Roadha Mihaaru
ތާރީހު ލިވަޕޫލް ކޮޅަށް، ބާސާގެ ހަތިޔާރަކީ މެސީ!

ތާރީހު ލިވަޕޫލް ކޮޅަށް، ބާސާގެ ހަތިޔާރަކީ މެސީ!

01 މެއި 2019

ބާސެލޯނާ (މެއި 1) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތާރީހު ބުރަވަނީ ލިވަޕޫލް ކޮޅަށެވެ. އެކަމަކު މިދިޔަ 13 ވަރަކަށް އަހަރަށް ބަލާއިރު ބާސެލޯނާގެ ކާމިޔާބީތަކުގައި ހިއްސާ ބޮޑު ލިއޮނަލް މެސީ އަކީ މިރޭ ލިވަޕޫލް ފަހަތަށް ޖައްސާލުމުގައި ބާސެލޯނާ އިން ބޭނުންކުރާނެ އެންމެ ވަރުގަދަ ހަތިޔާރެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (މެއި 1) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތާރީހު ބުރަވަނީ ލިވަޕޫލް ކޮޅަށެވެ. އެކަމަކު މިދިޔަ 13 ވަރަކަށް އަހަރަށް ބަލާއިރު ބާސެލޯނާގެ ކާމިޔާބީތަކުގައި ހިއްސާ ބޮޑު ލިއޮނަލް މެސީ އަކީ މިރޭ ލިވަޕޫލް ފަހަތަށް ޖައްސާލުމުގައި ބާސެލޯނާ އިން ބޭނުންކުރާނެ އެންމެ ވަރުގަދަ ހަތިޔާރެވެ.

ބާސެލޯނާ ދަނޑުގައި މިހާތަނަށް ލިވަޕޫލުން ކުޅުނު ހަތަރު މެޗުގައި ވެސް ބައްޔެއް ނުވެ އެވެ. ދެ މެޗުން މޮޅުވިއިރު، އަނެއް ދެ މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. ލިވަޕޫލަކީ ބާސެލޯނާ ދަނޑުގައި މިހާތަނަށް މޮޅެއް ހޯދި ހަމައެކަނި އިނގިރޭސި ޓީމެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ބާސެލޯނާ އެންމެ ފަހުން ބައްދަލުކުރީ 2007 ވަނަ އަހަރު އެވެ. އެ ފަަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައި ބާސެލޯނާ ދަނޑުގައި ލިވަޕޫލް މޮޅުވީ 2-1 އިންނެވެ. އަމިއްލަ ދަނޑުގައި 1-0 އިން ބާސެލޯނާ އަތުން ބަލިވި ނަމަވެސް ލިވަޕޫލް ވަނީ އެ ފަހަރު ބާސެލޯނާ ކަޓުވާލައިފަ އެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ބާސެލޯނާގެ ހާއްސަ ކަމަކީ މެސީ ހުރުން ކަމަށާއި އެކަމަކު ހަމައެކަނި އޭނާގެ ވާހަކަ ދެއްކުމަކުން ބާސެލޯނާގެ ހުރިހާ ކަމެއް ނިމުނީ ނޫން ކަމަށެވެ.

"އަހަރެމެންނަށް ހަމައެކަނި މެސީ އަށް ސަމާލުވެގެން ފަރުޖެއްސޭނެތަ؟ ތެދެއް ބައެއް ފަހަރު އެބަޖެހޭ މެސީ އަށް ހާއްސަކޮސް ސަމާލުވާން. އެކަމަކު ހުރިހާ ފަހަރަކު އެ ގޮތަށް ކަންތައް ކޮށްފިއްޔާ ދުނިޔޭގެ ފެންވަރުގެ 10 އިތުރު ކުޅުންތެރިން އެބަތިބި އަހަރެމެންނަށް ގެއްލުންދެވޭ ފެންވަރުގެ،" ކްލޮޕް ބުންޏެވެ.

