Roadha Mihaaru
މަންދޫބުން ކަނޑައަޅާނީ ގާބިލުކަމާއި އަމާނާތްތެރިކަމަށް

މަންދޫބުން ކަނޑައަޅަންވާނީ ގާބިލުކަމާއި އަމާނާތްތެރިކަމަށް ބަލައިގެން

29 މާޗް 2019

މުސްލިމުންގެ ދިރިއުޅުމާ ގުޅުންހުރި ކަންކަން ނިންމުމުގަ އާއި، ނިންމާ ކަންކަން ތަންފީޒު ކުރުމުގަ އާއި، މައްސަލަތައް ޖެހުމުން އެ ކަންކަމުގައި ހުކުމް ކަނޑައެޅުމުގައި އިސްކޮށް ތިބޭ މީހުންނަކީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ބަޔަކަށް ވުމަށް އިސްލާމްދީން އިރުޝާދު ދެ އެވެ. އެއީ ﷲ ގެ އަމުރުފުޅު މި ބިންމަތީ ގާއިމުކޮށް މީސްތަކުންނަށް ދެ ދުނިޔޭގައި ހެވާއި ލާބަ ލިބޭނެ ގޮތުގައި ކަންކަން ކުރުމަށްޓަކަ އެވެ. މި ގޮތުން މިފަދަ މީހުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ބިނާވެފައި ވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ ގާބިލުކަމާއި އަމާނާތްތެރިކަމެވެ.

މުސްލިމުންގެ ދިރިއުޅުމާ ގުޅުންހުރި ކަންކަން ނިންމުމުގަ އާއި، ނިންމާ ކަންކަން ތަންފީޒު ކުރުމުގަ އާއި، މައްސަލަތައް ޖެހުމުން އެ ކަންކަމުގައި ހުކުމް ކަނޑައެޅުމުގައި އިސްކޮށް ތިބޭ މީހުންނަކީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ބަޔަކަށް ވުމަށް އިސްލާމްދީން އިރުޝާދު ދެ އެވެ. އެއީ ﷲ ގެ އަމުރުފުޅު މި ބިންމަތީ ގާއިމުކޮށް މީސްތަކުންނަށް ދެ ދުނިޔޭގައި ހެވާއި ލާބަ ލިބޭނެ ގޮތުގައި ކަންކަން ކުރުމަށްޓަކަ އެވެ. މި ގޮތުން މިފަދަ މީހުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ބިނާވެފައި ވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ ގާބިލުކަމާއި އަމާނާތްތެރިކަމެވެ.

ކީރިތި ޤުރުއާނުގެ ސޫރަތުލް ޤަޞަޞްގެ 26 ވަނަ އާޔަތުން އެނގޭ ގޮތުގައި ނޯކަރެއްގެ ގޮތުގައި މޫސާގެފާނު އިޚްތިޔާރު ކުރުމުގައި ބެލެވުނީ ވަރުގަދަ ކަމާއި އަމާނާތްތެރިކަމަށެވެ. ވަރުގަދަ ކަމަކީ ގާބިލު ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ހަމަ އެފަދައިން ޔޫސުފް ސޫރަތުގެ 55 ވަނަ އާޔަތުން އެނގޭ ގޮތުގައި މިސްރުގެ ބިންތަކުގެ ހަޒާނާގެ ވެރިއަކަށް ޔޫސުފުގެފާނު ލެއްވުމަށް އެދިވަޑައިގަތް އިރު އެކަލޭގެފާނު ވިދާޅުވީ އެއަށް ރައްކާތެރިވާނެ ކަމާއި އެއާ ގުޅޭކަންކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމުގަ އެވެ. ކަންކަން އެނގުން ނުވަތަ އިލްމުވެރިވުން އެއީވެސް ގާބިލު ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ރައްކާތެރިވުމަކީ އަމާނާތްތެރިވުމެވެ. ވީމާ މި ދެހާލަތުގައި ވެސް މަސައްކަތަށް ނުވަތަ ވެރިކަމަށް ޝަރުތު ހަމަވުމުގައި ބެލެވިފައި މިވަނީ ހަގީގަތުގައި ގާބިލުކަމާއި އަމާނާތްތެރި ކަމަށެވެ.

