Roadha Mihaaru
ކަސިޔަސް ރިޓަޔާކުރަން އަދި ނުވިސްނާ

ކަސިޔަސް ރިޓަޔާކުރަން އަދި ނުވިސްނާ

04 މެއި 2019

ލިޒްބަން (މެއި 4) - ޕްރެކްޓިހުގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ޕޯޓޯގެ ގޯލްކީޕަރު އިކާ ކަސިޔަސް ފުޓްބޯޅަ ކުޅުން ހުއްޓާލަން އަދި ނުވިސްނާ ކަމަށް ޕޯޓޯގެ ޑޮކްޓަރު ނެލްސަން ޕުގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިޒްބަން (މެއި 4) - ޕްރެކްޓިހުގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ޕޯޓޯގެ ގޯލްކީޕަރު އިކާ ކަސިޔަސް ފުޓްބޯޅަ ކުޅުން ހުއްޓާލަން އަދި ނުވިސްނާ ކަމަށް ޕޯޓޯގެ ޑޮކްޓަރު ނެލްސަން ޕުގާ ބުނެފި އެވެ.

ކަސިޔަސްގެ ހިތުގެ މައްސަލަތަކެއް ހުރި ކަމަށް ޓެސްޓްތަކުން ފާހަގަކުރެވިގެން އޭނާ އަށް ދެން ފުޓްބޯޅަ ނުކުޅެވޭނެ ކަމަށް މަޝްހޫރު ކުޅިވަރު މީޑިއާ ބީންސްޕޯޓްސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށް ޕޯޓޯގެ ޑޮކްޓަރު ޕުގާ ވަނީ ބުނެފަ އެވެ.

"ކަސިޔަސް ކުޅުން ހުއްޓާލުމާ ބެެހޭގޮތުން ވާހަކަ ދައްކަން އަދި އަވަސް. އޭނާ ވެސް ބޭނުމެއް ނޫން މި ކަހަލަ ގޮތަކަށް ކުޅުމުން ދުރަށްދާން. އޭނާ ކުރިއަށް އޮތްތަނުގައި ކަންތައް ކުރާނެ ގޮތެއް ކަނޑައެޅޭނީ ދުވަސްތަކަކަށް ފަހު އޭނާގެ ރިކަވަރީ ދާ ގޮތުން،" ޕުގާ ބުންޏެވެ.

ހާޓްއެޓޭކަށް ފަހު ކަސިޔަސް މިހާތަނަށް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މެސެޖަކީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ހުރިހާ ކަމެއް މިހާރު އޮތީ ކޮންޓްރޯލްގައި ކަމަށެވެ. އަދި އެނބުރި ވަރުގަދަކޮށް އަންނާނެ ކަމުގެ މެސެޖެއް ވެސް ކަސިޔަސް ދިނެވެ.

ޕުގާ ބުނީ ކަސިއަސް އަލުން ދަނޑުން ފެނުމާ މެދު އެންމެ ފަހުގެ ނިންމުމެއް ނިންމާނީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށް ފަހު ކަމަށެވެ.

"ހިތުގެ މައްސަަލަތައް ވަރަށް ރަނގަޅަށް ޖެހޭނެ ބަލަން. އެއީ ސީރިއަސް ކޭހެއް. ފަރުވާގެ ކަންތައް ވަރަށް ރަނގަޅަށް ބެލުމަށް ފަހު ފުރިހަމަ ޔަގީންކަން ލިބުމުން ނޫނީ ކަސިޔަސް އަށް އަލުން ނުކުޅެވޭނެ. އޭނާ ވެސް އެ ގޮތެއް ބޭނުމެއް ނުވާނެ،" ޕުގާ ބުންޏެވެ.

ކަސިޔަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރެއާލް މެޑްރިޑަށް ކުޅެ، އެ ޓީމުގެ ކެޕްޓަންކަން ކުރުމަށް ފަހު ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ފާއިތުވި ދެ ސީޒަނުގައި ކަސިޔަސް ވަނީ ޕޯޓޯ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަންނަ ސީޒަނަކީ ކަސިޔަސް ޕޯޓޯ އަށް ކުޅޭނެ ފަހު އަހަރު ކަމަށް މީގެ ކުރިން ޕޯޓޯގެ އޮފިޝަލަކާ ހަވާލާދީ ޕޯޗުގަލްގެ މީޑިއާ އަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.