05 ސެޕްޓެމްބަރ 2022
"ރީކޯލް ކޮށްލަން" މުހިންމު ވާހަކައެކެވެ؛ ދެހާސް އަށާރަ ވަނަ އަހަރުގެ ވަރަށް ފަހަކާ ޖެހެންދެން ވެސް ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވާނެ އިދިކޮޅު އެއްވެސް ލީޑަރެއް މަންޒަރަކަށް ނާދެ އެވެ. ޖަލު ބަންދެއްގައި ތިބެން ޖެހުމާއި ހުކުމެއް އަތުވެދާނެ ކަމުގެ ބިރަށް ރާއްޖެ ދޫކޮށް ވަޑައިގެންނެވުން ފަދަ އެތައް ސަބަބެއް ކުރިމަތީގައި އޮތް ނަމަވެސް އިދިކޮޅު އިއްތިހާދުން ރައްޔިތުންނަށް ދެއްކީ ޕާޓީތަކުގެ ލީޑަރުން މިނިވަންވެގެން ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ވާހަކަ އެވެ.
"ރީކޯލް ކޮށްލަން" މުހިންމު ވާހަކައެކެވެ؛ ދެހާސް އަށާރަ ވަނަ އަހަރުގެ ވަރަށް ފަހަކާ ޖެހެންދެން ވެސް ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވާނެ އިދިކޮޅު އެއްވެސް ލީޑަރެއް މަންޒަރަކަށް ނާދެ އެވެ. ޖަލު ބަންދެއްގައި ތިބެން ޖެހުމާއި ހުކުމެއް އަތުވެދާނެ ކަމުގެ ބިރަށް ރާއްޖެ ދޫކޮށް ވަޑައިގެންނެވުން ފަދަ އެތައް ސަބަބެއް ކުރިމަތީގައި އޮތް ނަމަވެސް އިދިކޮޅު އިއްތިހާދުން ރައްޔިތުންނަށް ދެއްކީ ޕާޓީތަކުގެ ލީޑަރުން މިނިވަންވެގެން ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ވާހަކަ އެވެ.
އެމްޑީޕީން ވެސް އޮތީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް، އެމަނިކުފާނު ގިނިކަންޏާ ނުކުންނެވި ޕްރައިމަރީއަކުން ރިޔާސީ ޓިކެޓު ހަވާލު ކުރައްވައިފަ އެވެ. އެހެން ޕާޓީތަކުން ވެސް ވަނީ "މަގުމަތިން ސަރުކާރު ވައްޓާލައިގެން" ނުވަތަ ކޯލިޝަން ހަދައިގެން ޔާމީން ބަލި ކުރައްވަން ނިންމައިފަ އެވެ. އެއްވެސް ޕާޓީއަކުން ފަހު ވަގުތާ ޖެހެންދެން ވެސް ނުދައްކާ ތިބީ އެ ހުރިހާ ލީޑަރުންނަށް ސަލާމަތް ނުވެވިއްޖެ ނަމަ ދެން ވާނެ ގޮތެވެ.
މިހާރު ޕީޕީއެމް/ޕީއެންސީ އަށް ވެސް ޖެހިގެން އުޅެނީ އެ މައްސަލަ އެވެ. ދެ ނަމެއް ކިޔަސް އިދިކޮޅު ކޯލިޝަންގައި އޮތީ އެއް ޕާޓީއެކެވެ. ރިޔާސީ އިންތިހާބަށް ނުކުންނަވަން ހުންނެވީ ވެސް ޔާމީން އެކަންޏެވެ.
އެކަމަކު އެމަނިކުފާނު ހުންނެވީ ބޮޑު ޖަލު ހުކުމެއްގެ ތުންފަތްމަތީގަ އެވެ. ކުށް ސާބިތު ވެއްޖެ ނަމަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ވެސް ގެއްލޭ ހިސާބުގައި އޮތް އިރު ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕުން ޔާމީން ނޫން ނަމެއް ނުކިޔަ އެވެ. "ވަތަން ހަވާލޭ"ގެ ނަމުގައި، ރިޔާސީ ޓިކެޓު ވެސް ދީފި އެވެ.
އެކަމަކު ގިނަ ބަޔަކު އުފައްދާ ސުވާލަކީ ޔާމީން ނޫން އެހެން ބޭފުޅެއް ހަގީގަތުގައި ވެސް ޕީޕީއެމްގެ ޓިކެޓު ބޭނުން ނުވަނީ ހެއްޔެވެ؟ އެމަނިކުފާނު ޖަލަށް ލައިފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ޔާމީން ނޫން ނަމެއް ނުދައްކާ ކިހާ ދުވަހަކު ތިބެވިދާނެ ހެއްޔެވެ؟
ޕީޕީއެމްގެ ލީޑާޝިޕްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެ ބޭފުޅަކާ ރޭ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާލީމެވެ. ތަކުރާރުކޮށް، އެކި ގޮތްގޮތަށް އެ ސުވާލު ކުރުމުން ދެ ބޭފުޅުން ވެސް ދެއްވީ ސެޓު އެއް ޖަވާބެކެވެ.