މިޒަމާނުގައި ވެރިކަން ކުރުމުގެ ނިޒާމުގައި މަސްއޫލިއްޔަތު ހަވާލު ކުރެވޭ ބައެއް މީހުންނަށް އެކަން ހަވާލު ކުރަނީ ސީދާ ރައްޔިތުންނެވެ. މިގޮތުން ރައްޔިތުން ތަމްސީލު ކުރާ މަޖިލީހުގެ މެމްބަރުން ނުވަތަ ރައްޔިތުންގެ މަންދޫބުން ހޮވަނީ ރައްޔިތުންނެވެ. އިސްލާމީ ނަޒަރުން ބަލާއިރު މި މަންދޫބުން އިޚުތިޔާރު ކުރުމުގައި ވެސް ބަލަންޖެހޭ މައިގަނޑު ދެކަމަކީ ހަމަ ގާބިލުކަމާއި އަމާނާތްތެރިކަމެވެ.

ކޮންމެ ހިންގުންތެރިއެއް ނުވަތަ މަސްއޫލުވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ މުހިންމު ހުރިހާ ސިފަތަކެއް މި މައިގަނޑު ދެކަމުގެ ތެރޭގައި އެކުލެވޭނެ އެވެ. އެހެނީ އެންމެ ފުރަތަމަ ގާބިލު ކަމަށް ބަލާއިރު ގާބިލު ވެވޭނީ މާއްދީ އަދި މަޢުނަވީ ކުޅަދާނަކަން ހުރެގެންނެވެ. އެއީ ވަރުގަދަކަމާއި ތަންދޮރުފިލުމެވެ. ހަވާލު ކުރެވޭ މަސްއޫލިއްޔަތަށް ބަލާއިރު ގާބިލުވުމުގައި މި ދެ ކަންތަކަށް ދެވޭ ބުރަދަން ތަފާތު ވެދާނެ އެވެ. މިސާލަކަށް މޫސާގެފާނަށް ހަވާލު ކުރެވުނު މަސައްކަތަށް ބަލާއިރު ގާބިލުވުމުގައި ބޮޑަށް ބޭނުންވީ މާއްދީ ވަރުގަދަ ކަމެވެ. އެހެންނަމަވެސް ޔޫސުފުގެފާނުގެ މަސައްކަތަށް ގާބިލުވުމުގައި ގައިބާރަށް ވުރެ ބޮޑަށް ބޭނުންވީ ޢިލްމެވެ. ކޮންމެއަކަސް މި ތަފާތު ހުރި ނަމަވެސް ހަވާލުވާ މަސްއޫލިއްޔަތަށް ބޭނުންވާ މިންވަރަށް އެކަމެއްގެ ޢިލްމު ނުވަތަ ހުނަރު ނެތް މީހަކީ އެކަމަށް ވަރުގަދަ މީހެއް ނޫނެވެ. ހަމައެފަދައިން ދުނިޔޭގައި ކަންކަން ހިނގާ ގޮތާއި، ހިކުމަތްތެރިކަމާ އެކު މުޢާމަލާތުކުރަން އެނގުމާއި، ދިރިއުޅުމުގައި ތަޖުރިބާތައް ލިބިފައި ހުރުމަކީވެސް މައުނަވީ ގާބިލުކަން ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ކަންކަމެވެ.

