31 މާޗް 2019
މ. މުލަކުން 819 ރުއް ނަގަން ނިންމާފައި ވަނީ އަލަށް ހަދާ ބޯޅަ ދަނޑަކާއި އަލަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ހަދާ މަގަކާއި ކުނިކޮއްޓަކާއި ކުނިކޮއްޓަށް ދާނެ މަގެއް ހަދާށެވެ. ނަގަން ޖެހޭ ރުއްތައް ބޮޑެތި ކަމުން އެ އެއްޗެހި ނަގައި ރަށުގެ އެހެން ތަންތަނުގައި އިންދަން ކައުންސިލަށް ދަތިވާތީ ރަށުން ބޭރަށް ރުއްތައް ގެންގޮސް އިންދަން އެހެން ބަޔަކަށް ދިނީ އެވެ.
މ. މުލަކުން 819 ރުއް ނަގަން ނިންމާފައި ވަނީ އަލަށް ހަދާ ބޯޅަ ދަނޑަކާއި އަލަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ހަދާ މަގަކާއި ކުނިކޮއްޓަކާއި ކުނިކޮއްޓަށް ދާނެ މަގެއް ހަދާށެވެ. ނަގަން ޖެހޭ ރުއްތައް ބޮޑެތި ކަމުން އެ އެއްޗެހި ނަގައި ރަށުގެ އެހެން ތަންތަނުގައި އިންދަން ކައުންސިލަށް ދަތިވާތީ ރަށުން ބޭރަށް ރުއްތައް ގެންގޮސް އިންދަން އެހެން ބަޔަކަށް ދިނީ އެވެ.
ލ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މެންދޫން 1،200 ރުއް ނަގައި، ކ. އެނބޫދޫފަޅުގައި ހަދާ ރިސޯޓުތައް ފެހިކުރަން ގެންދަނީ މެންދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއުއަކަށް ބިން ސާފުކުރާތީ އެވެ.
ރާއްޖޭގެ ރަށްރަށުން ރުއްގަސް އުފުރައި، ފަޅު ހިއްކައިގެން ހަދާ ރިސޯޓުތަކަށް ވިއްކާލާ އިރު ދައްކާފައި ހުންނަނީ މިފަދަ ސަބަބުތަކެވެ. މިފަދަ ކަންކަން ކުރަނީ ބޭނުންތެރި ކޮންމެވެސް މަޝްރޫއުއެއް ހިންގާށެވެ. އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައި ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ. ހުރިހާ ކަމެއް ވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށެވެ. މައްސަލައަކީ މިކަމުން އެތައް ރަށެއްގެ ފެހިކަން ގެއްލި ހަނަފަސްވަމުންދާ ކަމެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އެންވަޔަރްމެންޓް މިނިސްޓަރު ވެސް ވާހަކައިން މިކަމާ ދެކޮޅެވެ. އެކަމަކު ސަތޭކަ އިން، ހާހުން ރުއްގަސް އުފުރައިގެން ރިސޯޓުތަކަށް ގެންދިޔުން ހަމަ ކުރިއަށެވެ. އެކަމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ހުއްދަދެނީ އެކަންޏެއް ނޫނެވެ. އެއީ ގޯހެއް ކަމަކަށް ވެސް އެ އޭޖެންސީން ނުދެކެ އެވެ.
އީޕީއޭ އިން ބުނާގޮތުގައި "ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ނަގަން ޖެހޭ ރުއްގަސް ނެގުމާއި އިންދަން ޖެހޭ ރުއްގަސް އިންދުމާއި އަނެއް ރަށަށް ރުއްގަސް ގެންދިޔުމަކީ ހެދިފައި ހުރި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ އެކަމުގައި ހުރަހެއް އަދި ނުބައެއް އޮތް ކަމެއް ނޫނެވެ."
އެކަމަކު އީޕީއޭގެ ވިސްނުން، ސަރުކާރުން މިކަމާ ބެހޭ ގޮތުން ހާމަކޮށްފައިވާ ސިޔާސަތާ ފުށުއަރަ އެވެ. ސަބަބަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޔަގީންކަން ދެއްވާފައިވާ ގޮތުން ނަމަ، މި ސަރުކާރުން ތަރައްގީގެ ނަމުގައި ވެށި ގުރުބާނެއް ނުކުރާނެ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ "އެއް ރަށް ފެހި ކުރުމަށްޓަކައި އަނެއް ރަށް ހަނަފަސްކޮށްލުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން" ކަމަށެވެ.
"އަޅުގަނޑުމެންނަކީ ތަރައްގީއަށްޓަކައި މި ރާއްޖޭގެ ގުދުރަތީ ވެށި ގުރުބާންކުރާނެ ބައެއް ނޫން. މި ސަރުކާރުގައި އިރާދަކުރެއްވިއްޔާ މި ރާއްޖެ އަށް ތަރައްގީ ރައްޔިތުންނާ ބައްދަލުކުރާނީ ތިމާވެއްޓާ އެއްކީލިވާ ގޮތުގައި،" ޑިސެމްބަރު މަހު ރައީސް ވިދާޅުވެފައިވެ އެވެ.
އެހެން ކަމަށްވާ ނަމަ، "ސިނާއީ ގޮތުން ދަނޑުވެރިކަންކުރުމާއި އެއާޕޯޓު ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުއްގަސް ނަގައި ބިން ސާފުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ ކަންކަން" ކަމަށް ވާތީ އެ ނޫން ގޮތެއް ނެތޭ އީޕިއޭ އިން ބުނަނީ ކީއްވެގެން ހެއްޔެވެ؟
ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިޔުމާ ބެހޭ ގަވާއިދު ހެދި އިރު އޭގައި ބުނެފައިވާ ގޮތުން ވަކި އުސޫލެއް ނެތި ރަށްރަށުން ރުއްގަސް ކެނޑުމާއި އުފުރުން އިތުރުވުމާ ގުޅިގެން ރަށްރަށުގެ ފެހިކަން ދަނީ ކުޑަވަމުންނެވެ. އަދި ބޮޑެތި ގަސްގަސް ކޮނެގެން، ބޮޑު ސަރަހައްދަކުން ފަސްގަނޑާ އެކު ނަގައި ރަށުން ބޭރުކުރުމުގެ ސަބަބުން އުފެދޭ ވަޅުގަނޑުތަކަށް ރަނގަޅަށް ފަސް އަޅައި، ބިންގަނޑު ހަމަނުޖެއްސުމުގެ ސަބަބުން ބިމުގެ ފަސްގަނޑު ދޫވެ ރަށްރަށުގެ ބިންގަނޑަށާއި ފެން ފަށަލަ އަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެ ގަވާއިދުގައި އެ ގޮތަށް ލިޔުނީ މީގެ އެތައް އަހަރެއް ކުރިންނެވެ. މިހާރު މިކަން މި އޮތީ އޭރަށް ވުރެ މާ ބޮޑަށް އާއްމުވެ، ހައްދުން ނެއްޓިފަ އެވެ. އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ޑިސެމްބަރުމަހު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ދެބައިކުޅަ އެއްބައި ރަށުގައި ފެހިކަމެއް ނެތެވެ.
މިހާ ނާޒުކު ހިސާބަކަށް ކަންތައް ގޮސްފައި އޮތް އިރު ވެސް ރުއްގަސް ނެގުން ނުހުއްޓުވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟
ކ. ކާށިދޫން ނެގި ރުއްތަކެއް އުޅަނދަކަށް ބަރުކުރަނީ
ރަށަކުން ރުއްތަކެއް ބޭރުކުރާ މައްސަލައެއް ފެންމަތިވެގެން ފާޑުކިޔުން ބޮޑުވީމާ ލިބޭ ޖަވާބަކީ އެއީ، އެ ރަށެއްގެ ކައުންސިލުން ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުއަކާ ގުޅިފައިވާ ކަމެއް ކަމެވެ. ބިން ސާފުކުރުމުގެ ކުޅަދާނަކަމެއް ކައުންސިލަށް ލިބިގެން ނުވާތީ އެހެން ބަޔަކާ މަސައްކަތް ހަވާލުކުރަނީ ކަމާއި ނަގާ ރުއްތައް އެ ރަށުގެ އެހެން ތަނެއްގައި އިންދާނެ ޖާގައެއް ވެސް ނެތް ކަމެވެ. އެހެންވެ، އެފަދަ ހަލާތްތަކުގައި، ރުއްގަސް އެހެން ރަށްރަށަށް ގެންގޮސް އިންދުމުގެ ހުއްދަ ދެނީ ކަމަށް އީޕީއޭ އިން ވެސް ބުނެ އެވެ. އަދި ރާއްޖޭގެ ރުއްތައް މުސްކުޅިވެފައި ހުންނާތީ ރަށުގައި އަލުން އިންދިޔަސް މާ ގިނަ ފައިދާތަކެއް ނުލިބޭނެއޭ ވެސް ބުނެ އެވެ.
އެކަމަކު މައުލޫމާތު ހުރި އެތައް ބަޔަކު ބުނާގޮތުގައި ރިސޯޓުތައް ފެހިކުރަން ރުއްގަސް އުފުރުމަކީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ގަވާއިދަށް ފައްތައިގެން ހިންގާ ރޭވުންތެރި ވިޔަފާރިއެކެވެ. އަދި އެކަމުގައި ގިނަ ފަރާތްތަކަކުން ބައިވެރިވެ އެވެ.
"މިއީ މިހާރު ވަރަށް ބޮޑު ވިޔަފާރިއެއް. މާލޭ ބޭސްޑް އޭޖެންޓުން އުޅޭނީ، ރިސޯޓުތަކަށް އެއްޗެހި ގަނެދޭ. ރުއް ގަންނަނީ ސީދާ ރިސޯޓު ހަދާ މީހާއެއް ނޫން. ކޮންމެވެސް އޭޖެންޓެއް މެދުވެރިކޮށް ގަންނާނީ،" ތަރައްގީގެ މަޝްރޫއުތަކަށް ކޮންސަލްޓެންސީ ދެއްވާ ބޭފުޅަކު ވިދާޅުވި އެވެ.
ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާ ގިނަ ބަޔަކު ބުނާ ގޮތުގައި ރުއްގަސް ވިއްކުމުގެ ވިޔަފާރި ހިންގަނީ އެފަދަ އޭޖެންޓުންނާއި ރިސޯޓުތަކާއި ރަށްރަށުގެ ކައުންސިލްތަކުގެ މެމްބަރުން ގުޅިގެންނެވެ. އަދި ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު މިދިޔަ އަހަރު ކުރެއްވި ޓްވީޓެއްގައި އީޕީއޭ އަށް ވެސް އިނގިލިދިއްކުރައްވަމުން، މި ކަމުގައި "އެންވަޔަރްމެންޓް މިނިސްޓްރީގެ އީއައިއޭ ބަލާ ބައެއް މުވައްޒަފުން" ބައިވެރިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ރުއްގަސް ނެގުން އާއްމުވެފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވީ "މިހެން ކަންތައް ވާން ފެށީމާ އިނގިލި ދިއްކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑަކަށް ވެސް ނޭނގޭނެ ބުނާކަށް. އަޅުގަނޑަށް ވެސް އެނގޭނީ އަޅުގަނޑުގެ އަމިއްލަ ނަފްސު. ދެވަނަ މީހާގެ ގޮތެއް ނޭނގޭނެ. އޭނާ މިވެނި ކަމެއް ކުރީ ލާރީގައި ހިފައިގެން ކަމެއް، ނުހިފާ ކަމެއް ބުނާކަށެއް ނޭނގޭނެ،" ތިމާވެށީގެ ތަޖުރިބާކާރު ޒާހިރު ފާހަގަކުރެއްވި އެވެ.
