Roadha Mihaaru
އެހެން ދީންތަކުގެ މީހުންނަށް ވެސް އިހްތިރާމް ކުރަންޖެހޭ

މުސްލިމުންނަކީ ހުރިހާ ދީނެއްގެ މީހުުންނަށް ވެސް އިހުތިރާމް ކުރާ ބަޔަކަށް ވާންޖެހޭނެ: މައުމޫން

10 މެއި 2019

މުސްލިމުންނަކީ ކޮންމެ ދީނެއްގެ ބަޔަކަށް ވެސް އިހުތިރާމްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މުސްލިމުންނަކީ ކޮންމެ ދީނެއްގެ ބަޔަކަށް ވެސް އިހުތިރާމްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ކީރިތި ގުރުއާން ބާވައިލެއްވުމުގެ އެންމެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހުރިހާ އިންސާނުންގެ މެދުގައި ހަމަހަމަކަން ގާއިމްކޮށް، ސުލްހަވެރިކޮށް އުޅުމަށް ގޮވައިލުން ކަމަށެވެ. މާތްﷲ އާއި ރަސޫލުންނަށް އީމާންވުމާއި ޣައިބަށް އީމާންވުމަށް ގޮވައިލުމުގެ އިތުރުން ހުރިހާ އިންސާނުންގެ މެދުގައި ހަމަޖެހުން ގާއިމްކޮށް، އެކަކު އަނެކަކަށް އިހްތިރާމް ކުރުމަށް ވެސް ގުރުއާނުން ބާރުއަޅާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިހުތިރާމް ކުރުމުގައި އެއްވެސް ދީނެއްގެ ބަޔަކު އިސްތިސްނާ ކޮށްގެން ނުވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އިހްތިރާމް ކުރުމޭ ބުނީމަ އޭގެ މާނަ އަކީ ހަމައެކަނި އަޅުގަނޑުމެން މުސްލިމުންނަށް އިހްތިރާމްކުރާ ވާހަކައެއް ނޫން. މުސްލިމުން އެހެން ދީންތަކުގެ މީހުންނަށް ވެސް އިހްތިރާމް ކުރަން ޖެހޭނެ. މި ދެންނެވީ ދުނިޔޭގައި އުޅޭ މަސީހީންނާއި އަދި ޔަހޫދީންނާއި އަދި އެ ނޫން ދީންތަކުގެ މީހުންނަށް ވެސް އަޅުގަނޑުމެން އިހްތިރާމް ކުރަންޖެހެއޭ،" ސަރުކާރުން ބޭއްވި އިހްޔާގެ ޖަލްސާއެއްގައި ފަސް އަހަރު ފަހުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެހެން ދީންތަކުގެ މީހުންނާ މެދު މުސްލިމުން ވެސް ނުބައި ގޮތަކަށް ދެކި، އިހާނާތްތެރިކޮށް އަމަލު ކޮށްގެން ނުވާނެ ކަމަށެވެ. އެއްވެސް ކުލައަކަށް ނުވަތަ ދީނަކަށް ނުވަތަ ގައުމަކަށް ވެސް ބެލުމެއް ނެތި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށާއި ކީރިތި ރަސޫލާގެ ސުންނަތުން ވެސް އެކަން އެނގެން އެބައޮތް ކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން ރަސޫލާ އަށް ގޯނާކުރި ޔަހޫދީއަކު ބަލިވުމުން ވެސް އޭނާއަށް ރަސޫލާ ޒިޔާރަތް ކުރައްވައި، އޭނާއާ މެދު އަމަލު ކުރެއްވީ ވަރަށް ރަނގަޅަށް ކަން އެނގެން އެބައޮތް ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެއީ ޔަހޫދީ އަންހެނެއް. އެކަލޭގެފާނަށް ގޯނާކުރި އަންހެނެއް. އެހެން ނަމަވެސް އޭނާއާ ދޭތެރޭގައި ވެސް ކަންތައް ކުރެއްވީ ވަރަށް އިހްތިރާމާ އެކީގައި، ރަހުމާ އެކީގައި، އިންސާނިއްޔަތުކަމާ އެކީގައި. މިއީ އަޅުގަނޑުމެން ދަސްކުރަންވީ ކަމަކީ." މައުމޫން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މައުމޫނާ އެކު ނައިބު ރައީސް އަދި އިސްލާމިކް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ/ހުސައިން ވަހީދު