މިޒަމާނުގައި ވެރިކަން ކުރުމުގެ ނިޒާމުގައި މަސްއޫލިއްޔަތު ހަވާލު ކުރެވޭ ބައެއް މީހުންނަށް އެކަން ހަވާލު ކުރަނީ ސީދާ ރައްޔިތުންނެވެ. މިގޮތުން ރައްޔިތުން ތަމްސީލު ކުރާ މަޖިލީހުގެ މެމްބަރުން ނުވަތަ ރައްޔިތުންގެ މަންދޫބުން ހޮވަނީ ރައްޔިތުންނެވެ. އިސްލާމީ ނަޒަރުން ބަލާއިރު މި މަންދޫބުން އިޚުތިޔާރު ކުރުމުގައި ވެސް ބަލަންޖެހޭ މައިގަނޑު ދެކަމަކީ ހަމަ ގާބިލުކަމާއި އަމާނާތްތެރިކަމެވެ. މިގޮތުން އެކަމަށް ގާބިލު ބައެއްތޯ ބެލުމަށްޓަކައި އެ ތަނުގައި އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ތަކަކީ ކޮބައިތޯ ބަލަން ޖެހެ އެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކަކީ ދައުލަތް ހިންގުމަށް ބޭނުންވާނެ އެންމެހައި ގާނޫނުތައް ހެދުމާއި، ގާނޫނުތައް ތަންފީޒުކުރާ ފަރާތްތަކަށާއި ޝަރުޢީ ނިޒާމު ހިންގާ ފަރާތްތަކަށް ލަފާއާއި މަޝްވަރާ ދިނުމާއި، މި ފަރާތްތައް ޒިންމާ ކުރުވުން ފަދަ ކަންކަމެވެ. މި ކަމަށްޓަކައި ގާނޫނީ އަދި ޝަރުޢީ ޢިލްމު ލިބިފައި ހުރުމާ އެކު މިކަންކަމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް މަންދޫބުން ވުމަކީ އެންމެ ފުރިހަމަ ގޮތެވެ. ގާބިލުކަން ހުރި މިންވަރު ބަލާނީ މިކަމަށް ބޭނުންވާ އިލްމާއި ތަޖުރިބާ އާއި މާއްދީ ވަރުގަދަކަން ހުރި މިންވަރަށް ބަލައިގެންނެވެ.

އިސްލާމީ މުޖުތަމައެއްގެ ގާނޫނު ހަދާ މަޖުލީހުގައި ތިބޭ މީހުން އިލްމީގޮތުން ގާބިލުވުމަށްޓަކައި ގާނޫނީ އިލްމުގެ އިތުރުން ޝަރުޢީ އިލްމު ލިބިފައިވުން ނުވަތަ އެންމެ ކުޑަމިނުން މި ޢިލްމުތަކަށް ހޭލުންތެރިވެފައި ވުން ވަރަށް މުހިންމެވެ.

ކޮންމެއަކަސް، ރައްޔިތުންގެ މަންދޫބުން ކަމުގައި ވުމަށް ކުރިމަތިލާ އެންމެންނަކީ އެންމެ ގާބިލު މީހުން ކަމުގައި ނުވެދާނެ އެވެ. އެހެންވެ އެންމެ ގާބިލު މީހުން ނުލިބުނަސް ގާބިލުކަމާ އެންމެ ގާތްކުރާ ބަޔަކު އިޚުތިޔާރު ކުރަން ޖެހެ އެވެ. ގާބިލުކަން އެއްގޮތަކަށް ވެސް ނެތް މީހަކު އިޚުތިޔާރު ކޮށްގެން ނުވާނެ އެވެ. އިސްލާމީ މުޖުތަމައެއްގެ ގާނޫނު ހަދާ މަޖުލީހުގައި ތިބޭ މީހުން އިލްމީގޮތުން ގާބިލުވުމަށްޓަކައި ގާނޫނީ އިލްމުގެ އިތުރުން ޝަރުޢީ އިލްމު ލިބިފައިވުން ނުވަތަ އެންމެ ކުޑަމިނުން މި ޢިލްމުތަކަށް ހޭލުންތެރިވެފައި ވުން ވަރަށް މުހިންމެވެ. އެހެނީ ޝަރުއީ އިލްމަށް ހޭލުންތެރިކަން ނެތް ގިނަ ބަޔަކު މަޖްލީހުގައި ތިބެއްޖެ ނަމަ ނޭނގުމުގެ ތެރެއިން ޝަރުޢީ ހަމަތަކާ ޚިލާފަށް ޤާނޫނުތައް ހެދިގެން ދިއުމުގެ ފުރުސަތު އޮވެދާނެ އެވެ. ނުވަތަ ދީނުގައި ހުއްދަ ނޫން އެތައް ކަމެއް ގާނޫނުން ހުއްދަ ކުރުމަކީ ވެދާނެ ކަމެކެވެ. އެހެންވެއްޖެ ނަމަ މުސްލިމުންގެ ހައިސިއްޔަތުން މުސްލިމުން ތަމްސީލުކުރި މީހެއްގެ ފަރާތުން އެ ބައިވެރިވެވުނީ ދީނާ ޚިލާފު ކަމެއްގަ އެވެ.