މި ސީޒަނުގައި ބާސެލޯނާ އިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން އަމާޒުހިފާފައިވާކަން މެސީ އިއުލާނުކުރި ހިސާބުން އެއީ ދެން އޮތް ޓީމުތަކަށް ލިބިގެންދިޔަ އިންޒާރެއްގެ ގޮތުގައި ދެކުމުގެ ފުރުސަތު އެބައޮތް ކަމަށާއި ފައިނަލަށް ދިއުމަށް ލިވަޕޫލުން ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ކްލޮޕް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކްލޮޕް. -- ފޮޓޯ: އޭއެފްޕީ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކްލޮޕް. -- ފޮޓޯ: އޭއެފްޕީ

މެސީ އަށް އެހީތެރިވުމުގައި ބާސެލޯނާގެ އެޓޭކް ލީޑުކުރާނެ ކަމަށް ބެލެވެނީ ކުރިން ލިވަޕޫލަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒާއި ފިލިއްޕޭ ކުޓީނިއޯ އެވެ. ކްލޮޕް ބުނީ މިއީ އެ ދެ ކުޅުންތެރިންނަށް ހުރިހާ ގޮތަކުން ވެސް ހާއްސަ މެޗަކަށްވާނެ ކަމަށެވެ.

"ކުޓީނިއޯ ބާސެލޯނާ އަށް ދާން ބޭނުންވެގެން އެ ވާހަކަ އިވިގެން އެންމެ ފުރަތަމަ އަހަރެން ކަންބޮޑުވި. އަހަރެން ކުޓީނިއޯއާ އެކު މަސައްކަތްކުރަން ބޭނުން. އެކަމަކު މިހާރު އޭނަ އެ ހުރީ އިދިކޮޅުގައި. ކުޓީނިއޯ ނެތި ލިވަޕޫލުން ވަރަށް ރަނގަޅަށް ކުޅެފި. އަހަރެންގެ އުއްމީދަށް ވުރެން ވެސް ބޮޑަށް. މިއީ އެ ދެ ކުޅުންތެރިންނަށް ހާއްސަ މެޗެއް." ކްލޮޕް ބުންޏެވެ.

ބާސެލޯނާ އެންމެ ފަހުން އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގެ މެޗަކުން ބަލިވީ 2013 ވަނަ އަހަރު އެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ހަމައެކަނި އެއް މެޗުގައި މޮޅަށް ކުޅެގެން ލިވަޕޫލްގެ މައްޗަށް ކުރިހޯދޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި ފައިނަލުގެ ޖާގައެއް ހޯދާނަމަ ބާސެލޯނާ އަށް އޮތީ ދެ މެޗުގައި ވެސް ނަތީޖާ ނެރެން ކުޅުން ކަމަށެވެ.

"ލިވަޕޫލަކީ އެޓޭކްގައި ވެސް އަދި ޑިފެންޑްގައި ވެސް ވަރުގަދަ ޓީމެއް. ޕްރިމިއާ ލީގުގައި މި ސީޒަނުގައި ކުޅޭ އެންމެ ވަރުގަދަ ޓީމު. އެކަމަކު އަހަރެމެންގެ އެބަހުރި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ (މެސީ). މި ވަގުތު އޭނަ ހުރީ ތަފާތު ފޯމެއްގައި. އޭނާ އަށް މި މެޗުގައި ވެސް ތަފާތު ދެއްކޭނެ،" ޖެހިޖެހިގެން ދެ އަހަރު ބާސެލޯނާ އަށް ސްޕެނިޝް ލީގު ހޯދައިދިން ވަލްވޭޑޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބާސެލޯނާ ވަނީ އިނގިރޭސި ޓީމުތަކާ ދެކޮޅަށް ކުޅުނު 27 މެޗުން މޮޅުވެފަ އެވެ. އިނގިރޭސި ޓީމުތައް މި މުބާރާތުގައި އެންމެ ގިނައިން ބަލިކުރުމުގެ ރެކޯޑް ވެސް އޮތީ ބާސެލޯނާ އަތުގަ އެވެ.

ބާސެލޯނާ އާއި ލިވަޕޫލް މިރޭ ރާއްޖެ ގަޑިން 00:00 ޖަހާއިރު ކުޅޭ މެޗުން ކިޔުންތެރިންގެ ނަޒަރުގައި މޮޅުވާނީ ކޮން ޓީމެއް ހެއްޔެވެ؟