Roadha Mihaaru
ބޮޑުމަހެއްގެ ބަނޑުން 40 ކިލޯގެ ޕްލާސްޓިކް

މަރުވެގެން ލެއްގި ބޮޑުމަހެއްގެ ބަނޑުގައި 40 ކިލޯގެ ޕްލާސްޓިކް

18 މާޗް 2019

މޫދަށް އުކާލާ ޕްލާސްޓިކްގެ ނަތީޖާ ވަރަށް ގޯހެވެ. މިދިޔަ އަހަރު ތައިލެންޑުން ފެނުނު މަރުވެފައިވާ ބޮޑުމަހެއްގެ ބަނޑުން 80 ކިލޯގެ ޕްލާސްޓިކް ފެނުނެވެ. މި ހަފުތާގައި މި ވަނީ 40 ކިލޯގެ ޕްލާސްޓިކް ބަނޑުތެރޭގައި ހުރި ބޮޑުމަހެއް ފިލިޕީންސްގެ އައްސޭރި ފަށަށް ލައްގައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޫދަށް އުކާލާ ޕްލާސްޓިކްގެ ނަތީޖާ ވަރަށް ގޯހެވެ. މިދިޔަ އަހަރު ތައިލެންޑުން ފެނުނު މަރުވެފައިވާ ބޮޑުމަހެއްގެ ބަނޑުން 80 ކިލޯގެ ޕްލާސްޓިކް ފެނުނެވެ. މި ހަފުތާގައި މި ވަނީ 40 ކިލޯގެ ޕްލާސްޓިކް ބަނޑުތެރޭގައި ހުރި ބޮޑުމަހެއް ފިލިޕީންސްގެ އައްސޭރި ފަށަށް ލައްގައިފަ އެވެ.

މަރުވެގެން ލެއްގި ބޮޑުމަސް އެ ގައުމުގެ ޑި ބޯން ކަލެކްޓާ މިއުޒިއަމްގެ އޮފިޝަލުން ނަގައި ފެޅި އިރު، ބަނޑުތެރޭގައި ނެތް ވައްތަރެއްގެ ޕްލާސްޓިކެއް ނެތެވެ. އޭގެ ތެރޭގައި ބާޒާރު ކޮތަޅާއި ހަނޑޫ ބަންދުކުރާ ކަހަލަ ސުތުލި ގޯންޏާއި އަދި އެ ނޫން ވެސް އެހެން ބާވަތުގެ ޕްލާސްޓިކް ހިމެނެ އެވެ. އެ ތަކެތި ނަގައި ބަރުދަން ބެލި އިރު 40 ކިލޯ އަށް އަރަ އެވެ.

މިއުޒިއަމުން ވަނީ މީގެ ބައެއް ފޮޓޯތައް އެ ތަނުގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފަ އެވެ.

ޑި ބޯން ކަލެކާޒް މިއުޒިއަމުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ މިހާތަނަށް ބޮޑުމަހެއްގެ ބަނޑު ތެރެއިން އެ މީހުންނަށް އެންމެ ގިނަ އަދަދަކަށް ޕްލާސްޓިކް ފެނުނު ފަހަރެވެ. އަދި މިކަމާ ވަރަށް ކަންބޮޑުވާ ކަމަށާއި ޕްލާސްޓިކާ ދެކޮޅަށް ގައުމުތަކުން މަސައްކަތްކޮށްގެން ނޫނީ ކަނޑުގެދިރުންތައް ވެސް ރައްކާތެރިކޮށް ހިމާޔަތް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މިއުޒިއަމުން ބުނީ ކުނިއަޅާ ތަނަކަށް މޫދާއި ކަނޑު ބޭނުންކުރުން ހުއްޓައިލަން ޖެހޭ ކަމަށެވެ.

ކުރިން ޕްލާސްޓިކާ ދެކޮޅަށް ގައުމުތަކުން މަސައްކަތްނުކުރާ ވަރަށް މިހާރު މަސައްކަތް ކުރަމުން އަންނަ އިރު، މިދިޔަ ހުކުރު ދުވަހު ކެނިއާގެ ވެރިރަށް ނައިރޯބީގައި ނިންމައިލި ޔޫއެން އެންވަޔަރަމަންޓް އެސެމްބްލީގައި 170 ގައުމަކުން ވަނީ 2030 ހަމައަށް އަންނަންވާ އިރަށް ޕްލާސްޓިކް މަދުކުރަން އެއްބަސްވުމަކަށް ވެސް އައިސްފަ އެވެ.

ފަސް ދުވަހަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މޫދާއި ކަނޑަށް އުކައިލާ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރަށް ފުޑް ވޭސްޓް ވެސް ދަށްކުރުމަށް މަސައްކަތް ކުރަން ގައުމުތަކުން އެއްބަސްވުމަކަށް އައިސްފައިވެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައު މޫދާއި ކަނޑަށް ޕްލާސްޓިކް ކުނިބުނި އެންމެ ގިނައިން އުކަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުންނެވެ. އޭގެ ތެރޭގައި އެންމެ ނަގާ ކިޔާ ފަސް ގައުމަކީ ބޮޑުމަހަށް 40 ކިލޯގެ ޕްލާސްޓިކް ކެވުނު ފިލިޕީންސާ އެކު ޗައިނާ، އިންޑޮނިޝިއާ، ތައިލެންޑް އަދި ވިއެޓްނާމެވެ.