Roadha Mihaaru
އެޑިއުކޭޝަންގެ ޕީއެސްގެ މަގާމަށް މީހަކު ހޯދަނީ

އެޑިއުކޭޝަންގެ ޕީއެސްގެ މަގާމަށް މީހަކު ހޯދަނީ

18 އެޕްރީލް 2019

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ބޭފުޅަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ބޭފުޅަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ ޕީއެސްގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން ސީއެސްސީއަށް ހުށަހެޅޭނެ ކަމަށެވެ.

އެޑިއުކޭޝަނަށް ޕީއެސްއެއް ހޯދަން އިއުލާނުކޮށްފައިވަނީ، މިހާތަނަށް އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު ސަސްޕެންޑްކޮށްފައި ހުރުމަށް ފަހު އިއްޔެ މަގާމުން ވަކި ކުރުމުންނެވެ. އޭނާ ވަކިކުރީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސީއެސްސީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

ސައީދު ސަސްޕެންޑުކުރުމުން ވަގުތީ ޕީއެސްގެ ގޮތުގައި ހުންނަވަނީ އެތަނުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ވަހީދު އަލީ އެވެ.

ޕީއެސްގެ ޝަރުތުތަކުގެ ތެރޭގައި މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުމާއި ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރު މަސައްކަތް ކޮށްފައި ވުން ހިމެނެ އެވެ.

ޕީއެސްއަކަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 20،500ރ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ލިބޭނެ އެވެ.

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ.