Roadha Mihaaru

ކަންގަނާ އަށް ހުށަހެޅި ފިލްމު "އިމާލީ" ދީޕިކާ އަށް

ޑައިރެކްޓަރު އަނޫރާގް ބާސޫ، ބަތަލާ ކަންގަނާ ރަނާވަތަށް ހުށަހެޅި ފިލްމު "އިމާލީ" އޭނާ ދޫކޮށްލުމުން އެ ފިލްމު ދީޕިކާ ޕަދްކޯނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަންގަނާ އަށް ހުށަހެޅި "އިމާލީ" ދީޕިކާ އަށް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

06 މެއި 2019

ޑައިރެކްޓަރު އަނޫރާގް ބާސޫ، ބަތަލާ ކަންގަނާ ރަނާވަތަށް ހުށަހެޅި ފިލްމު "އިމާލީ" އޭނާ ދޫކޮށްލުމުން އެ ފިލްމު ދީޕިކާ ޕަދްކޯނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ ދީޕިކާ އަށް ފިލްމު ހުށަހެޅުމުން އެ ފިލްމުގެ ސްކްރީންޕްލޭ ކަމުދިޔަލެއް ބޮޑުކަމުން އޭނާ އެ ފިލްމަށް އެއްބަސްވެފައިވާ ކަމަށެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އަނޫރާގް ވެސް އަދި ދީޕިކާ ވެސް އެއްވެސް ވާހަކަ އެއް ނުދައްކަ އެވެ.

މީގެ ދެ އަހަރު ކުރިން "ޖައްގާ ޖާސޫސް" ގެނެސް ދިން އަނޫރާގް މި ވަގުތު އަންނަނީ އަބީޝެކް ބައްޗަން އާއި ފާތިމާ ސަނާ ޝެއިހާއި ރާޖްކުމާރު ރާއޯ އާއި އަދިތިޔާ ރޯއި ކަޕޫރާއި ސާނިޔާ މަލްއުތުރާ އެކު އެންތޮލޮޖީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ކުރިން އަންނަ ސެޕްޓެމްބަރި މަހު ރިލީޒް ކުރަން އޮތް އަދި ނަން އިއުލާންކޮށްފައި ނުވާ އެ ފިލްމު މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ދީޕިކާ މި ވަގުތު އަންނަނީ ޑައިރެކްޓަރު މެގްނާ ގުލްޒާރާ އެކު ބައޮގްރަފިކަލް ޑްރާމާ "ޗަޕާކް" ގެ މަސައްކަތް ކުރަމުންނެވެ.

ކަންގަނާ ބޮލީވުޑަށް ތައާރަފުވި ފިލްމު ގޭންގްސްޓާ (2006) ގެ ޑައިރެކްޓަރު އަނޫރާގްގެ "އިމާލީ" ކަންގަނާ ދޫކޮށްލީ އެހެން ޕްރޮޖެކްޓްތަކެއް ހުރުމުން އެ ފިލްމަށް ވަގުތު ދެވެން ނެތުމެންނެވެ. އެކަމާ ބެހޭ ގޮތުން އޭނާ ބުނީ މެންޓޯގެ ފިލްމުގައި މި ފަހަރު ހިއްސާ ނުވުމަކީ ދެރަވާ ކަމެއް ކަމަށެވެ. އެކަމަކު މުސްތަގަބުލުގައި އަނޫރާގާ އެކު މަސައްކަތް ކުރަން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުންޏެވެ.

ކަންގަނާ ވަނީ އަނޫރާގް 2007 ގައި ގެނެސް ދިން އެންތޮލޮޖީ ފިލްމު "ލައިފް އިން އަ...މެޓްރޯ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އޭނާ އަށް ހުށަހެޅި ފިލްމަކަށް ދީޕިކާ އެއްބަސްވެފައިވާ ކަމަށް ބުނާ އިރު، ދާދި ފަހުން ކަންގަނާ ބުނީ މިދިޔަ އަހަރު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދުމާވަތު" އެންމެ ފުރަތަމަ ހުށަހެޅީ އޭނާ އަށް ކަމަށެވެ. އެކަމަކު އެ ފިލްމު ނުކުޅެވުނީ އޭރު، މި އަހަރު ޖެނުއަރީގައި ރިލީޒް ކުރި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ މަސައްކަތް ކުރަމުން ދިއުމުން ކަމަށް ބުންޏެވެ.

ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކަކީ "މެންޓަލް ހޭ ކިޔާ" އާއި "ޕަންގާ" އަދި "ތަލައިވީ" އެވެ.