ޔާމީން އާ ސިޔާސީ ގޮތުން އެންމެ ގާތް އެއް ބޭފުޅެއް ކަމަށްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) "މިހާރު" އަށް ވިދާޅުވި ގޮތުގައި އެމަނިކުފާނު ނޫން އެހެން ކެނޑިޑޭޓެއް ނެރުމުގެ ކުޑަވެސް މަޝްވަރާއެއް އެ ޕާޓީގެ ތެރޭގައި ނުހިނގަ އެވެ. އަދި އެފަދަ މަޝްވަރާއެއް ނުވެސް ކުރައްވާނެ އެވެ. މުޅި ލީޑާޝިޕް އޮތީ ޔާމީންއާ އެކުގައި ކަމަށާއި އެމަނިކުފާނު 2023 ގައި ވާދަ ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ސަލާމް ކުރައްވަނީ. - ފޮޓޯ: މިހާރު
"ތިކަމަށް އަޅުގަނޑުމެން ވިސްނާކަށް ވެސް ބޭނުމެއް ނުވޭ. އެ ހާލަތު ]ޔާމީނަށް ކުރިމަތި ނުލެއްވޭނެ ހާލަތެއް[ އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން ގަބޫލު ކުރަނީ ޝަރުއީ ނިޒާމުގެ ތެރޭގައި ކަންކަން ހިނގާނީ އިންސާފުވެރިކޮށް ކަމަށް."
މިހެން ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަނެއް ނޫން ކަމާއި ފަނޑިޔާރުންނަށް މި ސަރުކާރުން ބިރު ދައްކާ ކަމާއި ސަރުކާރުން ކޯޓުގެ ތެރެއަށް އަތް ބާނާ ކަމާއި ފެބްރުއަރީ އެކެއް އަމުރަކީ މި ސަރުކާރުގެ ވެރިން ހިންގި ޖަރީމާއެއް ކަމަށް ވިދާޅުވެ ހުރިހާ ތުހުމަތެއް ވެސް އޭނާ ކުރައްވަމުން ގެންދަވަނިކޮށެވެ.
އެކަމަކު ޔާމީންގެ މައްސަލާގައި އެ ހާލަތު މިހާރު ތަފާތުވާ ގޮތަކީ އަދުރޭ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން އެމަނިކުފާނާ އެއްކޮޅަށް މައްސަލަ ނިންމެވުމެވެ. ފާސިގުންނަށް ހެކި ބަސް ނުދެވޭނެ ކަމަށް ކަނޑައެޅުމުގެ އިތުރުން މިހާރު ކޯޓުގައި އޮތް މައްސަލަ ވެސް ޔާމީންއާ ދެކޮޅަށް ނިމޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ޔާމީނަށް [ރިޔާސީ އިންތިހާބަށް] ކުރިމަތި ނުލެއްވޭނެ ކަމަށް ގަބޫލު ކުރާ އެއްވެސް ވިސްނުމެއް އަދި އެފަދަ ނިޔަތެއް އެއްވެސް ބޭފުޅެއް ނުގެންގުޅުއްވާ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް މިތިބީ އެގޮތަށް." އޭނާ ވިދާޅުވި އެވެ.
ޔާމީނަށް ކުރިމަތި ނުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން. އެފަދަ ނިޔަތެއް އެއްވެސް ބޭފުޅެއް ނުގެންގުޅުއްވާ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް މިތިބީ އެގޮތަށް: އަދުރޭ
އެ މައްސަލާގައި ސުވާލު ކުރުމުން ރައްޔިތުންގެ މަޖިލީހުގައި އެންމެ ފޯރީގައި ޕާޓީގެ އަޑު އުފުލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެއީ ޕީޕީއެމް އިން ޖަހަން ޖެހޭ ހިސާބެއް ނޫނެވެ. އިތުރު ކެނޑިޑޭޓެއްގެ ވާހަކަތައް އަޑުއަހަން ސަރުކާރުން ބޭނުންވި ނަމަވެސް ޕީޕީއެމްގެ ތެރެއިން އެފަދަ އެއްވެސް މަންޒަރެއް ނުފެންނާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް "މިހާރު" ގެ "މެދުސަފުހާ" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.---ފަޔާޒު މޫސާ/ މިހާރު
"ރައީސް ވެސް ތިއަށް ޖަވާބު ދެއްވި. [ޔާމީނަށް ވާދަ ނުކުރެވޭ] އެ ހާލަތެއް ނެތް. ވޮޑަމުއްލާ މައްސަލަ އަށް ވުރެ މާ ވީކް މިހާރުގެ ކޭސް. އެހެންވެ ވަރަށް ޔަގީން ކަމެއް މިއީ. އެހެންވެ ދައްކަން ޖެހޭ ވާހަކައެއް ވެސް ނޫން މިއީ،" ޝިޔާމް ވިދާޅުވި އެވެ.