ޝަރުޢީ ޢިލްމާއި ޤާނޫނީ ޢިލްމަށް އަހުލުވެރި ވުމުގެ އިތުރުން ދުނިޔެ އަށް ލޯ ހުޅުވިފައިވުމާއި، ތަރައްގީ އާއި ތަހުޒީބުގެ ކުރިމަތީ ދީނީ ޢިލްމުގެ ހުރި މުހިންމުކަން ތަޞައްވަރުކުރެވޭ މީހަކަށް ވެސް ވާންޖެހޭނެ އެވެ. އެހެނީ މުސްލިމުންގެ ދިރިއުޅުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ހަމައެކަނި ދުނިޔަވީ ފައިދާ އާއި ބާއްޖަވެރިކަމަށް އެކަނި އަމާޒުކޮށްގެން ކަމުގައި ނުވާތީ އެވެ. ދީނެއް ގަބޫލުނުކުރާ މީހުންނާއި، އެހެން ދީންތައް ފަދައިން ދީނާއި ދައުލަތް ވަކިކޮށްގެން އުޅޭ މީހުން ކަންކުރާ ބީދައިން މުސްލިމުންގެ ކަންކަން އިންތިޒާމުކޮށްގެން ނުވާނެ އެވެ. އުޚްރަވީ ހަޔާތަށް ނުވިސްނައި މުސްލިމުންގެ ދިރިއުޅުމުގެ ހަޔާތުގައި އެންމެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްގެން ނުވާނެ އެވެ. ވީއިރު ހަގީގަތުގައި އިސްލާމީ ނަޒަރުން ބަލާއިރު މިފަދަ މަޖްލިސްތަކަށް އިޚްތިޔާރު ކުރަންޖެހެނީ "އަހްލުލް ޙައްލި ވަލް ޢަޤްދި" (މުސްލިމުންގެ ކަންކަން ރާވައި އެކުލަވާލައި އަދި އެކަންކަން ރޫޅާލާ މީހުން) ގެ ޝަރުޠުތައް ހަމަވާ މީހުންނެވެ. ނުވަތަ އެންމެ ކުޑަމިނުން "އަހްލުއްޝޫރާ" (މަޝްވަރާގެ އަހުލުވެރިން) ގެ ޝަރުޠުތައް ހަމަވާ މީހުންނެވެ. މިފަދަ މީހުން، މިކަމަށް ގާބިލުވާން ޖެހޭނެ އެވެ. ހިކުމަތްތެރި ވާން ޖެހޭނެ އެވެ. އަމާނަތްތެރިވާން ޖެހޭނެ އެވެ. އަދުލުވެރިވާން ޖެހޭނެ އެވެ. ނުވަތަ އެންމެ ކުޑަމިނުން މި ޝަރުޠުތަކާ އެންމެ ގާތް ކުރާ މީހުންނަށް ވާން ޖެހޭނެ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު މިފަދަ މަޖްލިސްތަކަށް އިޚްތިޔާރު ކުރަންޖެހެނީ "އަހްލުލް ޙައްލި ވަލް ޢަޤްދި" (މުސްލިމުންގެ ކަންކަން ރާވައި އެކުލަވާލައި އަދި އެކަންކަން ރޫޅާލާ މީހުން) ގެ ޝަރުޠުތައް ހަމަވާ މީހުންނެވެ. ނުވަތަ އެންމެ ކުޑަމިނުން "އަހްލުއްޝޫރާ" (މަޝްވަރާގެ އަހުލުވެރިން) ގެ ޝަރުޠުތައް ހަމަވާ މީހުންނެވެ. މިފަދަ މީހުން، މިކަމަށް ގާބިލުވާން ޖެހޭނެ އެވެ. ހިކުމަތްތެރި ވާން ޖެހޭނެ އެވެ. އަމާނަތްތެރިވާން ޖެހޭނެ އެވެ. އަދުލުވެރިވާން ޖެހޭނެ އެވެ.

