Roadha Mihaaru
ބަލިވީ ލީޑަޝިޕް ފޭލްވެގެންނެއް ނޫން: އަބްދުއްރަހީމް

ބަލިވީ ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕް ފޭލްވެގެންނެއް ނޫން: އަބްދުއްރަހީމް

17 އެޕްރީލް 2019

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވީ އެ ދެ ޕާޓީގެ ލީޑަޝިޕް ފޭލްވެގެން ނޫން ކަމަށާއި އިންތިޚާބަށް ނާޖާއިޒު ނުފޫޒުތަކެއް ވަދެގެން ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވީ އެ ދެ ޕާޓީގެ ލީޑަޝިޕް ފޭލްވެގެން ނޫން ކަމަށާއި އިންތިޚާބަށް ނާޖާއިޒު ނުފޫޒުތަކެއް ވަދެގެން ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ދެ ޕާޓީން 40 އަށް ވުރެ ގިނަ ދާއިރާ އަށް ކެންޑިޑޭޓުން ނެރުނެވެ. އެކަމަކު ކާމިޔާބުވީ އެންމެ އަށް ގޮނޑި އެވެ. މިއީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ބައްޔާ އެކު ޕީޕީއެމަށް ކުރިމަތިވި ބޮޑު ނާކާމިޔާބީ އެކެވެ. މިކަމުގެ ޒިންމާ ޕާޓީގެ ލީޑަޝޕުން ނަގަން ޖެހޭނެ ކަމަށް ޕީޕިއެމްގެ އިސް ބައެއް ބޭފުޅުން ވެސް ދެކެވަޑައިގަންނަވަ އެވެ.

ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް ވިދާޅުވީ އިންތިޚާބެއްގައި ނާކާމިޔާބުމަކީ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް ބަދުނާމު އަޅުވަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އޭގެ މާނައަކީ، އިންތިޚާބުން ބަލިވުމުން ޕާޓީ އަލުން ހަރުދަނާކޮށް، ލީޑަޝިޕަށް އާ ބޭފުޅުންނަށް ފުރުސަތު ނުދިނުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ލީޑަޝިޕަށް ބަދަލުގެނެސް އާ ބޭފުޅުންނަށް ފުރުސަތު ދިނުމަށް އޭނާ ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމް، ޕީއެންސީ ވަރުގަދަ ކުރުމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ. ސަރުކާރު ޖަވާބުދާރީ ކުރުވަން ވަރުގަދަ ކޯލިޝަނެއް ފެންނާނެ: އަބްދުއްރަހީމް

ޕީޕީއެމް/ޕީއެންސީ ބަލިވީ ޕާޓީގެ ލީޑަޝިޕް ފޭލްވެގެން ނޫން ކަމުގެ ހެއްކި ދައްކަވަން އޭނާ މިސާލު ނެންގެވީ އެމްޑީޕީންނެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީ ވެރިކަމުގައި އޮވެ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާ އެވެ. އޭގެ ފަހުން، 2011 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އޭގެ ފަހުން 2014 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެ ޕާޓީ އަށް ގިނަ ގޮނޑިތަކެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ.

"އެ ހުރިހާ އިންތިޚާބުތަކުން ބަލިވި އިރު އޮތް ލީޑަޝިޕް މިހާރު ވެސް އެމްޑީޕީ އެ ހިންގަނީ. ކުރީގެ ރައީސް ނަޝީދު ހުންނަވައިގެން އެމްޑީޕީ ބަލިވީ،" ފޮނަދޫ ދާއިރާގެ ގޮނޑި ދިފާއުކުރަން ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަށް ފަހު ބޭއްވި ކޮންގްރެސްގައި ޕީޕީއެމްގެ މަގާމްތަކަށް އައްޔަން ކުރި ބޭފުޅުން: ދެ އިންތިޚާބުން ބަލިވީ ލީޑަޝިޕް ފޭލްވެގެން ކަމަކަށް އަބްދުއްރަހީމް ގަބޫލެއް ނުކުރައްވާ. --ފޮޓޯ/ޕީޕީއެމް