މިހާރު ވެސް ހެކި ނަގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފަށް ފާސިގުންގެ ހެކި ކަމަށާއި މިއީ ސާބިތު ނުވާނެ މައްސަލަތަކެއް ކަން ރައްޔިތުން ވެސް ޖަޖް ކޮށްފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ލީޑާޝިޕްގެ ބޭފުޅުންގެ ވާހަކަތައް މިހެން ހުއްޓަސް ރަށު ތެރޭ ދެކެވޭ ވާހަކަތަކާއި ޕީޕީއެމްގެ އެތެރެވަރިން އަރާ އަޑުތައް ވަރަށް ތަފާތެވެ. "އިންޑިއާ އައުޓް" ކެމްޕެއިންގެ ނިމުން އައީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަން ކަށަވަރު ކޮށްދިން އިންޑިއާ ޑީލެއް ތެރެއިން ކަމެވެ؛ ޕާޓީ ތެރެއިން ގައްސާން މައުމޫން ނުކުންނަވަން އުޅުއްވުމުން ސެނެޓަށް ގިނަ މެމްބަރުން ވައްދާލައި ބާރުތައް ކަނޑުވައިލި ވާހަކައެކެވެ. ޔާމީން ނޫން އެހެން ނަމެއް ވިދާޅުވާ ނަމަ ކުރީ ސަފުން ތަންކޮޅަށް ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމެވެ. މިއީ ޕީޕީއެމްގެ ސައިމޭޒުތަކުގައި ހޫނުކޮށް ދެކެވޭ ވާހަކަތަކެކެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރަން އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ބައިވެރިވަނީ... ފޮޓޯ: ޕީޕީއެމް
އެކަމަކު މިއިން އެއްވެސް ކަމަކީ ރެކޯޑުގައި އަދި ނަން ނުޖަހާ ގޮތަށް ވެސް މެމްބަރުން ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. ނަމަވެސް ޕާޓީގެ ތެރޭގައި އަޅާފައި ހުރި ބައެއް ރެނދުތައް މިފަހުން ވަނީ ކުޑަކޮށް ބޭރަށް ފެންނަން ފަށައިފަ އެވެ.
އަދުރޭ އަށް ފާޑު ވިދާޅުވެ ކުރީ ސަރުކާރުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ (މުސްތޮ) ކުރެއްވި ޓުވީޓެއްގެ ހޫނުވެ، ޕާޓީގެ ސެނެޓު ގްރޫޕުގައި ހިނގި ޒުވާބު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ގްރޫޕުގައި އަދުރޭ ވިދާޅުވީ ހަސަދަވެރިންގެ ކައިރިން ސަލާމަތް ވާނެ ކަމާއި މެމްބަރުން ކެތްތެރިވުމަށެވެ. އެ ހޫނުގަނޑުގައި އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިހެނެވެ؛
"2023ގައި މި ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ގެނައުމަށްޓަކައި މަަސައްކަތް ކުރާއިރު ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާ ގިރާކުރަންޖެހުނު ކޮންމެ ހުރަހެއް ގިރާކުރާނީ ހަސަދަވެރިންނަށް ބެލުމެއްނެތި ވަރަށް ކެރިހުރެ ސާބިތުކަމާއެކު،"
2023ގައި މި ރާއްޖޭގެ ވެރިކަމަށް ރައީސްޔާމީން ގެނައުމަށްޓަކައި މަަސައްކަތްކުރާއިރު ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާ ގިރާކުރަންޖެހުނު ކޮންމެ ހުރަހެއް ގިރާކުރާނީ ޙަސަދަވެރިންނަށް ބެލުމެއްނެތި ވަރަށް ކެރިހުރެ ސާބިތުކަމާއެކު.އިންޝާاللہ،މި މަސައްކަތް ކާމިޔާބުވާނެ!#RaeesYameen2023 pic.twitter.com/LopNwzewCJ
— Abdul Raheem Abdulla (@Banafsaa) August 26, 2022
ޕާޓީ ތެރޭގައި އައި ރޯޅިގަނޑު "ޔާމީން ވެރިކަމަށް ގެނައުމަށް ކުރާ މަސައްކަތަށް" ހުރަސް އެޅޭ ގޮތެއް ވިދާޅެއް ނުވެ އެވެ. އަދި ހަސަދަވެރިންނަށް ބެލުމެއް ނެތި އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވަނީ ޔާމީނާ ނޫން ނަމެއް ޕާޓީ ތެރޭ އުޅެނީތޯ ވެސް ސުވާލު އުފެދެ އެވެ.