މަންދޫބުން އިސްކުރުމުގައި ދެ ވަނަ އަށް ބަލަންޖެހޭ ކަމަކީ އަމާނާތްތެރިކަމެވެ. އަމާނާތްތެރި ކަމަކީ ވެސް އޭގައި ވަރަށް ގިނަ ސިފަތަކެއް އެކުލެވޭ މައިގަނޑު ކަމެކެވެ. މިގޮތުން އަމާނާތްތެރިކަމުގެ ތެރޭގައި އެންމެ ފުރަތަމަ ސިފައަކަށް ތެދުވެރިކަން ހިމެނެންވާނެ އެވެ. އެބަހީ، ވާހަކަ ދެއްކުމުގަ އާއި މުޢާމަލާތުކުރުމުގަ އާއި ވައުދުތައް ފުއްދުމުގައި ތެދުވެރިއަކަށް ވާންޖެހޭނެ އެވެ. މީހާ ޢަދުލުވެރިއެއް ކަމުގައި ވެވޭނީ ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އެ މީހެއްގެ ކިބައިގައި ހުރެގެންނެވެ. މީގެ އިތުރުން މާތް ސުލޫކެއްގެ ވެރިއެއް ކަމުގައި ވާންޖެހޭނެ އެވެ. އެހެނީ ރިވެތި އަޚްލާޤުގެ މަތީ ހުރުމަކީ ﷲ އަށް އަމާނާތްތެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ﷲ އަށް އަމާނާތްތެރި ނުވާ މީހަކު މީސްތަކުންނަށް ވެސް އަމާނާތްތެރިއެއް ނުވާނެ އެވެ. ބަހާއި ޢަމަލާ އެއްގޮތްވުމަކީ ވެސް އަމާނާތްތެރިވުމުގެ ތެރޭ ހިމެނޭ ކަމެކެވެ. މިފަދަ ވަރުގަދަ މަސްއޫލިއްޔަތެއް ހަވާލު ކުރެވޭ މީހުން އަމާނާތްތެރިވުމުގައި އެންމެ މުހިންމު ސިފައަކީ ހަވާލު ކުރެވޭ ކަމެއްގެ މަސްއޫލިއްޔަތު އުފުލުމެވެ. ވީމާ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އަދި އެއާ ވިދިގެން ﷲ އަށް އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އެ އަދާކުރަން ޖެހޭ ގޮތުގައި މަންދޫބުން އަދާ ނުކުރާނަމަ އެއީ ޚިޔާނާތްތެރި ވުމެވެ.

ރިވެތި އަޚްލާޤުގެ މަތީ ހުރުމަކީ ﷲ އަށް އަމާނާތްތެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ﷲ އަށް އަމާނާތްތެރި ނުވާ މީހަކު މީސްތަކުންނަށް ވެސް އަމާނާތްތެރިއެއް ނުވާނެ އެވެ. ބަހާއި ޢަމަލާ އެއްގޮތްވުމަކީ ވެސް އަމާނާތްތެރިވުމުގެ ތެރޭ ހިމެނޭ ކަމެކެވެ. މިފަދަ ވަރުގަދަ މަސްއޫލިއްޔަތެއް ހަވާލު ކުރެވޭ މީހުން އަމާނާތްތެރިވުމުގައި އެންމެ މުހިންމު ސިފައަކީ ހަވާލު ކުރެވޭ ކަމެއްގެ މަސްއޫލިއްޔަތު އުފުލުމެވެ. ވީމާ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އަދި އެއާ ވިދިގެން ﷲ އަށް އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އެ އަދާކުރަން ޖެހޭ ގޮތުގައި މަންދޫބުން އަދާ ނުކުރާނަމަ އެއީ ޚިޔާނާތްތެރި ވުމެވެ.

މި އިޝާރާތް ކުރެވުނު ކަންކަމަށް ވިސްނާލުމުން އެނގިގެން ދަނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އެ މަސްއޫލިއްޔަތު ހަވާލު ކުރަންވާނީ ގާބިލުކަމާއި އަމާނާތްތެރިކަމުގެ އެންމެހާ ސިފަތައް ފުރިހަމަވާ މީހުންނަށް ކަމެވެ. އެފަދަ ބަޔަކު ނުލިބިއްޖެ ނަމަ އެސިފަތަކާ އެންމެ ގާތްކުރާ މީހުންނަށެވެ. މި ކަމުގައި މި ނޫން އެހެން ކަންކަމަށް އިސްކަންދީގެން ނުވާނެ އެވެ. މިސާލަކަށް ވަކި ޕާޓީއަކަށް ނިސްބަތްވުން، ގާތްތިމާގެ ކަމުގެ ގުޅުން އޮތުން، ރައްޓެއްސަކަށްވުން، މާއްދީ އެހީތެރިކަމެއް އެ މީހެއްގެ ފަރާތުން ލިބުން، އެހެން ފަރާތަކުން ދައްކާ ބިރަށް ޖެހިލުންވުން، ޒާތީ ގޮތުން އޮންނަ ރުޅިވެރިކަމެއް ނުވަތަ ހަސަދައެއް ފިލުވާލުން ފަދަ ކަންކަމަކީ މިފަދަ މުހިންމު މަސްއޫލިއްޔަތެއް އަދާކުރަން މީހަކު އިޚުތިޔާރު ކުރުމުގައި އެއްގޮތަކަށްވެސް ބަލައިގެންވާނެ ކަންކަމެއް ނޫނެވެ.

ވަކި ޕާޓީއަކަށް ނިސްބަތް ނުވާނަމަ ވަކި ކަމެއް ވާނެ ކަމަށް ނުވަތަ ވަކި ކަމެއް ނުވާނެ ކަމަށް ކުރާ ދައުވާތަކަކީ ގާބިލުކަމާއި އަމާނާތްތެރިކަން ނެތް ނަމަ ބާތިލު ދައުވާ ތަކެކެވެ. މިސާލަކަށް ސަރުކާރު ހިންގާ ޕާޓީ މީހުން ހޮވިއްޖެނަމަ ޚުދުމުޚުތާރު ވާނެޔޭ، ސަރުކާރާ އިދިކޮޅު ޕާޓީ މީހުން ހޮވިއްޖެނަމަ ސަރުކާރަށް ޖެއްސުން ކުރާނެޔޭ، ނުވަތަ ސަރުކާރު ހިންގާ ޕާޓީ މީހުން ހޮވިއްޖެނަމަ ރައްޔިތުން ބޭނުންވާ ކަންކަން ކުރެވޭނެޔޭ، ސަރުކާރާ އިދިކޮޅު ޕާޓީ މީހުން ހޮވިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ކުރެވޭނެޔޭ ފަދަ ދައުވާތައް ސައްހަވުމާއި ނުވުން ބިނާވެފައިވަނީ މަސްއޫލިއްޔަތު އަދާކުރުމުގައި އަމާނާތްތެރިވާ މިންވަރެއްގެ މައްޗަށެވެ. އެއްގޮތަކަށްވެސް ވަކި ޕާޓީއަކަށް ނިސްބަތްވާތީއެއް ނޫނެވެ. ވީމާ ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ ދާއިރާއިން މަޖުލީހަށް އިޚުތިޔާރު ކުރާނީ ގާބިލުކަމާއި އަމާނާތްތެރިކަމުގެ ސިފަތަކަށް ބަލައިގެން މިސިފަތައް ފުރިހަމަވުމުގައި އެންމެ ބޮޑަށް ގާތްކުރާ ކެންޑިޑޭޓެކެވެ.