މިރޭގެ ޖަލްސާގައި މައުމޫނާ އެކު ނައިބު ރައީސް އަދި އިސްލާމިކް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ/ހުސައިން ވަހީދު

ކީރިިތި ރަސޫލާގެ އަމަލުފުޅުތައް ވެސް ބެހެއްޓެވީ ގުރުއާނުގައި އަންގަވާފައިވާ ގޮތަށް ކަން ފާހަގަ ކުރައްވައި، މައުމޫން ވިދާޅުވީ ހުރިހާ މުސްލިމުން ވެސް އަމަލު ކުރަން ޖެހޭނީ އެގޮތަށް ކަމަށެވެ. ރަސޫލާ ހެދުން އެޅުއްވި ގޮތަށް ހެދުން އަޅަން މަސައްކަތް ކުރުމުގެ ބަދަލުގައި މުސްލިމުން ކުރަންޖެހޭ ކަމަކީ ރަސޫލާގެ އަމަލުފުޅުތަކުން މިސާލުން ލިބިގަނެ، އެހެން މީހުންނަށް އިހްތިރާމް ކުރަން ދަސްކުރުން ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ނުޖެހޭ ވަކި ކަހަލަ ޖުއްބާއެއް ލާކަށް، ވަކި ކަހަލަ އެއްޗެއް ބޮލުގައި އަޅާކަށް ރަސޫލާ އެޅުއްވިއޭ ކިޔާފައި. ރަސޫލާ ދެންނެވި މާތް އުސޫލުތަކުގައި ހިފަހައްޓައި، އެކަލޭގެފާނު ދެއްކެވި ނަމޫނާ ނަމޫނާއަކަށް ބަލައިގެން އެންމެންނާ ދޭތެރޭގައި ހިތް ހެޔޮކަން ބާއްވައި، އެންމެންނާ ރަހުމަތްތެރި، އެންމެންނަށް ކަމޭހިތައި، ހިތްހެޔޮކަން ބާއްވައި، އެންމެންގެ މެދުގައި ސުލްހަވެރިކަން ބޭއްވުން މިއީ އިސްލާމްދީނުގެ އަގީދާއަކީ،" މައުމޫން ވިދާޅުވި އެވެ.

ގުރުއާނަކީ އެންމެ ބޮޑު އަދި ޒަމާންތަކަށް ދެމިގެންވާ މުއުޖިޒާތެއް ކަން ފާހަގަ ކުރައްވައި، މައުމޫން ވިދާޅުވީ، މުސްތަގްބަލުގައި ހިނގާނެ ކަންކަމާއި ޣައިބުގައިވާ ފަރާތަކަށް ނޫނީ ނޭނގޭނެ އެތައް މައުލޫމާތެއް ގުރުއާނުގެ އަލީގައި ހޯދިފައިވާ ކަމަށެވެ. އެގޮތުން އެތައް މިލިއަން އަހަރެއް ކުރިން ބިމާއި އެހެން އެއްޗަކާ ޖެހުމުން ބުރައިގެން ދިޔަ އެތިކޮޅުތައް އެކުވެގެން ހަނދު އުފެދުނު ކަން ސައިންސްވެރިން ހޯދިއިރު، އެ މައުލޫމާތު ގުރުއާނުގައި ވެސް އޮތް ކަން އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ދޭތި ވަކިކޮށްލެއްވި ކަން އެ އޮތީ އަންގަވާފައި މީގެ 14 ގަރުނު ކުރިން. އޭގެ މާފަހުން މިހާރު ސައިންޓިސްޓުން މި ބުނަނީ މިހެނޭ މިކަން ހިނގާފައި މިއޮތީ." މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި، އަރަބި ބަހުން ބާވާލައްވާފައިވާ ގުރުއާން ކިޔެވުމަކީ އެކަމުގެ ސަވާބު ލިބޭ ކަމެކެވެ. އަދި ގުރުއާނުގެ އާޔަތްތަކުގެ މާނަ ދެނެގަނެ، އެކަންކަން ދެނެގަތުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމަށް ގުރުުއާނުގައި ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ގުރުއާނުގެ ދިވެހި ތަރުޖަމާ އާއި އެހެން ބަސްބަހުން ކޮށްފައި ހުރި ތަރުޖަމާތައް ވެސް ބަލައި، ދަސް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.