ރިޔާސީ އިންތިޚާބަށް ފަހު ބޭއްވި ކޮންގްރެސްގައި ޕީޕީއެމްގެ މަގާމްތަކަށް އައްޔަން ކުރި ބޭފުޅުން: ދެ އިންތިޚާބުން ބަލިވީ ލީޑަޝިޕް ފޭލްވެގެން ކަމަކަށް އަބްދުއްރަހީމް ގަބޫލެއް ނުކުރައްވާ. --ފޮޓޯ/ޕީޕީއެމް

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުތަކުން ބަލިވުމުން ކުރިއަށް ނެރެން ޖެހެނީ ތަފާތު އާ ވިސްނުންތަކެވެ.

"އަޅުގަނޑު ދެކޮޅު ހަދަނީކީއެއް ނޫން އާ ލީޑަޝިޕަކަށް. އެއީ، އަޅުގަނޑު ހަމަ މަރުހަބާ ވެސް ކިޔާ ކަމެއް. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ބަލިވީ ލީޑަޝިޕް ފޭލްވެގެންނެއް ނޫން. އިންތިޚާބަށް އިންތިހާ އަށް ނުފޫޒު ވަދެ، މިނިވަން މާހައުލެއް ނެތުމުން،" އޭނާ ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ތުހުމަތަކާ އެކު ޔާމީން ޖަލަށް ލައި، ޕާޓީގެ ފަންޑްތައް ފްރީޒްކޮށް، އިސް ބޭފުޅުން ހައްޔަރުކުރާނެ ކަމުގެ ބިރުދައްކައި ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން ފުރުސަތު ނުދިނުމަކީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އެ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ބަލިވި ބައެއް ސަބަބުތަކެވެ. އެއާއެކު، މި އިންތިހާބަށް ސަރުކާރުން ނާޖާއިޒު ނުފޫޒުތަކެއް ފޯރުވި ކަން ކޮމަންވެލްތުގެ ރިޕޯޓުން ވެސް ސާފު ކަމަށް ވިދާޅުވި އެވެ.

އެ ރިޕޯޓުގައި އޮތީ، އެމްޑީޕީގެ ކެމްޕޭންގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ބައެއް ދާއިރާތަކުގެ ވޯޓުގައި މައްސަލަތައް ހުރި ކަމަށެވެ. މާމިގިލީ ދާއިރާގެ ނަތީޖާ އަށް ވެސް ފަހުން ބޮޑެތި ބަދަލުތަކެއް އައި ކަމަށާއި އޭނާ ހިމެނޭ ގޮތުން ޕީޕީއެމްގެ ގިނަ ކެންޑިޑޭޓުންތަކެއްގެ ވޯޓު އަލުން ގުނައިދޭން އެދުމުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހެދި ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގައި ކުރިމަތިކުރި ކަންކަމުން، ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ގޮނޑިތައް މަދުވުމަކީ މަޖިލީހުގައި ސަރުކާރު ޒިންމާދާރު ނުކުރެވޭނެ ސަބަބެއް ނޫނެވެ. ދެ ޕާޓީގެ ހިންގުން ވަރުގަދަކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީޕީއެމް، ޕީއެންސީ ވަރުގަދަ ކުރުމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ. ސަރުކާރު ޖަވާބުދާރީ ކުރުވަން ވަރުގަދަ ކޯލިޝަނެއް ފެންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީސް އިންތިޚާބަށް ފަހު ޕީޕީއެމްގެ ރައީސް ޔާމީން ވަނީ އެ ޕާޓީގެ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ހިއްސާކުރެއްވި ވާހަކަފުޅުތަކަށް ބަލާއިރު، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ޕީޕީއެމްގެ ތެރޭގައި ކޮމިޓީއެއް ނަގައި ޕާޓީ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެއާއެކު އެ ޕާޓީގެ ކޯލިޝަންގައި އޮތް ޕީއެންސީގެ ކޮންގްރެސް ބާއްވައި އިސް މަގާމްތަކަށް މީހުން އައްޔަންކޮށް، ހިންގުމަކީ ވެސް އިދިކޮޅު ކޯލިޝަނަކަށް މަގުފަހިކުރަން އެމަނިކުފާނުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމެކެވެ.