރުކޮށްފައި ހުންނަނީ ކްލޮރައިޑާ ވެސް ނުލަ އެވެ. އެކަމަކު އެއީ ދަތުގެ ވަރުގަދަކަމާއި ދުޅަހެޔޮ ކޮށްދޭ މާއްދާއެކެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޗާކޯލް އެކުލެވޭ ދަތް އުނގުޅާ ބޭހުން ދަތް ހުދުކޮށްދޭ ކަމަށް ބުންޏަސް އޭގައި ސައިންޓިފިކް އެއްވެސް ހެއްކެއް ވެސް ނެތެވެ. އެގޮތުން އެ ބޭސް ބޭނުންކުރުން އާދަކޮށްފި ނަމަ ދަތްތަކަށް ގެއްލުންވުން ނޫން ކަމެއް ނުވާނެ ކަމަށް ބުންޏެވެ.

"އެހެންވެ މިއީ ހަރަދު ކުޑަކޮށް އަދި ފަސޭހަކޮށް ދަތް ހުދުކޮށްލެވިދާނެ ގޮތެއް ކަމަށް ގަބޫލުކޮށްގެން ޗާކޯލް އެކުލެވޭ ބޭހުން ދަތް އުނގުޅުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން،" ދިރާސާގައި ބުންޏެވެ.

ޗާކޯލް އިން ތައްޔާރުކޮށްފައިވާ ދަތް އުނގުޅާ ބޭހެއް.

ޗާކޯލް އިން ތައްޔާރުކޮށްފައިވާ ދަތް އުނގުޅާ ބޭހެއް.

މި ވައްތަރުގެ ބޭހުގެ ޓެސްޓްތަކެއް 2017 ގައި ހަދާފައިވާ އިރު، އެ ޓެސްޓްތަކުގެ ނަތީޖާ އިން ވެސް ޗާކޯލް ދަތް އުނގުޅާ ބޭހުން ދަތް ހުދުކޮށް ކަމަކަށް ނުދައްކަ އެވެ. އޭގެ ބަދަލުގައި ދަތްތައް ހަލާލުކޮށްލާކަން ފާހަގަކުރެވިފައިވެ އެވެ.

"މި ބޭހުގެ ސަބަބުން ހިރުގަނޑަށް ވެސް ގެއްލުން ލިބި، ދަތުގެ ޓިޝޫތައް ވެސް ހަލާކުކޮށްލާ،" ދިރާސާ ހެދި މެންޗެސްޓާ ޔުނިވަސިޓީގެ ޑެންޓަލް ސްކޫލްގެ ޑރ. ޖޯސެފް ގްރީންވޯލް-ކޮއެން ވިދާޅުވި އެވެ. "އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ޗާކޯލް ދަތް އުނގުޅާ ބޭސް ބޭނުން ނުކުރުން."