އެކަމަކު އޭނާ ކިޔައިދެއްވި ގޮތުގައި ރަށްރަށުން ރުއްގަސް އުފުރައިގެން ރިސޯޓުތަކަށް ގެންދިޔުން ހައްދުފަހަނަޅައިގެން އުޅެނީ މިހާރު ކަމަށް ވިޔަސް "އެކި ގޮތްގޮތަށް މި ގޭމް ކުޅެން" ފެށިތާ އަހަރުތަކެއް ވެއްޖެ އެވެ. ޒާހިރު އިޝާރާތްކުރެއްވީ ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު މާލެ އަތޮޅުގައި ހުޅުވި ރިސޯޓެއް ފެހިކުރަން އެކި ރަށްރަށުން ރުއްގަސް ނެގި މައްސަލައަކަށެވެ. އޭނާ ވިދާޅުވީ ރުއްގަސް އުފުރުމާ ބެހޭ ގަވާއިދެއް ހެދީ ވެސް "އެ ކަންތައް ބޮޑުވެގެން" ކަމަށެވެ.
"ކިތަންމެ ތަނެއްގައި މި ކުޅި ކުޅެފައި އެބަހުރި އެ ދުވަސްވަރުގައި. ދެން އޭގެ ފަހުން ވެސް ހަމަ މިކަން މި ރާވަނީ މި ކަހަލަ ގޮތްގޮތަށް،" ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމްއިއްޔާ އީކޯކެއާގެ ފައުންޑަ އަދި ޗެއާޕާސަން ޒާހިރު ވިދާޅުވި އެވެ.
"މިސާލަކަށް ކުނި ކޮށްޓެއް އަޅަން ސަރުކާރުން ރާވާ ސަރަހައްދެއްގައި ހުރެދާނެ، ނަގަން ޖެހޭ ރުއްތަކެއް. އެ ރުއްތައް ނަގައިގެން ރަށުގެ އެހެން ތަނެއްގައި އިންދުން އެއީ އެ މީހުންނަށް ބޭނުންކަމެއް ނޫން. ރިސޯޓަކުން ޝައުގުވެރިވެގެން ފުރަތަމަ މި ކަމާ އުޅޭނީ ވެސް."
ރިސޯޓަކުން ރުއް ބޭނުންވީމާ ކައުންސިލްތަކަށް އެކި ކަހަލަ ކުދިކުދި ކަންކަން ކޮށްދޭން ހުށަހަޅައިގެން ރުއް ގަނެފައި އެބަހުރި ކަމަށް އެފަދަ ބައެއް ރަށްރަށުގެ މީހުން ވެސް ކިޔައިދެ އެވެ.
"ހަމަ ރާވައިގެން އެކަން ކުރަނީ،" ޒާހިރު ވިދާޅުވި އެވެ.
"ނަމުގައި ކުނި ކޮށްޓެއް އަޅަން މި ނަގާ އޭރިއާ އިން 1000-2000 ރުއް ނަގާކަށް ނުޖެހޭ. މިސާލަކަށް ސަތޭކައެއްހާ ރުއް ވެސް ހިއެއް ނުވޭ އެކަހަލަ ތަނަކުން ނަގަން ޖެހޭނެ ހެނެއް. ނުވަތަ މަގެއް ހަދާ އިރު އެ މަގު ވާން ޖެހޭ ހެއްޔޭ، މާލޭގެ މަޖީދީމަގު އޮންނަހެން އޮންނަ ތެދު މަގަކަށް؟ އަނެއްކާ އެކަހަލަ ކަންތައް ކުރާ އިރު ޓާގެޓްކުރަނީ ބޮޑެތި ރުއްގަނޑުގަނޑަށް."
ދ. އުއްދޫން ރުއް ނަގަނީ
ރުއްގަހުގެ ވިޔަފާރި ހައްދުފަހަނަޅައިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ބިން ހިއްކައިގެން ރިސޯޓު ހަދަން އެތައް ފަޅެއް ދޫކުރުމާއި އެ ތަންތަނަށް ރުއްގަސް ހޯދުމުގެ ރަނގަޅު އުސޫލުތަކެއް ކަނޑައަޅާފައި ނެތުމުންނެވެ. ޒާހިރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ފަޅުރަށްތައް ހުއްޓާ އަދި "ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ގެނެސް މާލެ އަށް އަޅާލާފައި ދެން ހުރި ހުރިހާ ރަށެއްގައި ޓޫރިޒަމްތޯ ޖައްސަންވީ" ބެލުމެއް ނެތި، "ވޭތުވެދިޔަ ސަރުކާރުން ދިވެހިރާއްޖޭގެ ތިމާވެށި ފުނޑާލީ" އެވެ.
އެގޮތުން، އޭނާ ވިދާޅުވީ، ރުއްގަސް އުފުރުމުގެ މައްސަލަ ބޮއްސުންލައިގެން ދިޔަ އެއް ސަބަބަކީ، 200 ރުއްގަހަށް ވުރެ މަދު ނަމަ އީއައިއޭ ހަދަން ނުޖެހޭ ގޮތަށް 2017ގައި ހަމަޖެއްސުން ކަމަށެވެ.
އެ ވެރިކަން ނިމި، މިހާރުގެ ސަރުކާރުން ކަންކަން އިސްލާހުކުރަން ފެށި މަސައްކަތްތަކުގެ ތެރޭގައި މި މައްސަލަ ހިމެނެ އެވެ. މުޅި ރާއްޖެ ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ މަޝްރޫއުއެއް މިދިޔަ ޑިސެމްބަރު މަހު ފަށައި ސަރުކާރުން ބުނެފައިވާ ގޮތުގައި "ރަށް ފެހި" ޕްރޮގްރާމްގައި ރަށްރަށުގެ މަގުތަކާއި ހުސް ބިންތަކުގައި 4،000 އަށް ވުރެ ގިނަ ގަސް އިންދާނެ އެވެ. އެކަމުގެ ރުއްގަސް އުފުރާ މައްސަލައިގައި ސަރުކާރުން ހޯދައިދޭނެ ކަމަށް ބުނެފައިވާ އެންމެ ބޮޑު ހައްލަކީ އެ ކަމާ ބެހޭ ގަވާއިދަށް ބަދަލު ގެނައުމެވެ. "ރަށް ފެހި" ޕްރޮގްރާމް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިފްތިތާހުކޮށްދެއްވަމުން ޑިސެމްބަރު 15ގައި ރައީސް އިބޫ ވިދާޅުވެފައިވާ ގޮތުގައި އެ ގަވާއިދު އިސްލާހުކޮށް "ތަންފީޒު ކުރުމަށްޓަކައި މިހާރު އޮތީ އޭޖީ އޮފީހުގެ މަރުޙަލާގަ" އެވެ.
އެކަމަކު އާ ގަވާއިދު ނައިސް ތިން މަސް ދުވަސް ފާއިތުވީ އެވެ. އަދި ޒާހިރު ވިދާޅުވަނީ އިސްލާހުކުރި ގަވާއިދުން ވެސް މި މައްސަލަ ހައްލުވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"[އާ ގަވާއިދު] އަނބުރާ ލިބުނީމާ، އަޅުގަނޑުމެންނަށް އެނގޭނީ އެއަށް ވެފައި ހުރި ގޮތެއް. މިހާރު ވެސް އަޅުގަނޑަކަށް ހިއެއް ނުވޭ، އެއަކުން މާ ބޮޑު ހައްލެއް އަންނާނެހެނެއް ރުއްގަސް ނެގުމަށް. އެކި ފާޑުގެ އެކި ގޮތަށް އެކި މީހުން އެއަށް ހިޔާލު ދޭ. އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ، ކުރެވޭ ކަހަލަ ކަންކަން ހެނެއް، އެ ހިޔާލުތަކުގައި ހުރީ،" އެއީ ސީދާ ކޮން ކަންތައްތަކެއް ކަމެއް ވިދާޅު ނުވެ އޭނާ ފާހަގަކުރެއްވި އެވެ.
ނ. މާފަރުން ރުއްތަކެއް ބޭރުކުރަން ކޮޅުވެއްޓިއަކަށް ބަރުކުރަނީ: މިއީ ޔޫއޭއީގެ އަބޫ ދާބީ އަށް ގެންދަން އުޅުނު ރުއްތަކެއް.
ޒާހިރު ދެކެވަޑައިގަންނަވާ ގޮތުގައި ރަށްރަށް ހަނަފަސްކުރަމުންދާ މައްސަލަ އަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންދިޔުން އެއްކޮށް ހުއްޓުވާލުމެވެ.
"އެއް ރަށުން އަނެއް ރަށަށް ރުއްގަސް ބަދަލުކުރުން މަނާކުރަންވީ. ތަރައްގީގެ މަޝްރޫއުއަކަށް ކަނޑަން ޖެހޭ ގަހެއް ކެނޑީމަ ނިމުނީ. ރުއް ކަނޑާފައެއް ނޫން ރުއް އިންދަންވީ. އެއް ރުއް ހައްދާފައި އަނެއް ރުއް ކަނޑަންވީ،" އޭނާ ވިދާޅުވި އެވެ.
ޒާހިރު ފާހަގަކުރެއްވި ގޮތުގައި މިފަދަ ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް ނޭޅެނީ ވެސް އަދި ރުއްގަހުގެ މައްސަލަ ހައްދުފަނަޅާފައި އޮތް އިރު އެކަން ނުހުއްޓެވެނީ ވެސް ސިޔާސީ މީހުންނާއި ވިޔަފާވެރިންގެ ނުފޫޒު ގަދަކަމުންނެވެ.
"ސިޔާސީ ނުފޫޒުގައި އުޅޭ މީހުން މިހިރަމިހިރަ ގަނޑު މި ގަންނަނީ. އެ ކަހަލަ ބާރުގަދަ މީހުން ތަންތަނުގައި ތިބެގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ތިބެގެން، މި ގަނޑުގަނޑު މި ގަންނަނީ. އެ މީހުންގެ ސަބަބުން މި ހުރިހާ މައްސަލައެއް މި ނުކުންނަނީ. އެ މީހުން ބޭނުންވަނީ ފުއްޓަކި ޖަހާލާފައި އަވަހަށް ފައިދާގަނޑު،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަމަކަށް މި އޮންނަނީ ޕޮލިސީ އާއި ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުން. ހެދީމާ އެ އެއްޗެއްސަށް ބަދަލު މި އަންނަނީ އެއްކަލަ މީހުންގެ ޕްރެޝަރާ ކަންތައްތައް ބޮޑުވެގެން. ނުފޫޒުގަދަ ސިޔާސީ މީހުންގެ ޕްރެޝަރު ވަޒީރުންނަށާއި މީސްމީހުންނަށް ބޮޑުވެގެން."
ރައީސް އިބޫ ވިދާޅުވެފައި ވަނީ "ގަސް ކެނޑުމާއި ރަށްތައް ހަނަފަސްކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ތިމާވެއްޓާ ބެހޭ ގާނޫނުތައް ފުރިހަމައަށް ތަންފީޒު ކުރެވިގެން. ތިމާވެށީގެ ހިމާޔަތުގައި އުފައްދާފައި ހުރި މުއައްސަސާތައް މިހާރަށް ވުރެ ބާރުވެރިކުރުވައި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެވިގެން" ކަމަށެވެ. އެގޮތުން މިހާރު ވެސް ވަނީ އީއައިއޭ ހެދުމުގެ ޒިންމާތައް ޓޫރިޒަމް މިނިސްޓްރީން ވަކިކޮށް އީޕީއޭއާ އަލުން ހަވާލުކޮށްފަ އެވެ.
އީޕީއީއޭ އިން ބުނަނީ "ރަށަކުން ނެގޭ ރުއްގަސް އެ ރަށެއްގައި އިންދާނެ ޖާގައެއް ނެތް ކަމުގައިވާ ނަމަ އެ ރުއްގަސް އެހެން ރަށެއްގައި އިންދާ އާލާކުރުމަކީ އެ ރުއްގަސް ކަނޑާލުމަށް ވުރެ ހުރިހާ ގޮތަކުން ބެލި ކަމުގައި ވިޔަސް ފައިދާ ބޮޑު ކަމެއް" ކަމަށެވެ. އެހެންވެ، އެފަދަ ހަލާތްތަކުގައި، ރުއްގަސް އެހެން ރަށްރަށަށް ގެންގޮސް އިންދުމުގެ ހުއްދަ ދެނީ ކަމަށް އެ އޭޖެންސީން ބުނެ އެވެ. އެކަމަކު މިއީ މުޅިން އެހެން މަގްސަދެއްގައި ރާވައިގެން ހިންގާ ވިޔަފާރިއެއް ކަމުގެ އެތައް ތުހުމަތެއް ފެންމަތިވަމުންދާ އިރު ވެސް، ގަވާއިދަށް ފެތެއޭ ބުނެ މިފަދަ ހުރިހާ މަޝްރޫއުތަކަށް ހުއްދަ ދެމުން ގެންދިޔުމަކީ އެންމެ ޒިންމާދާރު ގޮތްތޯ ސުވާލު އުފެދެ އެވެ.
ޒާހިރު ވިދާޅުވީ ރުއްގަސް އުފުރާ މައްސަލައިގެ ފަހަތް ބެލުމަކީ އީޕީއޭގެ ޒިންމާއެއް ކަމަށާއި އެކަމަކު އެކަން ތަހުގީގުކުރެވޭ ވަރުގެ މާލީ ގާބިލްކަމެއް އެ ތަނުގައި ނެތް ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިކަން އިންވެސްޓިގޭޓްކުރަން ޖެހޭނީ އީޕީއޭ އިން. އެއީ އީޕީއޭއަކީ ތަންފީޒީ އިދާރާ ކަމަށް ވާތީ. އެ މީހުންނަކީ ހަމައެކަނި ހުއްދަ ދޭން ތިބޭ ބައެއް ނޫން. އެ މީހުން ބަލައި މޮނިޓަކުރަން ޖެހޭނެ. އެކަމަކު ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭ އެ މީހުންނަކަށް ނެތް ރަށްރަށަށް ދަތުރުކުރަން ލާރިއެއް ވެސް ދީފައެއް، ބަޖެޓުން. ހަމައެކަނި މުވައްޒަފުންގެ މުސާރަ ދޭ ވަރުގެ ލާރިކޮޅެއް ބަޖެޓުން އެ މީހުންނަށް ދީފައި އޮންނަނީ. ދެން ކިހިނެއް ހަދަނީ؟" އޭނާ ފާހަގަކުރެއްވި އެވެ.
ފައިސާ ނެތިގެން މޮނިޓަ ނުކުރެވުމާއި ކަރުދާހުގައި ގަވާއިދަށް ފެތޭތީ ހުއްދަ ދޭން ޖެހުމަކީ ކަން އޮތް ގޮތް ކަމަށް ވެދާނެ އެވެ. އެކަމަކު އޭގެ މާނައަކީ މި ގޮތަށް ރުއްގަސް އުފުރުމަކީ "ގޯހެއް އޮތް ކަމެއް ނޫނޭ" ބުނެ އީޕީއޭ އިން މިކަން ދިފާއު ވެސް ކުރުން ހެއްޔެވެ؟ އެއީ ގޯހެއް ކަމަށް ގަބޫލު ނުކުރަނީ ފަހަރުގައި އީޕީއޭ އެކަންޏެވެ.
"އީޕީއޭ އިން އެހެން ބުނި ކަމުގައި ވިޔަސް އަޅުގަނޑަށް އެއީ މައްސަލައެއް،" ޒާހިރު ވިދާޅުވި އެވެ. "ގަވާއިދު އެންމެ ކުރިން އޮތް ގޮތަށް އޮތް ނަމަ އެއީ ގޯހެއް ނޫނޭ ބުނެވިދާނެ. އެކަމަކު މި ގޮތަށް ހާހުން ދެ ހާހުން ރުއް ނަގައިގެން ގެންދިޔައި ކޯއްޗަކަށް ހެއްޔޭ މި ވަނީ؟ އެހެންވީމާ އީޕިއޭ އިން އެ ގޮތަށް ޖަސްޓިފައިކޮށްގެން ނުވާނެ."
އީޕީއޭ އިން ބުނެފައިވާ ގޮތުގައި "ތަރައްގީގެ މަޝްރޫއުތަކުން ވެއްޓަށް ލިބޭ ގެއްލުންތައް ވީހާ ވެސް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އީޕީއޭ އިން ބާރުއަޅާނެ" އެވެ.
ރުއްގަހާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގައި "ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމުގެ ސަބަބުން ރަށްރަށުގެ ތިމާވެއްޓަށާއި ދިރޭތަކެތީގެ ނަސްލަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް ކުޑަކުރުމާ އެކު ދެމެހެއްޓެނިވި ތަރައްގީ އަށް މަގުފަހިކުރު"މަކީ އެ ކަމަށް ވަކި އުސޫލުތަކެއް ކަނޑައެޅުމުގެ މަގްސަދެވެ. އެކަމަކު މިހާރު އެ މަގްސަދު ހާސިލްވަމުންދާ ތަނެއް ނުފެނެ އެވެ. ހަމަ އެ ގޮތަށް، "ރުއްގަސް ކެނޑުމާއި ނެގުމާއި އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެ ނޫން ގޮތެއް ނެތިގެން ހަމައެކަނި ޟަރޫރީ ބޭނުމަކަށް" ކަމަށް ގަވާއިދުގައި ބުނެފައި އޮތަސް މިހާރު ކަން ހިނގަނީ އެ ގޮތަށް ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.
ޒާހިރު ވިދާޅުވީ ތަރައްގީގެ ބޭނުމަކަށް އުފުރާ ރުއް އެ ރަށެއްގައި އިންދެން ނެތިގެން ބޭރުކުރަން ޖެހެނީއޭ ބުންޏަސް އެއީ ބަހަނާއެއް ކަމަށެވެ.
"އެއީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން. ކޮން ރަށެއްގައިތޯ ހޭޅި ރަނގަޅަށް އޮތީ؟ ހޭޅިތައް ހުރީ ހަލާކުވެފައޭ. ކީއްވެތޯ ހޭޅިތަކުގައި ރުއް ނީންދޭނީ؟" އޭނާ ސުވާލުކުރެއްވި އެވެ.
އެހެންވީމާ ހުއްދަ ލިބިގެން އެތައް ރަށަކުން އެތަކެއް ސަތޭކަ ރުއް އުފުރައި ވިއްކާލީ ހަމަ މަޖުބޫރުވެގެންތޯ އެއީ ވަރަށް ބޮޑު ސުވާލެކެވެ.
ބޭރުގެ ކޮޅުވެއްޓިއަކަށް މިފަހަރު ބަރުކުރީ ރުއްތަކެއް!
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ވެލި ނެގުމުގެ ގަވައިދު ބަދަލުކުރީ 2014 ގައި
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި
އީޕީއޭގެ ދިރާސާތަކަށް ހާއްސަ އުޅަނދު ރާއްޖެ ގެންނަނީ
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!