Roadha Mihaaru
މުޣުނީއާ މެދު އެޅީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ

މުޣުނީއާ މެދު އެޅީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ

19 މާޗް 2019

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަބްދުލް މުޣުނީ އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އެޅީ ސިޔާސީ ފިޔަވަޅެއް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަބްދުލް މުޣުނީ އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އެޅީ ސިޔާސީ ފިޔަވަޅެއް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތާ ގުޅިގެން އެމްޑީޕީން ވަނީ އޭނާ އަށް ކުރި ތާއީދު އިއްޔެ އަނބުރާ ގެންގޮސްފަ އެވެ. އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި މުޣުނީ ވިދާޅުވެފައި ވަނީ އެމްޑީޕީގައި ފިޔަވަޅު އަޅާ ކޮމިޓީތައް ހުއްޓައި އޭނާއާ ސުވާލު ކުރުމެއް ނެތި އެ ނިންމުން ނުނިންމޭނެ ކަމަށެވެ.

އިންތިޚާބުގެ ވޯޓު ކައިރިވެފައި ވަނިކޮށް އެމްޑީޕީން އެޅި ފިޔަވަޅާ ދެކޮޅަށް، މުޣުނީގެ ސަޕޯޓަރުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

މަޖިލިސް އިންތިޚާބަށް އެމްޑީޕީން ކަނޑައަޅާގައިވާ ތަރުޖަމާން އަދި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް "މިހާރު" އަށް މިއަދު ވިދާޅުވީ މުޣުނީއާ ދޭތެރޭގައި ފިޔަވަޅު އެޅީ ގަވާއިދާ އެއްގޮތަށް ރަނގަޅަށް ކަމަށެވެ. ފިޔަވަޅު އަޅާ ކޮމިޓީ އަށް ނުފޮނުވައި ސީރިއަސް މައްސަލަތަކުގައި ޕާޓީގެ އިސް ފަރާތްތަކަށް ގޮތް ނިންމުމުގެ އިޚްތިޔާރު ލިބިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޣުނީ އަށް އަޅުގަނޑުމެންގެ ކެމްޕޭން މެނޭޖަރު ގުޅުއްވި. އެ ވަގުތު ފޯނެއް ވެސް ނުނަންގަވާ. ތުހުމަތުތަކާ ގުޅިގެން ޕާޓީން ނިންމެވީ ސިޔާސީ ނިންމެވުމެއް،" އަފްޝަން ވިދާޅުވި އެވެ.

އިންތިޚާބުގައި މުޣުނީ ގޮނޑި ކަށަވަރު ކޮށްފި ނަމަ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ބަލައިގަންނާނެތޯ ދެންނެވުމުން އަފްޝަން ވިދާޅުވީ އެ މައްސަލައިގައި ޕާޓީގެ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށެވެ. މުޣުނީގެ ބަޔާނާއި ތިނަދޫ އެމްޑީޕީގެ ސަޕޯޓަރުންގެ ގަރާރާ ގުޅޭ ގޮތުން ވެސް ޕާޓީން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ. އެމްޑީޕީގެ ނިންމުމަށް މައުމޫން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ފެތުރުމުންނެވެ. ޕްރައިމަރީގެ ކުރިން ވެސް އެކަން އެނގިތިބެ އެމްޑީޕީން ފިޔަވަޅު ނޭޅީ ކަމަށް ބުނެ ވެސް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.