Roadha Mihaaru
ގޮނޑު ކައިރީގައި އުޅޭ ނަމަ ކެންސަރުގެ ނުރައްކާ ބޮޑު

ކުނި ގޮނޑުތަކާ ކައިރީގައި ދިރިއުޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރުގެ ނުރައްކާ

29 މެއި 2016

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކުނިގޮނޑާ ކައިރީގައި ދިރިއުޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑެވެ. ސަބަބަކީ ކުނިގޮނޑުން އަރާ ނުރައްކާތެރި ގޭސްތައް ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް ވަނުމެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކުނިގޮނޑާ ކައިރީގައި ދިރިއުޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑެވެ. ސަބަބަކީ ކުނިގޮނޑުން އަރާ ނުރައްކާތެރި ގޭސްތައް ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް ވަނުމެވެ.

ކުނިގޮނޑާ ފަސް ކިލޯމީޓަރު ކައިރީގައި އުޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރާއި ނޭވާލުމުގެ ނިޒާމުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމަށް ވެސް ފަހުގެ ދިރާސާތަކުން ވަނީ ހާމަވެފަ އެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މިކަމުގެ ނުރައްކާ މާ ބޮޑެވެ.

މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ކުނިގޮނޑުތަކާ އެންމެ ކައިރީގައި އުޅޭ މީހުން ފުއްޕާމޭގެ ކެންސަރާއި ނޭވާލުމުގެ ނިޒާމުގެ ތަފާތު ބަލިތައް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މިންވަރާއި މަރުވާ މިންވަރު މާ އިތުރެވެ.

ބޮޑެތި ކުނިގޮނޑުތަކުގައި ހުންނަ ކުނިވާ ސާމާނުން އެ ދުވާ ނުބައި ވަހާ އެކު ނުރައްކާތެރި ކެމިކަލްތައް ވެސް އުފެދެ އެވެ. އެހެންކަމުން ނޭވާލާއިރު މިފަދަ ކެމިކަލްތަކާއި އެނޫންވެސް ސިއްހަތަށް ގެއްލުންދޭ ބާވަތްތައް ހަށިގަނޑަށް އެތެރެވެ އެވެ.

ކުނިގޮނޑާ ފަސް ކިލޯމީޓަރު ކައިރީގައި އުޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރާއި ނޭވާލުމުގެ ނިޒާމުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރު

ރިސާޗަރުން ވަނީ ގޮނޑުތައް ހިމެނޭ ސަރަހައްދުތަކުގައި ހައިޑްރޯޖަން ސަލްފައިޑް ހުރި މިންވަރު ޗެކްކޮށްފަ އެވެ. ހައިޑްރޯޖަން ސަލްފައިޑަކީ އެއްވެސް ކުލައެއް ނެތް ހުޅުހިފާ، ކުނި ބިހުން ދުވާ ފަދަ ނުބައި ވަހެއް ހުންނަ އެއްޗެކެވެ. މިއީ ކުނިގޮނޑަށް އުކާލާފައި ހުންނަ ކުނިވާ ޒާތުގެ ތަކެތި ކުނިވަމުންދާއިރު އުފެދޭ އެއްޗެކެވެ.

އިންޓަނޭޝަނަލް ޖާނަލް އޮފް އެޕިޑިމިއޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާ ހެދި ޓީމުން ބަލާފައި ވަނީ އިޓަލީގެ ލާޒިއޯގެ ކުނިގޮނޑުތަކުގެ ތެރެއިން ނުވަ ކުނިގޮނޑެކެވެ. އަދި މި ގޮނޑުތަކުން އަންދާ ކުނިން ވައި ތަޣައްޔަރުވާ މިންވަރެވެ.

މި ޓީމުން 1996 އިން 2008 އަށް ކުރި މި ދިރާސާގައި މިފަދަ ކުނިގޮނޑުތަކާއި 3.1 މޭލަށް ވުރެ ކައިރި ސަރަހައްދުތަކުގައި އުޅުނު 242،409 މީހަކު ބައިވެރި ކުރިއެވެ. މި ދިރާސާގެ މުއްދަތު ހަމަވިއިރު އޭގެ ތެރެއިން 18،609 މީހުން ވަނީ މަރުވެފަ އެވެ.

"ކުނިއުކާ ތަންތަނާ ގާތުގައި އުޅޭ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކާ ބެހޭ ގޮތުން އަދިވެސް ވަރަށް ޚިޔާލު ތަފާތުވުންތައް އެބަހުރި. މިހާތަނަށް ޝާއިއުކުރި ހެލްތު ޑޭޓާތަކުގައި ކުނިގޮނޑުތަކާ ކައިރީގައި އުޅޭ މީހުންނަށް މާބޮޑަށް ސަމާލުކަންދީ އެމީހުންގެ އިޖްތިމާއީ ދިރިއުޅުމާއި މާލީ ފެންވަރަކަށް ބަލާފައެއް ނުވޭ،" ދިރާސާގައި ބައިވެރިވި އެއް ރިސާޗަރަކު ވިދާޅުވި އެވެ.

އެހެންކަމުން މިކަމާ ގުޅޭ އިތުރު ދިރާސާ ކޮށްގެން ނޫނީ ކުނިގޮނޑުން އަރާ ގޭހުން އިންސާނުންނަށް ސީދާ ކުރާ ނޭދެވޭ އަސަރުތައް ޔަގީންކަމާއެކު ނުބުނެވޭނެ ރިސާޗަރުން ބުނެފައި ވެއެވެ.