Roadha Mihaaru
ޔާމީން، ޕީޕީއެމާ ދުރަށް ވަޑައިގަންނަވަނީ؟

ޔާމީން، ޕީޕީއެމާ ދުރަށް ވަޑައިގަންނަވަނީ؟

15 އެޕްރީލް 2019

ޕީޕީއެމްގެ ކައުންސިލާއި އާއްމު މެމްބަރުންގެ ރުހުން ނެތި ލީޑަރަކަށް ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވައި، ޕާޓީއާ ދުރަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ކައުންސިލާއި އާއްމު މެމްބަރުންގެ ރުހުން ނެތި ލީޑަރަކަށް ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވައި، ޕާޓީއާ ދުރަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ހޮވިވަޑައިނުގެން ޔާމީނާއި ޕީޕީއެމަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާ އެވެ. އޭގެ ހަ މަސް ފަހުން، ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ޕީޕީއެމް ފެއިލްވީ އެވެ. ޕީޕީއެމާއި ޕީއެންސީން ކެންޑިޑޭޓުން ނެރެގެން ލިބުނީ ޖުމްލަ އަށް ގޮނޑި އެވެ.

މި ނަތީޖާއާ އެކު ޕާޓީ ކައުންސިލާއި އާއްމު މެމްބަރުންގެ ނުރުހުން އަމާޒުވީ ޕާޓީގެ ލީޑަޝިޕަށެވެ.

އެ ޝަކުވާތަކަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ކައުންސިލްގެ ވައިބަ ގްރޫޕަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފޮނުއްވި މެސެޖެއްގައި ޔާމީން ވަނީ، އެކަމަށް އެދެފި ނަމަ ލީޑަޝިޕުން އެއްފަރާތް ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނޮވެމްބަރު، 17، 2018 ގައިި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރައްވައި، އާ ވެރިކަމެއް ފެށުމާ އެކު ރާއްޖެ އިން ބޭރަށް ވަޑައިނުގަތީ، ޔާމީން ވިދާޅުވި ގޮތުގައި، ޕާޓީގެ އާއްމު މެމްބަރުންނަށްޓަކަ އެވެ.

"ހިތްހަމަނުޖެހުންތައް ދޫކޮށްލާ، އަޅުގަނޑު ނެތިން ތިޔަ ބޭފުޅުންގެ ރުހުން ނެތި ލީޑަރަކަށް ހުންނާކަށް،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމް: އާއިލާ އިން ވެސް އާދޭސްކުރަނީ މިވަގުތު ސިޔާސީ ކަންކަމުން އެއްފަރާތްވެވަޑައިގަތުމަށް ކަމަށް ވިދާޅުވި --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކުރީގެ ރައީސް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމް: އާއިލާ އިން ވެސް އާދޭސްކުރަނީ މިވަގުތު ސިޔާސީ ކަންކަމުން އެއްފަރާތްވެވަޑައިގަތުމަށް ކަމަށް ވިދާޅުވި --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭގެ ފަހުން އެމަނިކުފާނުގެ ސަޕޯޓަރުންގެ ގްރޫޕަކަށް ރޭ ފޮނުއްވި މެސެޖެއްގައި ވެސް ވިދާޅުވީ ޕާޓީން ނިންމައިފި ނަމަ "ދުރަށް ޖެހިލާނަން" ކަމަށެވެ. އާއިލާ އިން ވެސް އެމަނިކުފާނަށް އާދޭސްކުރަނީ މިވަގުތު ދުރަށް ޖެހިލަން ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވި ގޮތުގައި ޕާޓީގެ ހާލަތު ބަދަލު ކުރަން އިސް މަގާމްތަކަށް މީހުން ހަމަޖެއްސިދާނެ އެވެ. އެކަމަކު އަލަށް ހަވާލުވާ މީހުން ވެސް ވާން ޖެހޭނީ ޒިންމާ ނަގަން ކެރޭ ބަޔަކަށް ކަމަށް ވިދާޅުވި އެވެ. އަދި ޕާޓީ އަށް ފައިސާ ހޯދައި މެމްބަރުން ވެސް އިތުރުކުރުމުގެ ގާބިލްކަން ހުންނަން ވާނެ ކަމަށް ވިދާޅުވި އެވެ.

ޕާޓީއާ އަލަށް ހަވާލުވާ މީހުން ކަމަށް ޔާމީން އިޝާރާތް ކުރެއްވީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކަމަށް ބެލެވެ އެވެ. ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހިންގަން ތައްޔާރަށް ތިއްބެވި ކަމަށް އެ ދެ ބޭފުޅުން ވަނީ ޔާމީނަށް ހުށަހަޅުއްވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ޔާމީން ވަނީ ކައުންސިލާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

މި އިންތިޚާބުން ބަލިވީ، ޔާމީން ގަބޫލުފުޅުކުރައްވާ ގޮތުގައި، ޕީޕީއެމާއި ޕީއެންސީން ނުކުތް ކެންޑިޑޭޓުންނަށް ތާއީދު ނެތިގެނެއް ނޫނެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ ފައިސާ ނެތިގެން ކަމަށް އެމަނިކުފާނު ވަނީ ކައުންސިލް ގްރޫޕްގައި ވިދާޅުވި އެވެ.

ޕީޕީއެމް ހަރުދަނާ ކުރުމަށް ލީޑަޝިޕްގެ ބޭފުޅުން ދުރަށް ވަޑައިގަތުމަށް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ރޭ ވަނީ ގޮވާލައްވައިފަ އެވެ. އަދި އެ ބޭފުޅުންނަށް ނަމޫނާ ދެއްކެވުމަށް ކަމަށް ވިދާޅުވެ އޭނާ ވަނީ މަގާމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ.