Roadha Mihaaru
އެންމެ ޕިއްޒާއަކުން 154 ޗީޒެއްގެ ރަހަ

އެންމެ ޕިއްޒާއަކުން 154 ޗީޒެއްގެ ރަހަ

17 އެޕްރީލް 2019

ޕިއްޒާ ފުރިހަމަކޮށްދޭ މައިގަނޑު އެއްޗަކީ ޗީޒެވެ. އެހެންވެ އެންމެ ޕިއްޒާއަކުން އެތައް ރަހައެއްގެ ޗީޒް ތަޖުރިބާކޮށްލުމަކީ ޕިއްޒާ އަށް ލޯބިކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕިއްޒާ ފުރިހަމަކޮށްދޭ މައިގަނޑު އެއްޗަކީ ޗީޒެވެ. އެހެންވެ އެންމެ ޕިއްޒާއަކުން އެތައް ރަހައެއްގެ ޗީޒް ތަޖުރިބާކޮށްލުމަކީ ޕިއްޒާ އަށް ލޯބިކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ.

މިފަދަ ޕިއްޒާއެއް ކާލަން ބޭނުން ނަމަ ދާން ޖެހޭނީ އޮސްޓްރޭލިއާށެވެ. އެ ގައުމުގެ ރެސްޓޯރަންޓް ޗެއިނެއް ކަމަށްވާ "400 ގްރާޑީ" އިން އަންނަނީ 154 ވައްތަރުގެ ޗީޒް ބޭނުންކޮށްގެން ޕިއްޒާ ތައްޔާރުކޮށް، ކަސްޓަމަރުންގެ މަގުބޫލުކަން ވެސް ހޯދަމުންނެވެ.

މިކަން އެތަނުގެ ޝެފް ޖޯނީ ޑި ފްރާންސިސްކޯ ކުރަން ބޭނުންވި އެއް ސަބަބަކީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދުމެވެ. އެ މަގާމު އަދި ރަސްމީކޮށް ނުދިން ނަމަވެސް ގިނިސް ވޯލްޑް ރެކޯޑުން މިހާރު ވަނީ އޭނާގެ މި ޕިއްޒާގެ ވާހަކަ އެ މީހުންގެ ރަސްމީ ސޯޝަލް މީޑިިއާ ޕްލެޓްފޯމްތަކުގައި ވެސް ހިމަނައިފަ އެވެ.

ގިނިސް އަށް ޖޯނީ ކިޔައިދިން ގޮތުގައި މީގެ ކުރިން އޭނާ 99 ވައްތަރުގެ ޗީޒް ބޭނުންކޮށްގެން ޕިއްޒާ ފިހެފައިވާތީ، މި ވަގުތު އެންމެ ގިނަ ވައްތަރުގެ ޗީޒް އަޅައިގެން ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ޕިއްޒާއަކީ 111 ވައްތަރުގެ ޗީޒުން ތައްޔާރުކޮށްފައި އެއްޗަކަށްވާތީ އެ ރެކޯޑް މުގުރައިލެވޭނެކަން ސާބިތުކޮށް ދޭން ބޭނުންވީ އެވެ.

އޭރު 99 ވައްތަރުގެ ޗީޒުން ޕިއްޒާ ތައްޔާރުކުރީ 2014 ގައި ރިލީޒްކުރި ފިލްމު "ދަ މިއުޓަންޓް ނިންޖާ ޓާޓަލް" ގެ ކެރެކްޓާއެއް ކަމަށްވާ ޑޮނަޓެއްލާ 99 ގެ ފަރާތުން ލިބުނު ހިޔާލަކާ އެކީގަ އެވެ. މިހާރު 99 ވައްތަރުގެ ޗީޒުން ތައްޔާރުކުރާ ޕިއްޒާއަކީ "ގްރާޑީ 400" މެނޫގައި ވެސް ހިމެނޭ އެއްޗެކެވެ.

ޖޯނީ މިހާރު ހުރީ ގިނިސް އިން ރަސްމީކޮށް އޭނާގެ 154 ވައްތަރު ޗީޒް ޕިއްޒާ އަށް "ގްރޭޓެސްޓް ވެރައިޓީ ޗީޒް އޮން ޕިއްޒާ" ގެ ރެކޯޑް ރަސްމީކޮށް ދޭނެ އިންތިޒާރުގަ އެވެ. މިދިޔަ އަހަރު އެ ރެކޯޑް ހޯދި ޕިއްޒާގައި 111 ވައްތަރުގެ ޗީޒް ބޭނުންކުރި އެއީ 288.6 ގްރާމްގެ ޗީޒެވެ. އެއީ ކޮންމެ ވައްތަރަކުން 2.6 ގްރާމާ އެކީގަ އެވެ. އެ ޕިއްޒާއަކީ އެމެރިކާގެ ޝެފަކު ޖަރުމަންގެ ވެރިރަށް ބާލިންގައި ހިންގާ އިޓާލިއަން ރެސްޓޯރަންޓް ވެޑޯލީ އެންޑް އެސެމްބްލް އެންޓަޓައިންމަންޓް (ޖީއެމްބީއެޗް) ގައި ތައްޔާރު ކުރި ޕިއްޒާއެކެވެ.

"ގްރާޑީ 400" އިން 154 ވައްތަރުގެ ޗީޒް ބޭނުންކޮށްގެން ތައްޔާރުކުރި ޕިއްޒާގައި ބޭނުންކޮށްފައި ވަނީ ކޮންމެ ވައްތަރަކުން ގްރާމެކެވެ. މީގެ ރަހަ ކަސްޓަމަރުންނަށް ވެސް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ.

"އަހަރެން ކުރިން ވެސް ގަބޫލު ކުރީ ކަލިނަރީގައި ނުކުރޭވެ ކަމެއް ނޯންނާނެ. އެހެން ވިޔަސް، ސަތޭކަ ފަންސާސް ހަތަރު ވައްތަރުގެ ޗީޒުން ޕިއްޒާއެއް ތައްޔާރު ކުރުމަކީ ހަމަ ކަލިނަރީ ޗެލެންްޖެއް،" ޖޯނީ ބުންޏެވެ. "މީގެ ރަހަ ވެސް ކަސްޓަމަރުންނަށް ވަރަށް ކަމުދިޔަ އެއްޗަކަށްވީ. ފީޑްބެކް ވަރަށް ޕޮޒިޓިވް. މިހާރު މި ވައްތަރުގެ އެތައް ސަތޭކަ ޕިއްޒާއެއް އަހަރެމެން ވިއްކައި ވެސްފިން."