Roadha Mihaaru
ބުރުގާ އަޅާތީ ޚިދުމަތްދޭން ރެސްޓޯރެންޓުން ދެކޮޅުހަދައިފި

ބުރުގާ އެޅި ދެ އަންހެނަކަށް ޚިދުމަތް ދޭން ޕެރިހުގެ ރެސްޓޯރެންޓަކުން ދެކޮޅު ހަދައިފި

29 އޯގަސްޓް 2016

ޕެރިސް (އޮގަސްޓް 29) - ފްރާންސްގެ ވެރިރަށް ޕެރިހުގެ ރެސްޓޯރެންޓެއްގައި ބުރުގާ އެޅި މުސްލިމް ދެ އަންހެނަކަށް ޚިދުމަތް ދޭން ދެކޮޅު ހެދި ވީޑިއޯއެއް އާއްމުވުމާ އެކު އެތައް ބަޔަކު ރުޅިގަދަވެ މުޒާހަރާ އަށް ގޮވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (އޮގަސްޓް 29) - ފްރާންސްގެ ވެރިރަށް ޕެރިހުގެ ރެސްޓޯރެންޓެއްގައި ބުރުގާ އެޅި މުސްލިމް ދެ އަންހެނަކަށް ޚިދުމަތް ދޭން ދެކޮޅު ހެދި ވީޑިއޯއެއް އާއްމުވުމާ އެކު އެތައް ބަޔަކު ރުޅިގަދަވެ މުޒާހަރާ އަށް ގޮވާލައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ބުރުގާ އަޅައިގެން ތިބި ދެ އަންހެނުންނަށް ރެސްޓޯރެންޓުގެ ވެރި މީހާ ބުނަނީ "ޓެރަރިސްޓުންނަކީ މުސްލިމުން އަދި މުސްލިމުންނަކީ ޓެރަރިސްޓުން" ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ޕެރިހުގެ އިރުއުތުރުގެ ޓްރެމްބްލޭ -އެން-ފްރާންސްގެ ލެ ސެނެކްލް ރެސްޓޯރެންޓުގައި ހޮނިހިރު ދުވަހުގެ ރެ އެވެ. މިކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމަށް ރެސްޓޯރެންޓުގެ ބޭރަށް އިއްޔެ އެއްވި މީހުންގެ ކިބައިން ރެސްޓޯރެންޓުގެ ވެރިޔާ ވަނީ މައާފަށް އެދިފަ އެވެ.

ރެސްޓޯރެންޓުގެ ވެރި މީހާ ބުނީ ފްރާންސްގެ ގޮނޑުދޮށްތަކުގައި ބުރްކިނީ އަޅާ މައްސަލާގައި އޭނާ ވަރަށް ރުޅިގަދަވެފައި ހުރުމުން ކޮންޓްރޯލުން ނެއްޓުނީ ކަމަށެވެ. އަދި ޕެރިހުގެ ބަޓަކްލޭންގައި ނޮވެމްބަރު މަހު ދިން ޓެރަރިސްޓް ހަމަލާގައި އޭނާގެ ރަހުމަތްތެރިއަކު މަރުވުމުން އެކަމާވެސް މުސްލިމުން ދެކެ ރުޅިގަދަވެފައި ހުރި ކަމަށް ބުންޏެވެ.

ޓްރެމްބްލޭ -އެން-ފްރާންސްގެ ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ ނަސްލީ ގޮތުން ތަފާތުކުރި މި މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. ފްރާންސް ސަރުކާރުގެ ވަޒީރަކު ވެސް ވިދާޅުވީ އެ ހާދިސާ ތަހުގީގު ކުރުމަށް ނަސްލީ ތަފާތު ކުރުމާ ދެކޮޅު ސަރުކާރުގެ މުއައްސަސާއަކުން އަންގާފައިވާ ކަމަށެވެ.

ފްރާންސްގެ ބައެއް ޓައުންތަކުގެ ދޮނޑުދޮށްތަކުގައި ބުރުގާއާ އެކު އަޅާ ބުރްކިނީ މަނާކުރުމުން އެ ގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން ވަނީ އެކަން ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ. ނަމަވެސް ބައެއް ޓައުންތަކުގެ މޭޔަރުން ވަނީ ކޯޓު އަމުރަށް ގޮންޖަހާ ބުރްކިނީ މަނާކުރާނެ ކަމަށް ބުނެފަ އެވެ.

ފްރާންސް އިން 2010 ވަނަ އަހަރު ވަނީ އާއްމު ތަންތަނުގައި މޫނުބުރުގާ އަޅައިގެން އުޅުން މަނާކޮށްފަ އެވެ. އަދި މިއީ ޔޫރަޕުގައި މޫނުބުރުގާ މަނާކުރި ފުރަތަމަ ގައުމު ވެސް މެ އެވެ.