Roadha Mihaaru
އިންތިހާބު ލަސްކުރަން ޖެހޭ ސަބަބެއް ނެތް: އީސީ

އިންތިހާބު ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް: އީސީ

31 މާޗް 2019

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ލަސްކުރަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި ނަމަވެސް އިންތިހާބު ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ލަސްކުރަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި ނަމަވެސް އިންތިހާބު ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންތިހާބާ ބެހޭ މައި މަރުކަޒުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރަން ދައްކާނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށެވެ. ކޯޓަށް ގޮސްގެން އިންތިހާބު ލަސްކުރަން ބަޔަކު މަސައްކަތް ކޮށްފާނެތީ އެކަމަށް ކޮމިޝަން އޮތީ ތައްޔާރުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ 6 އޭޕްރީލްގައި ބޭއްވުމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން ޖެހޭ އެއްވެސް ގާނޫނީ ހުއްޖަތެއް ނޯންނާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބާ ބެހޭ ހުރިހާ ކަމެއް ވެސް ކޮމިޝަނުން ކޮށްފައި ވަނީ ވަރަށް ބޮޑަށް ވިސްނައިގެން ގާނޫގައިވާ ގޮތަށެވެ. އެގޮތުން އެކި ކަންކަމުގައި ގާނޫނުން ކަނޑައަޅާފައިވާ މުއްދަތާ ކައިރި ނުވެ، އިތުރު ވަގުތު ވެސް ލައިގެން މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރިސޯޓްތަކަށް ރީރަޖިސްޓްރީ ކުރަން ޖެހޭ ބައެއް ފަރާތްތަކަށް ރީރަޖިސްޓްރީ ކުރާނެ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިންތިހާބު ލަސްކުރަން ބަޔަކު މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ކޯޓަށް ވައްދަން އުޅެނީ ޝެރެޓަން ރިސޯޓްގައި ވޯޓް ފޮށި ނުބަހައްޓަން ނިންމުމުން ރީރަޖިސްޓްރީ ކުރަން ޖެހޭ މީހުންގެ ތެރެއިން ބަޔަކަށް އެ ފުރުސަތު ނުލިބުނު މައްސަލައެއްގަ އެވެ.

ނޫސްކޮންފަރެންސްގެ ފަހުން ޝަރީފް ވިދާޅުވީ ޝެރެޓަން ރިސޯޓްގައި ފޮށި ނުބަހައްޓަން ފުރަތަމަ ނިންމީ އެ ރިސޯޓުގެ މެނޭޖްމަންޓުން ކަމަށެވެ. ނަމަވެސް ވަގުތު ފާއިތުވި ފަހުން އެ ރިސޯޓުން އެދުނީ ފޮށި ބަހައްޓަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ރިސޯޓާ ދެމެދު އެކަމުގައި ކުރި މުއާމަލާތްތައް ލިޔެކިއުމުން ފެންނަން ހުންނާނެ. އަނެއްކާ އެ ރިސޯޓްގައި މަސައްކަތްކުރާ ބައެއް މީހުން ވަނީ ރީރަޖިސްޓްރީ ކޮށްފައި. އެހެންވީމާ އިންތިހާބު ލަސްކުރުމުގެ އެއް ޕަސެންޓް ފުރުސަތު ވެސް ނެތް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށް ވާން ޖެހޭ ތައްޔާރީތަކުގެ 99 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. އެހެންކަމުން އިންތިހާބު ލަސްކޮށްފި ނަމަ އިތުރު 20 މިލިޔަން ރުފިޔާ ހަރަދުވާނެ ކަަމަށް ލަފާކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓާސް ރަޖިސްޓްރީއާ ބެހޭ ޖުމްލަ ހަތް މައްސަލައެއް އެކި ފަރާތްތަކުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

މަޖިލިސް އިންތިހާބު ލަސްކުރަން އިދިކޮޅު ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ހއ. އާއި ހދ. އަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ހަނިމާދޫގައި ހުންނަވައި ރައީސް ވިދާޅުވީ ޕީޕީއެމުން މަސައްކަތްކުރަނީ އެ ބޭފުޅުން ސަރުކާރުގައި ތިއްބެވިއިރު ވެސް ކަންކުރި ގޮތަށް ކޯޓަށް ގޮސްގެން އިންތިޚާބު ފަސްކުރަން ކަމަށެވެ. ނަމަވެސް އެކަން ކަމަށް ސަމާލުވެ ހުންނެވި ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިތިބީ ވަރަށް ސަމާލުވެ. އިރާދަކުރެއްވިއްޔާ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮތް 6 އޭޕްރީލްގައި އިންތިޚާބު ބޭއްވިގެންދާނެ،" ރައީސް ވިދާޅުވި އެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވަނީ ޕީޕީއެމުން ކޯޓަށް ހުށަހަޅައިގެން ފަސްކޮށްފަ އެވެ. އަދި ރިޔާސީ އިންތިޚާބު، ބޮޑު ތަފާތަކުން ނާކާމިޔާބު ވުމުން އެ އިންތިޚާބު ބާތިލްކުރުމަށް ވެސް އެ ޕާޓީން ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެކަން ކާމިޔާބު ވެފައެއްނުވެ އެވެ.