Roadha Mihaaru
ގެލަކްސީ އެސް10 5ޖީ: ފޯނު ޓެސްޓްކުރަން ފަށައިފި

ސެމްސަންގް ގެލަކްސީ އެސް10 5ޖީ: ފޯނު ޓެސްޓްކުރަން ފަށައިފި

19 މާޗް 2019

ސެމްސަންގް ގެލަކްސީ އެސް10 5ޖީ ޓެސްޓްކުރަން ފަށައިފި އެވެ. ސެމްސަންގް ސްމާޓްފޯނެއް ޓެސްޓްކުރާ ވާހަކަ މި ބުނީ، މިއީ 5ޖީ ފޯނަކަށް ވާތީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސެމްސަންގް ގެލަކްސީ އެސް10 5ޖީ ޓެސްޓްކުރަން ފަށައިފި އެވެ. ސެމްސަންގް ސްމާޓްފޯނެއް ޓެސްޓްކުރާ ވާހަކަ މި ބުނީ، މިއީ 5ޖީ ފޯނަކަށް ވާތީ އެވެ.

ގެލަކްސީ އެސް10 5ޖީ އަކީ، އެސް10 މަރުކާގައި ނެރުނު އެންމެ ބާރުގަދަ ފޯނެވެ. މި ފޯނުގެ އަގު އަދި ކަށަވަރެއް ނުވެ އެވެ. ފޯނު ނެރޭނެ ވަކި ތާރީޚެއް ވެސް ޔަގީނެއް ނުވެ އެވެ. މައިގަނޑު ސަބަބަކީ، ފޯނު ބޭނުންކުރެވޭ ފެންވަރުގެ ނެޓްވޯކެއް ނެތުމެވެ. ދުނިޔެ އަށް އަދި 5ޖީ ނެޓްވޯކް އާންމެއް ނުކުރެ އެވެ.

ސެމްސަންގުން ބުނި ގޮތުގައި އެސް10 5ޖީ ޓެސްޓްކުރެވެނީ ސައުތު ކޮރެއާގަ އެވެ. ސައުތު ކޮރެއާގެ އެސްކޭ ޓެލެކޮމްގައި ކުރި ޓެސްޓްތަކުން، އެސް10 5ޖީގެ ގާބިލުކަން ފެނިފައިވާ ކަމަށް ވެ އެވެ. ފޯނުގެ ހާޑްވެއާގައި ހުރި ބާރުގަދަކަމަށް ބަލާއިރު، 30 ސިކުންތު ތެރޭގައި 10ޖީބީ ޑައުންލޯޑްކުރެވޭ ކަމަށް އެސްކޭ ޓެލެކޮމް އިން ބުނި ކަމަށް ވެ އެވެ.

ދުނިޔެ އަށް 5ޖީ ތައާރުފުކުރަން، ނެޓްވޯކް ޚިދުމަތް ދޭ ކުންފުނިތަކުން މަސައްކަތްކުރަމުން ދާއިރު، ސްމާޓްފޯނު ކުންފުނިތަކުން ވެސް ދަނި 5ޖީ ފޯނުތައް އުފައްދަމުންނެވެ. ސަމްސަންގް އޮތީ މި ރޭހުގައި ވެސް އެންމެ ކުރީގަ އެވެ. އެސް10 5ޖީ އަކީ ގިނަ ނެޓްވޯކްގައި ބޭނުންކުރެވޭ ފޯނަކަށް ވާނެ ކަމަށް ބެލެވެ އެވެ.

ގެލަކްސީ އެސް10 5ޖީ ހުރި މޮޅުކަމެއް ތަޖުރިބާކުރަން އެދޭ ކޮންމެ މީހަކަށް އެ ފުރުތަސް އޮތް ކަމަށް، އެސްކޭ ޓެލެކޮމްއިން ބުނެ އެވެ. އެކަމަކު ދާން ޖެހެނީ ސައުތު ކޮރެއާ އަށެވެ. އެ ކުންފުނީގެ ހެޑްކުއާޓަރުގައި، ހިތްފުރެންދެން ބޭނުންކުރަން އެސް10 5ޖީ ލިބޭނެ ކަމަށް ވެ އެވެ.

އެސްކޭ ޓެލެކޮމް އިން ބުނި ގޮތުގައި، ސައުތު ކޮރެއާގައި އެސް10 5ޖީ ބޭނުންކުރަން ފަށާ ދުވަހުން ފެށިގެން، އެންމެ ބާރުގަދަ އަދި ބާރު ސްޕީޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކުންފުންޏަކަށް އެ މީހުން ވާނެ އެވެ. އެ ކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވަމުން ދާ ކަމަށް ވަނީ ބުނެފަ އެވެ.