Roadha Mihaaru
ތިމަރަފުށީ ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި

ތިމަރަފުށީ އެކްސިޑެންޓުގައި ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި

13 މާޗް 2019

ތ. ތިމަރަފުށީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ވޭން ދުއްވަން އިން މީހާގެ ލައިސެންސް ވަގުތީކޮށް ހިފަހައްޓައިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ތ. ތިމަރަފުށީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ވޭން ދުއްވަން އިން މީހާގެ ލައިސެންސް ވަގުތީކޮށް ހިފަހައްޓައިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވޭން ދުއްވަން އިނީ ދިވެއްސެއް ކަމަށެވެ. ނަމަވެސް ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ތިމަރަފުށީ އެއާޕޯޓަށް ދާ މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ 52 އަހަރުގެ ޒުލޭޚާ އަބްދުލް ޣަނީގެ ގައިގައި ވޭނުން ޖެހުނީ ދުއްވާފައި ދިޔަލެއް ބާރުކަމުން ކޮންޓްރޯލް ނުވެގެން ކަމަށް، އެނގިފައިވެ އެވެ.

ޒުލޭޚާ އިއްޔެ މާލެ ގެނެސް މިހާރު އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ. އޭނާގެ އާއިލާއިން ބުނީ އޭނާ އަދިވެސް އޮތީ ކޯމާއެއްގައި ކަމާއި ނޭވާލަމުން އަންނަނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށެވެ.

މާލޭގެ ސެނަހިޔާ ކައިރީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް ޓެކްސީ އަކުން ޖެހި މިދިޔަ މަހު ހިނގި އެކްސިޑެންޓާ ގުޅިގެން ޓެކްސީ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އޭނާގެ ހުއްދަ ބާތިލްކޮށްފަ އެވެ.

އެ ޑްރައިވަރަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 46 އަހަރުގެ އަންހެންމީހާ އަދިވެސް އޮތީ ނާޒުކް ހާލަތެއްގައި، އޭޑިކޭ އައިސީޔޫގަ އެވެ.