Roadha Mihaaru
މިހާރު ކިޔަވާ ދަރިވަރުންނަށް އޯއީސީޑީން ފުރުސަތު ދެނީ

ހަޔަ އެޗީވާސް ސްކޮލަޝިޕްގައި މިހާރު ކިޔަވާ ދަރިވަރުންނަށް އޯއީސީޑީ ގައުމުތަކުން ކިޔެވޭނެ

27 މާޗް 2019

އޭ ލެވެލް އިމްތިހާނުން ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ދޭ ހަޔަ އެޗީވާސް ސްކޮލަޝިޕްގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް އޯއީސީޑީ ގައުމުތަކުން ކިޔެވޭގޮތް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ ލެވެލް އިމްތިހާނުން ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ދޭ ހަޔަ އެޗީވާސް ސްކޮލަޝިޕްގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް އޯއީސީޑީ ގައުމުތަކުން ކިޔެވޭގޮތް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ދެ ބެޗެއްގެ ދަރިވަރުން ހަޔަ އެޗީވާސް ސްކޮލަޝިޕުގައި ކިޔަވަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ދަރިވަރުންގެ އެދުމާއެކު، އެ ސްކޮލަޝިޕުގައި ކިޔެވޭ ގައުމުތައް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ހަޔަ އެޗީވާސް ސްކޮލަޝިޕުގައި މިހާރު ގާތްގަނޑަކަށް 80 ވަރަކަށް ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އޭގެތެރެއިން ބައެއް ދަރިވަރުން އަދި ކިޔަވާކަށް ނުފަށަ އެވެ. ނަމަވެސް އެ ދަރިވަރުންނަށް ވެސް އޯއީސީޑީގެ ގައުމުތަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ އެވެ.

މީގެ ދެ އަހަރު ކުރިން ތައާރަފްކުރި ސްކޮލަޝިޕްގައި ކުރިން ކިޔެވޭނީ ސާކް ގައުމުތަކުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާ އިންނެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު ވަނީ އޯއީސީޑީ ގައުމުތަކުން ކިޔެވޭގޮތަށް ހަދައިފަ އެވެ. ނަމަވެސް މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް، އެ ބަދަލު ގެނައުމަށް އޭރު ނުނިންމަ އެވެ.

އޯއީސީޑީ ގައުމުތަކުން ކިޔެވޭގޮތަށް ބަދަލު ގެނައުމުން ތައުލީމީގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. އޯއީސީޑީ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ނިއުޒިލެންޑް އަދި ފިންލެންޑް ފަދަ ގައުމުތައް ހިމެނެ އެވެ.

އޭ ލެވެލް އިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ސަރުކާރުން ދެ ސްކޮލަޝިޕެއް މިހާރު ދެ އެވެ. އެއީ ހައި އެޗީވާސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕެވެ. ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭ ގޮތަށް އޮންނަ ރައީސްގެ ސްކޮލަޝިޕް މިހާރު ދެނީ ފަސް މާއްދާ އިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ.