Roadha Mihaaru
އިންޑިއާ ފޮރިން މިނިސްޓަރު އާދީއްތަ ދުވަހު ރާއްޖެއަށް

އިންޑިއާ ފޮރިން މިނިސްޓަރު އާދީއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ

14 މާޗް 2019

އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް އަންނަ އާދީއްތަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް އަންނަ އާދީއްތަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސުޝްމާ އާދީއްތަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާކަން މިހާރަށް ކަށަވަރު ކުރެވިފައި ވިޔަސް، އެ ދަތުރު ކުރައްވާކަން ރާއްޖޭގެ ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ އެ ފަދަ ދަތުރެއް ކުރައްވާ ނަމަ ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން އިއުލާން ކުރައްވާނެ ކަމަށެވެ. ނަމަވެސް ސުޝްމާ އާދީއްތަ ދުވަހު ރާއްޖެ އަށް ދަތުރެއް ކުރައްވަން ހަމަޖެހިފައިވާކަން އޭނާ ދޮގެއް ނުކުރައްވަ އެވެ.

"ދަތުރެއް ކުރައްވާ ނަމަ ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ދެ ގައުމުން އިއުލާނު ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު އުފެއްދި ފަހުން މި ވީ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މިނިސްޓަރުން ވަނީ ގިނަ ދަތުރުތަކެއް އިންޑިއާ އަށް ކުރައްވައިފަ އެވެ. ބައެއް މިނިސްޓަރުން ވަނީ އެއް ފަހަރަށް ވުރެ ގިނައިން ވެސް އެގައުމަށް ރަސްމީ ދަތުރުތައް ކުރައްވައިފަ އެވެ.

ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ ވަކި ގައުމަކާ ހާއްސަ ގުޅުމެއް ބޭއްވުމުގެ ވިސްނުމެއް ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ނެތް ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ޝާހިދު ވިދާޅުވީ ގައުމަކާ ގުޅުން ބަދަހި ނުކުރާކަށް އަދި ވަކި ގައުމަކާ ހާއްސަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން، އަޅުގަނޑުމެންގެ މި ސަރަހައްދީ ހާލަތްތައް، ހަގީގަތްތައް ގަބޫލުކުރަން ޖެހޭނެ. އެހެންވީމާ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ރައްކާތެރިކުރުމުގައި ކަން ކުރަން ޖެހޭ ގޮތަށް މިސަރުކާރުން އަބަދުވެސް ކުރާނެ،" އޭނާ ވިދާޅުވި އެވެ.