މިއިން އެއްވެސް ސުވާލަކަށް ޕީޕީއެމްގެ މެމްބަރުން ޖަވާބު ނުދެއްވާ ސަބަބެއް ކަމަށް އެ ޕާޓީގެ ކުރީގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީ ވެގެން އުޅޭ ގޮތް ޕީޕީއެމް ތެރެއިން ފެންނަން ބޭނުން ނުވާތީ އެވެ.
ސިޔާސީ ގޮތުން މާ ބޮޑު ބާރެއް މިވަގުތު ލިބިފައި ނެތް ޕީޕީއެމް ތެރޭގައި އެފަދަ ހައިޖާނުގަނޑެއް އުފެދިއްޖެ ނަމަ ގެއްލުން ބޮޑުވެ އެ ޕާޓީގެ އެކަކަށް ވެސް ފައިދާއެއް ނުކުރާނެ ކަން އެ ޕާޓީގެ މެމްބަރުންނަށް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔާމީން މިނިވަންކޮށް އެ ހުންނެވީ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތެއް ނުގެއްލޭ. މިއީ އެ ދަނޑިވަޅެއް ނޫން. އެ ވަގުތު އަންނާނެ. އައިމަ ޕާޓީ ތެރެ ފަޅައިގެން ދާނެ،" ނަން ނުޖަހަން އެދި، ވާހަކަ ދެއްކި އެ މެމްބަރު ވިދާޅުވި އެވެ.
ޖޫން 30، 2018 ގައި އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު--
ރާއްޖޭގެ ސިޔާސީ ނިޒާމް ހިނގާ ގޮތުން ކޮންމެ ޕާޓީއެއް ވެސް އެނބުރެނީ އެއް ލީޑަރެއްގެ ފަހަތުންނެވެ. ރިޔާސީ އިންތިހާބަށް ދެތިން މަހަށް ވެފައި ވަނިކޮށް ޖޫން 30، 2018 ގައި އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސް އާ ހަމައަށް އެމްޑީޕީގެ ޓިކެޓު ވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ނުދީ ހިފަހައްޓާލީ މިހާރު ޕީޕީއެމްގެ ތެރެއިން ވެސް މި ފެންނަ ފަދަ ޕްރެޝަރުތަކަކާ ހެދި އެވެ.
އެ ކޮންގްރެސްގެ ތެރޭގައި ހައިޖާނުގަނޑެއް ނުއުފެދުނީ ނުވަތަ މިފަހަރު ފެނުން ފަދަ ހޫނު ޒުވާބުތަކެއް ނެތީ ލީޑަރުން ޖަލުގައި އޮވެ، ޕާޓީގެ ތެރެއިން ވެސް އިތުރު ޗޮއިސް އެއް ނެތުމުންނެވެ.
ޕީޕީއެމް/ޕީއެންސީ ވެސް ފަހު ވަގުތާ ޖެހެންދެން ޔާމީންގެ ނަން ވިދާޅުވި ނަމަވެސް އެމަނިކުފާނު ޖަލަށް ލައިފި ނަމަ އެ ޕާޓީގެ ތެރެއިން ކެނޑިޑޭޓުން ފެންނާނެ އެވެ. ވާދަވެރިކަން ބޮޑުވެ "ތަޅައި ވެސް" ގަނެފާނެ އެވެ. ނަމަވެސް އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އިދިކޮޅުން ވެސް "އިބޫ" އެއް މަންޒަރަށް އަރާނެ އެވެ. އެ ދުވަހަކަށް އިންތިޒާރު ކުރާ އަދި ކުރީބައިގައި ތައްޔާރު ވެސް ވާ މެމްބަރުން ތިބޭނެ އެވެ.
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
ޖޭޕީއާ އެކު ކޯލިޝަން ނުހަަދަން ޔާމީންގެ އެންގެވުމެއް!
މުއިއްޒަށް އިތުރަށް ތާއީދު ހޯދައިދޭން ޔާމީން އެދިއްޖެ
ޔާމީން އެދުމަކީ މުުއިއްޒުގެ ކެމްޕެއިނުގައި ބައިވެރިވުން
މުއިއްޒުގެ އިންޓަވިއު: ޔާމީންގެ އެއްވެސް ޝަރުތެއް ނެތް
ސަރުކާރުގެ އަނިޔާވެރިކަން ނޫން އެއްޗެއް ނުފެނޭ: ޝިޔާމް
ޕީޕީއެމްގެ ޓިކެޓް ލިބޭނެ ކަމަށް އުންމީދުކުރިން: ވަހީދު