02 އެޕްރީލް 2019
ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ފޮނުވާ ބިލްތައް ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ ހިފަހައްޓާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ފޮނުވާ ބިލްތައް ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ ހިފަހައްޓާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ބ. ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސައިންގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލްތަކަށް މާލީ އަދި ގާނޫނީ ބާރު ދިނުމުގެ ބިލް މަޖިލިހަށް ފޮނުވާފައިވީ ނަމަވެސް އެއީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށް ވިދާޅުވާ ބަޔަކު ތިބި މަޖިލިހަކުން އެ ފާސްނުވާ ކަމަށެވެ.
"ކިތަންމެ ވަރަަކަށް އަޅުގަނޑުމެން އެ ޑްރާފްޓު ކޮށްފައި ފޮނުވިޔަސް ދޭތެރެއަކުން ބުނާނެ ގާނޫނުއަސާސީއާ ޚިލާފޭ. އަޅުގަނޑަކަށް ނޭނގޭ އެކަން ދެން އަޅުގަނޑުމެން ކުރާނެ ގޮތެއް. ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، އެ ތަނަށް [ރައްޔިތުންގެ މަޖިލިހަށް] ފޮނުވާ ހުރިހާ ބިލެއް މިހާރު އެ ތިބީ ހިފަހައްޓައިގެން،" މި ސަރުކާރު ހިންގާ ކޯލިޝަންގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް މަޖިލިހުން ސަރުކާރަށް އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު މި ދަންނަވަނީ ހިނގާށޭ އަޅުގަނޑުމެން އެންމެން ނުކުމެ މިކަން ނިންމަން. ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ހޯދަައި ރައްޔިތުން މި ބޭނުންވާ ގޮތަށް މި ގައުމު ހިންގުމަށް. ތުޅާދޫ ދާއިރާގައި ވެސް ތަރައްގީ އަށް ކުރަން ޖެހިފައި ހުރި މަސައްކަތްތައް ވަރަށް ބައިވަރު އެބަހުރި. އެހެން ނަމަވެސް މި ކަންތައްތައް ކުރެވޭނީ ފައިސާ ވެސް ލިބިގެން. ފައިސާ ލިބޭނެ ގޮތް ވެސް ހޯދޭނެ ގޮތް އޮތީ ރައްޔިތުންގެ މަޖިލިސް."
ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިސާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މާލޭގައި ބޭއްވި ހިސާންގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވަން ގާނޫނުތައް ހަދަން ޖެހެ އެވެ. އިތުރު އާމްދަނީ ލިބޭނެ ގޮތަށް ޓެކްސްގެ ނިޒާމު ބަދަލުކުރަންޖެހެ އެވެ.
"މިއީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ބޭނުންވާ ކަމަކީ. ރައްޔިތުންނަށް ފުއްދައިދޭން ހުރި އަސާސީ ހައްގުތަށް ފުއްދުމަށާއި ރައްޔިތުން ހަމަނޭވާ ލައިގެން މި ރާއްޖޭގައި އުޅެވޭނެ ގޮތް ހޯދައި ދިނުމަށްޓަކައި ކުރާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން މިދަނީ،" މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންތިޚާބީ އެޖެންޓު އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާންގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
"ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، އެ ތަނަށް [ރައްޔިތުންގެ މަޖިލިހަށް] ފޮނުވާ ހުރިހާ ބިލެއް މިހާރު އެ ތިބީ ހިފަހައްޓައިގެން،" ރައީސް
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރު ނުވަތަ އެމްޑީޕީ އަށް ބޭނުންވަނީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ބަލާނެ އިންސާފުވެރި ޝަރުއީ ނިޒާމެއް ހޯދުމަށްޓަކައި ކަމަށެވެ. އެކަން ކުރެވޭނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ގާނޫނުތަކުންނެވެ.
"އަޅުގަނޑުމެން މިއުޅެނީ ވަކި ބަޔަކާ ޖައްސާލައިގެން، ވަކި ބަޔަކާ ދެކޮޅަކަށް ނުކުމެއެއް ނޫން. އަޅުގަނޑުމެން ތިބީ ރައްޔިތުންނާ އެއްކޮޅަށް،" މިދިޔަ ދެ ހަފުތާއެއްހާ ދުވަހު އެމްޑީޕީގެ ކެމްޕެއިންގައި އަމަލީ ގޮތުން އުޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ހޯދުމަށް އެ ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކުރާތީ ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެދުގައި ނުތަނަވަސްކަން އޮތް ނަމަވެސް އެކަން ފާޅުގައި ދައްކަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. އެމަނިކުފާނު ވިދާޅުވަނީ ވަކި ބަޔަކަށް މަޖިލިހުގެ އަޣުލަބިއްޔަތު ދީފި ނަމަ، ބޭނުން ގޮތަކަށް ކަންކަން ކުރާނެ ކަމަށާއި އިދިކޮޅަށް ވެސް މަޖިލިހުގެ ގޮނޑިތައް ލިބެން ޖެހޭނެ ކަމަށެވެ.
އެކަމަކު، މި ކެމްޕެއިން ގައި އެމްޑީޕީގެ އިސްވެރިން ވިދާޅުވަނީ އެ ޕާޓީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، ސަރުކާރު ހިންގަން ދަތިވެ، މަޝްރޫއުތަކަށް ހުއްޓުން އަންނާނެ ކަމަށެވެ. އަދި މިހާރުގެ ރައްޔިތުންގެ މަޖިލިހުން ވެސް އެ މަންޒަރު ފެންނަ ކަމަށް އެމްޑީޕީން ބުނެ އެވެ.
ނަޝީދު އެދިވަޑައިގަތީ ގާނޫނުއަސާސީ ބަދަލުކުރަން އެހީއަށް
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ބިލް ފާސްކުރުމަށް ސަރުކާރަށް އެމްޑީޕީގެ ފިއްތުންތައް!
ގާނޫނު އަަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި
ޖަވާބު ދެވޭނީ އިދިކޮޅު ލީޑަރު އެނގިގެން: ނަޝީދު
މި އުޅެނީ ލައިގެން ކާނެ އެއްޗެއް ހޯދާކަށް ނޫން:ނަޝީދު
ބޮޑު ހޮސްޕިޓަލުގެ އާ ޚިޔާނާތްތަކެއް، ރައީސް ކޯފާވެއްޖެ
ގާސިމްގެ ހިތްހަމަނުޖެހުން: "ތިޔަ ގޮވަނީ ގުދޯ ގުދޯ"!
"ޖޭޕީ އޮތީ ކޯލިޝަންގައި، ގޮތެއް ހޯދީ މަޖުބޫރުވެގެން"
މަޖިލިހުގައި އެމްޑީޕީއަށް ނިކަމެތިކަން!